10 އޯގަސްޓް 2022 - 22:12

ރާއްޖޭގެ އުންމީދީ ދުވުންތެރިޔާ އިބާދުﷲ އާދަމް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ސެމީ ފައިނަލަށް މިއަދު ދަތުރު ކޮށްފި އެވެ.

ތުރުކީގެ ކޮންޏާގައި ކުރިއަށްދާ ގޭމްސް އަކީ ޒުވާން ދުވުންތެރިޔާ ވާދަކުރާ މިފެންވަރުގެ ފުރަތަމަ މަލްޓީ ސްޕޯޓްސް ގޭމެވެ. އޮލިމްޕިކް ޓްރޭނިން ސްކޮލާޝިޕް ލިބިފައިވާ އިބާދުﷲ އަކީ އެތުލެޓިކްސްއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެތުލީޓެވެ. ސްޕްރިޓް ރޭސްތަކަށް ހާއްސަ ދުވުންތެރިޔާ ވަނީ 100 މީޓަރުގެ ރޭހުގައި ކުރި އެރުން ހޯދައިފަ އެވެ.
މިއަދު 200 މީޓަރުގެ ރޭހުގައި ވާދަކޮށް އޭނާ ވަނީ ވާދަކުރި ހީޓްގެ އެންމެ ގަދަ ހަތަރު ދުންތެރިންގެ ތެރޭގައި ހިމެނިގެން ސެމީ ފައިނަލުން ޖާގަ ކަށަވަރު ކޮށްފަ އެވެ. ހީޓް 1 ގައި ވާދަކޮށް އޭނާ ވަނީ ތިންވަނަ ހޯދައިފަ އެވެ. އޭނާ ރޭސް ނިންމީ 21.71 ސިކުންތުންނެވެ.
އެ ހީޓްގެ އެއްވަނަ ހޯދީ ކޮމޮރޯސްގެ ދުވުންތެރިޔާ މާރޫފޮއު އެވެ. އޭނާ ރޭސް ނިންމީ 20.79 ންނެވެ. ދެވަނަ ހޯދި ތަޖިކިސްތާންގެ ދުވުންތެރިޔާ ރޭސް ނިންމީ 21/71 ންނެވެ. ހަތަރުވަނަ އަށް ދިޔައީ ޔަމަންގެ ދުވުންތެރިޔާ އަލް ޔާރީ އެވެ. އޭނާ ރޭސް ނިންމީ 22.20 ސިކުންތުންނެވެ.
ސެމީ އަށް ކޮލިފައި ވީ ކޮންމެ ހީޓަކުން ގަދަ ހަތަރު ދުވުންތެރިންނެވެ. ރާއްޖޭގެ އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދަށް 200 މީޓަރުގައި ވެސް ކުރިމަތިވީ ނާކާމިޔާބެވެ. ހީޓް 2 ގައި ވާދަކޮށް އޭނާ ރޭސް ނިންމީ ފަސްވަނައިގަ އެވެ. އެހެންވެ އޭނާ އަށް ސެމީ އަށް ކޮލިފައި ނުވެވުނެވެ. ސާއިދު ރޭސް ނިންމީ 21.69 ސިކުންތުންނެވެ.
އެ ޙީޓުން އެއްވަނަ ހޯދީ ގޭމްސް ބާއްވާ ގައުމުތު ތުރުކީގެ ގުލިޔޭވް އެވެ. އޭނާ ވަނީ 20.67 ން ރޭސް ނިންމައިފަ އެވެ. ދެވަނަ ހޯދީ ބުރުނާއީގެ ދުވުންތެރިޔާ ޔައުގޫބް ރޭސް ނިންމީ 20.92 ންނެވެ. ތިންވަނަ ހޯދީ ކެމެރޫންގެ ދުވްުންތެރިޔާ ނަގާގުއިލޭ އެވެ. އޭނާ ރޭސް ނިންމީ 21.095 ސިކުންތުންނެވެ. ހަތަރު ވަނަ ހޯދި ޓޯގެ ނަޔޯ ރޭސް ނިންމީ 21.098 ސިކުންތުންނެވެ.