10 އޯގަސްޓް 2022 - 15:54

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރާއެކު، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ޕާސްޕޯޓް ހިފަހައްޓާފައިވާ ދެ މީހަކު އުމްރާ އަށް ދާން ވަގުތީ ހުއްދަދީފި އެވެ.
އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކުގެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، ވީޑިއޯތަކުން ފެންނަ މީހުން ވަކިކޮށް، ފުރުން މަނާކުރުމުގެ އަމުރު ފުލުހުން ދަނީ ނެރެމުންނެވެ.
މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 18 މީހެއްގެ ޕާސްޕޯޓް ފުލުހުން ހިފަހައްޓާފައިވެ އެވެ.
ފުލުހުން ބުނީ، އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގެ ތަހުގީގާ ގުޅިގެން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރެއިން އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ އިންތިޒާމުތައް ކުރިން ހަމަޖައްސާފައިވާ ދެ މީހަކު އެ އަޅުކަމަށް ފުރުމަށް ވަގުތީ ހުއްދައެެއް ދީފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އިތުރު މީހަކު ވެސް ވަނީ އުމްރާ އަށް ދިއުމަށް ޕާސްޕޯޓް ދޫކޮށްލުމަށް އެދިފަ އެވެ. އެ މީހާ އުމްރާއަށް ފުރާ ގޮތަށް އޮތީ އަންނަ ހަފުތާގަ އެވެ. އެކަމަކު އެ މީހާގެ ޕާސްޕޯޓް ދުލެއް ނުކުރެ އެވެ.
ފުލުހުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ކުރިން ވެސް އުމްރާ އަށް ދިއުމަށް ނިންމައި، ފައިސާ ދައްކައި ހުރިހާ ތައްޔާރީއެއް ވެފައިވާ ކަމަށް ވެ އެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި މިހާތަނަށް ފުލުހުން އާލަމްގީރާ އެކު ތިން މީހަކު ހައްޔަރުކޮށްފައި ވެ އެވެ. ފުލުހުންނަށް އަދި ލިބިފައިވާ ވީޑިއޯގެ އަދަދު އުޅެނީ 40 އާ ގާތް ކުރާ އަދަދެއްގަ އެވެ.
އެ މީހުން އައިޑޭންޓިފައިކޮށް، ފުރުން މަނާކުރުމަށް އަމުރު ނެރެމުން އަންނައިރު އޭގެ ތެރެއިން ބައެއް މީހުން ވަނީ ރާއްޖެ އިން ބޭރަށް ކުރިން ފުރައިފަ އެވެ. އެކަމަކު ތަހުގީގުގެ ތެރެއިން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އާލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހެކެވެ. މީގެ ތެރެއިން ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް މިހާތަނަށް ފޮނުވީ ނާޒިމަށާއި ފުލުސް މީހާގެ މައްޗަށެވެ.