10 އޯގަސްޓް 2022 - 21:39

ރާއްޖޭގައި ކިޔަވައިދޭ ފޮތެއްގައި އިސްލާމް ދީނާ ހިލާފް ލިޔުމެއް އޮތީ 2014 ގައި ޗާޕްކޮށްގެން ބޭނުންކުރަމުން އައި ފޮތެއްގައި ކަމަށާއި މައްސަލަ ފާހަގަވުމާ އެކު އަލަށް ޗާޕްކުރި ފޮތްތަކުގައި ވާނީ އެކަން އިސްލާހުކޮށްފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިނގިރޭސި މާއްދާ ކިޔަވައިދޭން ބޭނުންކުރަމުން އަންނަ "އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖް" ފޮތުގައި ޕްލެނެޓެއް ރަމްޒުކޮށްދެނީ ކޮން ކަލާނގެއެއްތޯ ސުވާލުކޮށްފައި އޮތުމުން އޭގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް އެތައް ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ފޮތަކީ 2014 ވަނަ އަހަރު ޗާޕްކުރި ފޮތެއް ކަމަށާއި ކޮންޓެންޓުގައި މައްސަލައެއް ހުރިކަން ފާހަގަވެގެން އެ ފޮތަށް މިހާރު ބަދަލުގެނެސްފައިވާ ކަމަށެވެ. ނަމަވެސް ސްޓޮކްގައި ކުރީގެ ޗާޕުގެ ގިނަ އަދަދެއްގެ ކޮޕީ ހުރުމުން އެ ފޮތްތައް ވެސް ސުކޫލުތަކަށް ފޮނުވައިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"މި ފޮތް ދޭ އިރު މައްސަލަ ހުރި ބައި އުނިކުރުމަށް ސުކޫލުތަކަށް ވަނީ އިރުޝާދު ދެވިފައި. ބެލެވޭ ގޮތުގައި އެ ދައުރުވަނީ ކުރީގެ ފޮތެއްގެ ކޮޕީއެއް،" މިނިސްޓްރީން ބުންޏެވެ.
ކިޔަވައިދޭން ބޭނުންކުރާ ފޮތްތަކުން މިފަދަ ބައެއް މައްސަލަތައް މީގެ ކުރިން ވެސް ފާހަގަވެ އިސްލާހުކޮށްފައިވެ އެވެ.