10 އޯގަސްޓް 2022 - 06:25

ބޮޑު ބްރޭކަކަށް ފަހު ބޮލީވުޑްގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކިރަން ރާއޯ، ފިލްމު ޑައިރެކްޓްކުރަން ފަށައިފި އެެވެ.

"ލަގާން" ގެ ސެޓުން ފިލްމު އެސިސްޓެންޓެއްގެ ގޮތުގައި ފިލްމީ ދާއިރާގައި މަސައްކަތްކުރަން ފެށި ކިރަން ޑައިރެކްޓް ކުރި ފުރަތަމަ ފިލްމަކީ "ދޯބީ ގަޓް" އެވެ. އޭގެ 11 އަހަރު ފަހުން އޭނާ އަނެއްކާ ވެސް ވަނީ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ފަށައިފަ އެވެ.
ކިރަންގެ ކުރިއަށް އޮތް ފިލްމަކީ "ލާޕަތާ ލޭޑީސް" އެވެ. އެ ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމަކީ އިންޑިއާގެ ރަށްފުށު ސަރަހައްދެއްގައި ހިނގާ ކަމެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގައި ރޭލަކުން ދެ އަންހެން ކުދިން ގެއްލޭ މަންޒަރުތަކެއް ފެންނާނެ ކަމަށްވެ އެވެ.
ފިލްމުގައި އެހާ މަޝްހޫރު މޫނުތަކެއް ނުފެންނާނެ އެވެ. އަދި މުޅިން އާ ދެ ތަރިއަކު ވެސް ފެންނާނެ އެވެ.
އެ ފިލްމުގެ ފުރަތަމަ ޓީޒާ ދައްކާލާނީ މިމަހުގެ 11 ގައި އާމިރު ހާންގެ ފިލްމު "ލާލް ސިންގް ޗައްދާ" ރިލީޒްކުރާއިރު ސިނަމާގަ އެވެ.
އެ ފިލްމު ޕްރޮޑިއުސްކުރަނީ ކިރަން އާއި އޭނާގެ ކުރީގެ ފިރިމީހާ އާމިރު ހާނެވެ.
ކިރަން ވަނީ ބޮލީވުޑުގައި ހިޓްވި "ދަންގަލް" އާއި "ސީކްރެޓް ސުޕަސްޓާ" އަދި "ދިލް ޗާތާ ހޭ" ކަހަލަ ފިލްމުތައް ޕްރޮޑިއުސްކޮށްފަ އެވެ.