10 އޯގަސްޓް 2022 - 11:38

ޓެކްސް އިދާރާ، މީރާގެ އޮފީސް އިއްޔެ ރޭ ފަޅާލައި ވަން މީހާ އަށް ނެގުނީ މުވައްޒަފެއްގެ ކައުންޓަރުގައި ބާއްވާފައި އޮތް 25ރ. ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.
އަމީނީ މަގުގައި ހުންނަ ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތުގެ އެންމެ ތިރީގައި ހިންގާ މީރާ އިން ބުނީ، އެ އޮފީހަށް ދަންވަރުގެ ވަގުތެއްގައި މީހަކު ވަނީ އިމާރާތުގެ ފުރަގަހުގެ ކުޑަ ދޮރެއް ތަޅާލައިގެންނެވެ. އެ އިމާރާތުގެ މައި ދޮރާށި ކައިރީ ފުލުހުންގެ ޕޯސްޓެއް ވެސް ހުރެ އެވެ. އަދި އެއީ ފުލުހުން 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދެކެވެ.
މީރާ އިން ޓެކްސް ފައިސާ ބަލައިގަތް ނަމަވެސް ކައުންޓަރުތަކުގައި އެއްވެސް އިރަކު ފައިސާ ނުބަހައްޓަ އެވެ. މުވައްޒަފު އަތުން ގެއްލުނު 25ރ. ގެ އިތުރުން އެއްވެސް ފައިސާއެއް ނަގާފައެއް ނުވެ އެވެ.
މީރާ އިން ބުނީ، އެ އިދާރާ އަށް ވަގު ވަން މަންޒަރު ސެކިއުރިޓީ ކެމެރާތަކުން ކަން ފެންނަ ކަމަށެވެ. އަދި އެ އިދާރާ ފަޅާލި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.