ދަރިވަރުން މާސްކް ނާޅަން ބައެއް ސްކޫލްތަކުން އަންގައިފި
ދަރިވަރުން މާސްކް ނާޅަން ބައެއް ސްކޫލްތަކުން އަންގައިފި

ރާއްޖޭގައި ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާތީ، ސްކޫލްގައި އުޅޭއިރު ދަރިވަރުން މާސްކް ނާޅަން ބައެއް ސްކޫލުތަކުން ދަރިވަރުންނަށް އަންގައިފި އެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމުން ސްކޫލުތައް ބަންދުކޮށް އަލުން ކިޔެވުން ފެށީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އޭގެ ތެރޭގައި ސްކޫލުގައި އުޅޭއިރު މާސްކް އަޅައިގެން އުޅުން ހިމެނެ އެވެ.

އެކަމަކު އާންމު ހާލަތަށް އައި ފަހުން ވެސް ދަރިވަރުން މާސްކް އަޅައިގެން ސްކޫލަށް ދާތީ ބައެއް ސްކޫލުތަކުން ބެލެނިވެރިންނަށް އަންގާފައި ވަނީ މާސްކް އަޅައިގެން އުޅުމުން ދަރިވަރުންނަށް އެންމެ ފުރިހަމަގޮތުގައި ފިލާވަޅުތަކުގައި ބައިވެރިނުވެވޭ ކަމަށާއި މުއާމަލާތްކުރުމާ ވެސް ދުރުވަމުންދާ ކަމަށެވެ.

އެހެންވެ ސިއްހީ މައްސަލައަކާ ގުޅިގެން މާސްކް އަޅަން ޖެހިފައިވާ ދަރިވަރުން ފިޔަވައި އެހެން ދަރިވަރުން މާސްކް ނާޅުވާ ފޮނުވައިދޭން ސްކޫލުތަކުން ބެލެނިވެރިންނަށް އަންގާފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އުވާލައި، މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުން އުވާލީ މީގެ ހަތަރު މަސް ކުރިންނެވެ.

އެއާ އެކު އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ސްކޫލަށް ކުދިން ހާޒިރުވާއިރު މާސްކް އެޅުން މަޖޫރުކުރި ކުރުން އުވާލައިފަ އެވެ. އެކަމަކު ދަރިވަރާއި ބެލެނިވެރިޔާ ބޭނުން ނަމަ ދަރިވަރުން މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެ ކަމަށް އޭރު އޮތެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާއިރު ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބައެއް ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. އެއީ 85 ޕަސެންޓެވެ. އަދި 36.6 ޕަސެންޓް މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހައިފަ އެވެ.