09 އޯގަސްޓް 2022 - 17:52

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޗެކިން ސިސްޓަމަށް ޖެހުނު މައްސަލައާ ގުޅިގެން ސިސްޓަމްތައް އަދިވެސް އަޕްގްރޭޑް ކުރާތީ، ދޭތެރެދޭތެރެއިން ބައެއް ސިސްޓަމްތައް ޑައުން ކުރަން ފަށައިފި އެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް އެފެއާޒް، ހަސަން އަރީފް މިއަދު ވިދާޅުވީ، ސިސްޓަމަށް ޖެހުނު ބޮޑު މައްސަލަ ހައްލުވިޔަސް ސިސްޓަމުގައި ހުރި ކުދިކުދި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ.
ހަސަން ވިދާޅުވީ، އެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ދުވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ބައިނަލްއަގްވާމީ އަދި އެތެރޭގެ އުދުހުންތަކުގެ ޗެކިން ކައުންޓަރުގެ ސިސްޓަމްތަކުގެ ޓެކްނިކަލް ބައެއް މަސައްކަތްތައް ކުރާތީ، ފުރާ މީހުންނަށް ޗެކިން ވާން ބައެއް ފަހަރު ގިނަ ވަގުތު ހޭދަކުރަން ޖެހެ އެވެ.
އެމްއޭސީއެލްގެ ޗެކިން ސިސްޓަމްތަކަށް މީގެ ކުރިން އެފަދަ އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. އެކަމަކު މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޗެކިން ސިސްޓަމްތަކަށް ސޮފްޓްވެއާގެ މައްސަލަތައް ދިމާވެ، ބޯޑިން ފާސް ދިނުމާއި އެހެނިހެން ކަންކަން ކުރިމަތިވި އެވެ. އޭގެ ސަބަބުން ބައެއް ފްލައިޓްތައް ޑިލޭވި އެވެ.
ޗެކިން ސިސްޓަމް ޑައުންވާން މެދުވެރިވި ސަބަބު އަދި ސާފުނުވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.