11 އޯގަސްޓް 2022 - 00:37

"ކަސްޓަމަރުންގެ ދިރިއުޅުން އާ ހަރުފަތަކަށް" އަމާޒުގައި އުރީދޫގެ މައި ކުންފުނި، އުރީދޫ ގްރޫޕުން އެ ކުންފުނީގެ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އަށް މިއަދު ބަދަލުކޮށް، ލޯގޯ ރީބްރޭންޑްކޮށްފި އެވެ.

އުރީދޫ ގުރޫޕަކީ މެދުއިރުމައްޗާއި، އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގައި ހަރަކާތްތެރިވާ އައިސީޓީ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެވެ. އެ ކުންފުނިން ރީ ބްރޭންޑުކޮށް މިއަދު ގެނައި ބަދަލުތަކަކީ ޒަމާނާ އެއްގޮތަށް ލޯގޯއަށް ބަދަލުތަކެއް ގެނެސް، ކުންފުނީގެ އަމާޒު، ޓެގުލައިނުން ދައްކައިދިނުމެވެ. އުރީދޫގެ އާ ލޯގޯގައި، ކުރިން އަކުރުތައް ވަށައިގެން ހުރި ރަތް ބޮޅުތައް ދޫކޮށް، ކުންފުނީގެ ނަން ވަނީ ފްލެޓް ޑިޒައިނަކަށް ބަދަލުކޮށްފަ އެވެ.
އުރީދޫން ބުނީ، އުރީދޫ މޯލްޑިވްސް އަކީ އުރީދޫ ގުރޫޕުގެ ތަސައްވަރާއި އަމާޒު އެންމެ ފުރިހަމަ އަށް ތަމްސީލު ކުރުމަށް އެންމެ ފުރަތަމަ އެ ބަދަލުތައް އިފްތިތާހު ކުރި ކުންފުނި ކަމަށެވެ. އުރީދޫން އެ ބަދަލުތައް އިފްތިތާހު ކޮށްފައި ވަނީ ރާއްޖޭގެ މާހައުލާ ގުޅުވައި ރާއްޖޭގެ ކަނޑުއަޑީގެ މާހައުލުގަ އެވެ. އަޕްގްރޭޑް ކޮށްފައިވާ ލޯގޯ އިފްތިތާހު ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމަދީ އެވެ.
އުރީދޫން ކުންފުނީގެ އާ ލޯގޯ އިފްތިތާހު ކުރުމުގެ ހަފްލާގައި އުރީދޫ ގްރޫޕުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އެގޮތުން އެ ގްރޫޕުގެ އެމްޑީ އަދި ސީއީއޯ އަލް އުތްމާން ފަހްރޫ ވަނީ ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި އުރީދޫ ގްރޫޕުގެ އެމްޑީ އަދި ސީއީއޯ ފަހްރޫ ވިދާޅުވީ، އެ ބަދަލަކީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުރިއަށް ގެންދާ ޓްރާންސްފޮމޭޝަން ޕްރޮގްރާމުގެ އާ މަރުހަލާއެއް ކަމަށެވެ. އަދި ކުންފުނިން އަބަދުވެސް މަސައްކަޔް ކުރަނީ ކަސްޓަނަރުންނާއި ހިއްސާދާރުންނަށް ލިބޭ މަންފާތައް އިތުރު ކުރުމުގެ ސަގާފަތް ދެމެހެއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އާ ޓެގު ލައިން އަކީ އުރީދޫގެ އެ އަމާޒު އެންމެ ފުރިހަމައަށް ދައްކައިދޭ ޓެގުލައިނެއް ކަމަށް ވެސް ވިދާޅުވި އެވެ.
އުރީދޫން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމަދީ ވަނީ ދިވެހި މުޖުތަމައު ކުރިއެރުވުމަށް އެ ކުންފުނިން ކުރާ މަސައްކަތްތަކާ އާ ޓެގުލައިންއާ ގުޅިފައިވާކަން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނާ އެކު މި މުޖުތަމައު އާ ހަރުފަތަކަށް ގެންދިއުމަށް ކަން ފާހަގަ ކުރައްވައި، ހިދުމަތް ފުޅާކޮށް، މުޖުތަމައު ތަރައްގީ ކުރުމަށް ކޮށްފައިވާ މަސައްކަތްތައް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން، މުޅި ރާއްޖެ ހިމެނޭ ގޮތަށް ބިނާ ކޮށްފައިވާ 4ޖީ+ ގެ ނެޓުވޯކާއި، 5ޖީގެ ފުޅާ ހިދުމަތާ އެކު ޓެކްނޮލޮޖީގެ އާ ހަރުފަތަކަށް ދިޔުމަށް އެ ކުންފުނިން ފަހިކޮށް، ކޮށައިދީފައިވާ މަގު ފާހަގަ ކުރެއްވި އެވެ.
އުރީދޫން ބުނީ، "އަޕްގްރޭޑް ޔޯ ވޯލްޑް" މެދުވެރިކޮށް، ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެންމެ އެކަށީގެންވާ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން، އެ ޓެގުލައިންއާ އެކު ކަސްޓަމަރުބް އުރީދޭ ފަދަ ހިދުމަތްތަކާއި ޕެކޭޖުތައް ތައާރަފު ކުރަމުން ދާނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ ކުންފުންޏަކީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޓެލެކޮމިޔުނިކޭޝަންސްގެ އިންފްރާސްޓްރަކްޗަރު ބިނާ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ރާއްޖެ އަށް 5ޖީ އެންމެ ފުރަތަމަ ތައާރަފު ކުރި ކުންފުންޏެވެ. އެ ކުންފުނިން އަންނަނީ ރާއްޖެ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.