10 އޯގަސްޓް 2022 - 13:26

ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާ އެކު، ގްރީން ޓެކްސް ނެގޭނެ އެއްވެސް ގޮތެއް ނެތި އޮއްވާ، ބައެއް ރިސޯޓްތަކުން ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ގްރީން ޓެކްސް އަކީ، ނޮވެމްބަރު 2015 އިން ފެށިގެން ނަގަމުން އަންނަ ޓެކްސް އެކެވެ. ރިސޯޓްތަކުގައި ހޭދަކުރާ ކޮންމެ ޓޫރިސްޓެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ދުވާލަކު 6 ޑޮލަރުގެ ޓެކްސްއެއް ނަގަމުން އަންނަނިކޮށް، ޖުލައި 5 ވަނަ ދުވަހު ގާނޫނު ބަދަލުކުރީ އޭގެ ތެރެއަށް ގެސްޓް ހައުސްތަކާއި ހޮޓާތައް ވެސް، ހިމެނުމަށެވެ.
ގާނޫނަށް ބަދަލު ގެނައިއިރު، އެރި އޮޅުމަކުން ގްރީން ޓެކްސް ނަގަން ފަށާނެ ތާރީހެއް ކަމަށް ލިޔެވިފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 1 އެވެ. އެހެންވެ، މިހާރު ޓޫރިސްޓުންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސް ވެސް ނެގޭނެ ގޮތެއް ނެތެވެ.
އެކަމަކު، އެކަން ޓޫރިޒަމް މިނިސްޓްރީން ރިސޯޓްތަކަށް އަންގާފައި ނުވާތީ ވަރަށް ގިނަ ރިސޯޓްތަކުން މިހާރު ވެސް ދަނީ ޓޫރިސްޓުންގެ އަތުން އެ ޓެކްސް ނަގަމުންނެވެ. ރިސޯޓަކުން ވާހަކަ ދެއްކި މީހަކު ބުނީ، އެ ޓެކްސްއާ ދޭތެރޭ ހަދަން ޖެހޭ ގޮތެއް ސާފުކޮށް އަންގާފައި ނުވާތީ ޓޫރިސްޓުންގެ އަތުން މިހާރު ވެސް ޓެކްސް ނަގަމުންދާ ކަމަށެވެ.
ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނެގިދާނެތޯ ދެންނެވުމުން މިނިސްޓަރު ޑރ. އަހުމަދު މައުސޫމް މިއަދު ވިދާޅުވީ އެއީ ބަހުސެއް އޮތް މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ ޓެކްސް ނަގައިފި ނަމަ އެ ޓެކްސް ޓޫރިސްޓް މީހާއާ އަނބުރާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.
"އަނެއްގޮތަކީ މީރާއާ އެ ފައިސާ ހަވާލުކުރުން،" އޭނާ ވިދާޅުވި އެވެ.
އެ ފައިސާ މީރާއާ ހަވާލުކުރަން ޖެހެނީ ކީއްވެގެންތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ސަބަބަކީ ޓެކްސްގެ ގޮތުގައި އެ ފައިސާ ނަގާފައިވާތީ ކަމަށެވެ.
ނަމަވެސް ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނުނަގަން މިނިސްޓްރީން މިހާތަނަށް އަންގައިފައެއް ނުވެ އެވެ. އެއީ ކީއްވެގެންތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ގާނޫނު އިސްލާހު ކުރުމަށް އެޓާނީ ޖެނެރަލް އަށް ފޮނުވާފައިވާނެ ކަމަށެވެ. ޓޫރިޒަމުން ރިސޯޓްތަކަށް ފޮނުވި ސާކިއުލާއެއްގައި ހަމައެކަނި ބުނެފައި ވަނީ ގާނޫނަށް އިސްލާހު ގެންނާނެ ވާހަކަ އެކަންޏެވެ.
ގްރީން ޓެކްސް އަކީ ވެސް ދައުލަތަށް ކޮންމެ އަހަރަކު ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ޓެކްސް އެކެވެ. އެއީ އަހަރަކު ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
މީރާ މީޑިއާ އޮފިޝަލް އަހުމަދު ޝަރީފު ވިދާޅުވީ، ގްރީން ޓެކްސް ދެއްކުމުގައި ވަކި ހާއްސަ ގޮތެއް ނިންމާފައިނުވާނެ ކަމަށެވެ. އެފަދަ ނިންމުންތައް ނިންމާނީ ފިނޭންސް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގާނޫނަށް މިދިޔަ މަހު ބަދަލު ގެނެސްފައިވާ އިރު އެ ބަދަލު ގެނައި މުއްދަތުގައި ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ، ޓޫރިސްޓުންގެ އަތުން ނަގާފައިވާ ނަމަ، އެ ފައިސާއެއް އަނބުރާ ނެގި ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރެވިއްޖެ ހާލަތެއްގައި އެ ފައިސާ މީރާ އަށް ދައްކަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ބައެއް ރިސޯޓްތަކުން ވަނީ އެ ރިސޯޓްތަކަށް ނޭނގިތިބެ ޓޫރިސްޓުންގެ އަތުން ޓެކްސް ނަގައި، އެ ފައިސާ މީރާ އަށް ވެސް ދައްކައިފަ އެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ގާނޫނަށް އައި ބަދަލާ އެކު، ޖުލައި 5-31 އާ ދެމެދު ފައިލް ކުރި ބަޔާންތަކުގައި ހުރި ފައިސާ މީރާ އިން އަނބުރާ ރިސޯޓްތަކަށް ދޭން ޖެހޭނެ އެވެ.