10 އޯގަސްޓް 2022 - 12:19

މި މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ޓިކެޓް ދިނުމުގެ އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

މި މަހުގެ 19-21 އަށް ސޯޝަލް ސެންޓަރުގައި ބާއްވާ ކޮންގްރެސްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓާ މެދު ގޮތެއް ނިންމާނެ ކަމަށް އޮތީ ވާހަކަ ދެކެވިފަ އެވެ. ޕާޓީގެ ކޮންޓްރޯލް އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުން ބޭނުން ވަނީ، ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓުގައި ދެ ވަނަ ދައުރަކަށް އެމަނިކުފާނު ވާދަކުރެއްވުމަށް ކޮންގްރެސްގައި ޓިކެޓް ދޭން ކަމުގެ ތުހުމަތު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ކުރި އެވެ.
މި ތުހުމަތު އެންމެ ބޮޑުވީ، އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނާއި އޭގެ ފަހުން ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާންކުރެއްވުމުންނެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަޝީދު ވެސް ވަނީ ނިންމަވައިފަ އެވެ.
އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭ ގޮތުން ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހިމް ރަޝީދު (އިބުރޭ) ވިދާޅުވީ، ޕާޓީގެ އަަސާސީ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ވެސް އެ ކޮންގްރެސްގައި ގޮތެއް ނިންމާނެ ކަމަށެވެ. ޕްރައިމަރީ ބޭއްވުމާ މެދު އަސާސީ ގަވާއިދުގައި މިހާރު އޮތް ގޮތަށް އެއްވެސް އިސްލާހެއް ގެނައުމަށް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިޔާސީ ޓިކެޓާ ގުޅޭ އެއްވެސް އިސްލާހެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މި މަހުގެ 19-21 އަށް ސޯޝަލް ސެންޓަރުގައި ބާއްވާ އެ ކޮންގްރެސްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި މޭޔަރުންނާއި ގޮފިތަކުގެ ރައީސުންނާއި ކައުންސިލަރުން ހިމެނޭހެން 1،447 މެންބަރުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
.އަސާސީ ގަވައިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ޕާޓީ ހިންގުމުގައި ދަތިވެފައިވާ ބައެއް ކަންކަމާއި އަސާސީ ގަވާއިދުން ސާފުނުވެ ހުރި ކަންކަން ސާފުކޮށްދިނުން ކަމަށް ވެސް އިބުރޭ ވިދާޅުވި އެވެ.
"ހުރިހާ ބޭފުޅުން ވެސް އަސާސީ ގަވާއިދާ ބެހޭ ގޮތުން ކޮންސާނަކަށް ވަނީ ރިޔާސީ ޓިކެޓް. އެ ކަހަލަ އެއްވެސް ކަމެއް ނެތް. އެއްވެސް ބޭފުޅަކު އެ ކަހަލަ އިސްލާހެއް ހުށަހަޅާފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އިބުރޭ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ރިޔާސީ ކެންޑިޑޭޓް ނިންމާނީ ޕްރައިމަރީއަކުންނެވެ. އަދި ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމުގެ ބާރު ގައުމީ މަޖިލީހަށް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސް ބާއްވާ ދުވަސްތަކުގައި ސޯޝަލް ސެންޓަރަކީ ވަރަށް "ހެޕަނިން" ތަނަކަށް ހެދުމަށް މަސައްކަތް ކުރާ ކަމަށް ވެސް އިބުރޭ ވިދާޅުވި އެވެ. ކޮންގްރެސް ނިންމާނީ ވެސް ހަވާއެރުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ މެދު އެމްޑީޕީން ދެކޭ ގޮތް ވެސް ކޮންގްރެސްގައި ނިންމާނެ އެވެ.
"ކޮންގްރެސްގައި އޮޕެންކޮށް ކުރެވޭނެ އެންމެ ބޮޑު ކަމަކަށް އަޅުގަނޑަށް ފާހަގަ ވަނީ ނިޒާމީ ބަހުސް އަޅުގަނޑުމެން މި ކިޔާ. އެއީ އަޅުގަނޑުމެންގެ ޕާޓީގެ ރައީސް ހުށަހަޅުއްވައިފައި އޮތް ގޮތަށް އޮތް އެއްޗެއް، ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ކޮން ކަހަލަ ވެރިކަމުގެ ކޮން ނިޒާމެއްތޯ މި ޕާޓީން ނިންމުމަށް،" އިބުރޭ ވިދާޅުވި އެވެ.