10 އޯގަސްޓް 2022 - 20:57

އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ފުޅާކޮށް ހަރުދަނާކުރުމަށް ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު މިއަދު ފަށައިފި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން 85 ޕަސެންޓް އަދި ބާކީ ބައި ދިވެހި ސަރުކާރުން ހޭދަކޮށްގެން ހިންގާ ޕޮލިސް އިންފްރާސްޓްރަކްޗާ ފެސިލިޓީސް ޑިވެލޮޕްމަންޓް ފެށުމުގެ ގޮތުން މިއަދު ވަނީ ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތުގެ ބިންގާ އަޅައިފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުންގެ އުމްރާނީ ވަސީލަތްތައް ދެ އަހަރު ތެރޭ ތަރައްގީކުރުމަށް ހިންގާ މި މަޝްރޫގެ ޖުމްލަ އަގަކީ 48 މިލިއަން ޑޮލަރު (743 މިލިއަން ރުފިޔާ) އެވެ.
ފުލުހުންގެ އުމްރާނީ ތަރައްގީގެ މި މަޝްރޫގައި ދޫނިދޫގައި ކަސްޓޯޑިއަލް ފެސިލިޓީއެއް ގާއިމްކުރުމާއި ވިލިމާލޭގައި 400 މީހުންގެ ޖާގައިގެ އެކޮމޮޑޭޝަން އިމާރާތެއް އެޅުމާއި ދ.ވާނީގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒުގައި 100 މީހުންގެ އެކޮމޮޑޭޝަން އިމާރާތެއް އެޅުން ހިމެނެ އެވެ.
މީގެ އިތުރުން ހއ. ދިއްދޫ އާއި ގއ. ވިލިގިލީގައި ހުންނަ ޕޮލިސް ސްޓޭޝަންގައި އެކޮމޮޑޭޝަން އިމާރާތް ހެދުމާއި ހދ.ކުޅުދުއްފުއްޓާއި ހައްދުންމަތީ ގަމުގައި ހުންނަ ޕޮލިސް ސްޓޭޝަން ރީޖަނަލް ހެޑްކުއާޓަރަށް ބަދަލުކޮށް އެ ސަރަހައްދުތަކުގައި އިތުރު ފަސް ސެލްއެއް ހެދުން ވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕޮލިސް ސްޓޭޝަނެއް އެޅުމާއި މާލޭގެ ގަލޮޅު ޕޮލިސް ސްޓޭޝަން އެޅުމުގެ އިތުރުން އަތޮޅު ފެންވަރުގެ އިތުރު އަށް ޕޮލިސް ސްޓޭޝަން ގާއިމް ކުރުން ވެސް މި މަޝްރޫގެ ތެރޭގައި ހިމެނެ އެވެ. އަދި ރަށު ފެންވަރުގެ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓެއް ވެސް މި ޕްރޮޖެކްޓްގައި ހަދާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް ފުޅާކުރުމަކީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ އެންމެ މުހިންމު އެއް ހިދުމަތް ކަމަށެވެ. އަދިގައުމެއްގެ ކުރިއެރުމާއި ތަރައްގީ ބިނާވެފައި އޮންނަނީ އެ ބައެއްގެ މެދުގައި އޮންނަ އަމަންއަމާންކަމާއި ސުލްހަވެރިކަމާއި ހަމަޖެހުމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަޖެހުމެއް ނެތް މުޖުތަމައެއް ކުރިއަރާނެ ގޮތެއް ނޯންނާނެ. ސުލްހަވެރިކަމެއް ނެތް މުޖުތަމައަކަށް ފާގަތިކަމެއް ނުލިބޭނެ،" އިމްރާން ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރެވޭނީ ފުލުހުންނަށް ދެވޭ އިތުރު ހަރުދަނާ ތަމްރީނުގެ މައްޗަށްކަން ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ ފުލުހުންގެ ހިދުމަތުގެ ވަރަށް ހުތޫރަތްތެރި ނާޒުކު ހިސާބެއް ކަމަށާއި ފުލުހުންގެ މަސައްކަތާމެދު ގިނަ ސުވާލުތަކެއް އުފައްދާ ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ފުލުހުންނަކީ ވެހޭ ވިއްސާރައިގައި ދޭ ގަދަ އަވީގައި އަންނަ ކޮންމެ ވައިރޯޅިއެއްގައި އެކަމަށް ބެލުމެއް ނެތި ފުރާނައަތްމައްޗަށް ލައިގެން ނުކުމެ ރައްޔިތުންނަށް ހިދުމަތްކުރާ މީހުން. އެ ފުލުހުންގެ އާއިލާތަކަށް އެކަން އިހުސާސް ކުރެވޭނެ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އޭނާގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި ލުހުންނާމެދު ދިވެހިންގެ ތަސައްވަރު ރަނގަޅުކޮށް ފުލުހުންނަކީ ދިވެހިން އިޙްތިރާމްކުރާ އިތުބާރުކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ.