11 އޯގަސްޓް 2022 - 06:50

މިއަދު ރިލީޒްކުރާ ފިލްމު، "ލާލް ސިންގް ޗައްދާ" އަށް ވާނެ ގޮތެއް ނޭނގޭތީ އެކަމާ ބިރުން ނުނިދޭތާ ދެ ދުވަސް ވެއްޖެ ކަމަށް އާމިރް ޚާން ބުނެފި އެވެ.
އެންމެ ފަހުން ފެނުނީ އާމިރުގެ "ތަގްސް އޮފް ހިންދޮސްތާން" އެވެ. 2018 ގައި ރިލީޒްކުރި އެ ފިލްމު ބޮޑު ފްލޮޕަކަށްވެ އާމިރު ފިލްމު ކުޅުމުން ބްރޭކެއް ނެގި އެވެ. އެ ދޭތެރޭގައި އޭނާ ވަނީ ފިލްމީ ދާއިރާއިން ދުރަށް ދިއުމަށް ވެސް ވިސްނައިފަ އެވެ.
އެކަމަކު އާއިލާ މީހުން އާމިރަށް ވިސްނައިދީގެން އޭނާ "ލާލް ސިންގް ޗައްދާ" އާ އެކު ކުރިއަށް ދާން ނިންމީ އެވެ.
އެކަމަކު އެ ފިލްމު ބޮއިކޮޓް ކުރުމަށް ގިނަ ބަޔަކު ގޮވަމުން ދަނިކޮށް މިއަދު ރިލީޒްކުރި ފިލްމަށް ވާނެ ގޮތެއް ނޭނގި ހިތްބިރުގަނެފައިވާ ކަމަށް އާމިރު ބުންޏެވެ. އިއްޔެ ދިން އެ އިންޓަވިއުގައި އޭނާ ބުނީ ފިލްމު ރިލީޒްކުރާ ދުވަސް ގާތްވެ، ފާއިތުވި 48 ގަޑިއިރު އޭނާ އެއްގޮތަކަށް ވެސް ނުނިދާ ކަމަށެވެ.
އެހެންވެ ހާސްކަމާ ދުރުވާން ކުރާ ކަމަކީ ފޮތް ކިޔުން ކަމަށް އޭނާ ބުންޏެވެ.
އާމިރު ބުނި ގޮތުގައި އޭނާއަށް ދެން ކިރިޔާވެސް ނިދާލެވޭނީ މިއަދަށް ފަހު އެވެ.
އާމިރު ސަޕޯޓަރުންގެ ގާތު އާދޭހާ އެކު އެދިފައި ވަނީ ފިލްމު ބޮއިކޮޓް ނުކުރުމަށެވެ.
އާމިރު ހާނާއި ކަރީނާ ކަޕޫރު ބައިވެރިވާ މި ފިލްމަކީ ހޮލީވުޑް ފިލްމު ފޮރެސްޓް ގަމްޕްގެ ހިންދީ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަދްވައިތު ޗަންދަން އެވެ.