10 އޯގަސްޓް 2022 - 10:42

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލަ ތަހުގީގުކުރަމުންދަނިކޮށް ރާއްޖެއިން ފުރައިގެން ދިޔަ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލައިގެ ތަހުގީގު ފަށާފައި ވަނިކޮށް ގުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި އިބްރާހިމް ރާފިއު އާއި ތުހުމަތުކުރެވޭ އިތުރު ބަޔަކު ވަނީ ބޭރަށް ފުރައިފަ އެވެ.
އެކަން ހިނގި ކަމަށް އެއްބަސްވެ ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގެ ތަހުގީގުގައި މީހުން އައިޑެންޓިފައިކޮށް ފުރުން މަނާކުރުމުގެ އަމުރު ނެރުނުއިރު ބައެއް މީހުން ރާއްޖެއިން ފުރާފައިވާ ކަމަށެވެ. އެކަމަކު މައްސަލައިގެ ތަހުގީގު އެބަދާ ކަމަށް ފުލުހުން ބުންޏެވެ.
"އެ މީހުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުންނެވެ،" ފުލުހުން ބުންޏެވެ.
އެއް ޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން ރާފިއު ބޭރަށް ފުރީ މި ހަފުތާގަ އެެވެ. އޭރު، އޭނާއަށް ތުހުމަތުކުރެވޭ މައްސަލަ ބަލާކަން ފުލުހުން އިސްލާމިކް މިނިސްޓްރީ އަށް އެންގުމުން އެތަނުން ވަނީ އޭނާ މަގާމުން ވެސް ވަކިކޮށްފަ އެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފުލުހުންނަށް ވީޑިއޯ ލިބުނު އަދަދު 40 އާ ގާތް ކުރެ އެވެ. އޭގެ ތެރެއިން ފުލުހުން މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ހިފަހައްޓާފައި ވަނީ 18 މީހެއްގެ ޕާސްޕޯޓެވެ.
ވީޑިއޯތަކުގައި ހިމެނޭ މީހުން ދެނެގަނެ، ފުލުހުން ދަނީ އޭގެ ތެރެއިން ބަޔަކު ސަރުކާރުގެ އެކި މަގާމުތަކުގައި އުޅޭ ނަމަ، މުއައްސަސާތަކަށް ވެސް އެކަން އަންގަމުންނެވެ. މިހާތަނަށް ޓީޗަރުންނާއި ކަސްޓަމްސްގެ މުވައްޒަފުންތަކަކާއި ހުޅުމާލޭގެ މިސްކިތެއްގެ މުދިމަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ މުވައްޒަފުންތަކެއް ވެސް ވަނީ އެ މައްސަލައާ ގުޅިގެން ސަސްޕެންޑްކޮށްފަ އެވެ.
އާލަމްގީރު ހިމެނޭހެން އެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ އޭނާގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހެކެވެ.
މީގެ ތެރެއިން ކާނަލް ފިޔަވައި އެހެން އެންމެންގެ މައްސަލަތައް ނިންމައި ދައުވާކުރަން އެދި ފުލުހުން އިއްޔެ ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. ޖިންސީކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުން އެ މީހުންގެ މައްޗަށް އުފުލި ދައުވާ ސާބިތުވެއްޖެ ނަމަ 5-7 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.