10 އޯގަސްޓް 2022 - 21:47

އޫރުމަސް އެކުލެވޭ ޕްރޮޑަކްޓެއް ވިއްކަން ހުރިކަން އެނގުމާ އެކު އެ ނުވިއްކަން ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

މި މައްސަލަ ސަމާލުކަމަށް އައީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައެއްގައި ރިޓެއިލްކުރާ ރެޑްވޭވުން މީހަކު ގަތް ގްރޭވީ މިކްސް ޕެކެޓެއްގެ އިންގްރީޑިއަންޓްސް ތެރޭގައި އޫރުމަސް ހުރިކަން އެނގުމުން އެ މީހާ ސޯޝަލް މީޑިއާގައި ފޮޓޯ އާންމުކުރުމުންނެވެ.
ރެޑްވޭވުން ބުނީ އެއީ އޮޅުމަކުން ހިނގާފައިވާ ކަމެއް ކަމަށާއި އެ ފިހާރައިގެ ސަމާލު ކަމަށް އެކަން އައުމާ އެކު އެ އެއްޗެހި ނަގާފައިވާ ކަމެށެވެ.
ހެލްތު މިނިސްޓްރީން މީޑިއާތަކަށް މިރޭ ފޮނުވި މެސެެޖެއްގައި ބުނީ އެ މައްސަލަ ފާހަގަކުރެވި އެ ޕްރޮޑަކްޓް ނުވިއްކަން އަންގައިފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު މިހާރު އިސްލާމިކް މިނިސްޓްރީއާ ވެސް ހިއްސާކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ދީނުގައި ހަރާމްކުރައްވައިފައިވާ އެއްޗެއް ފެނިއްޖެ ނަމަ ނުވަތަ ސިއްހަތަށް ނުރައްކާވާ އެއްޗެއް ފެނިއްޖެ ނަމަ އެ ޕްރޮޑަކްޓެއް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިއްކުން މަނާކުރެ އެވެ.