ކުންފުނިތަކުގެ ނަމުގައި ފޭކް ބުކިން ހެދި ދެ މީހަކު ހައްޔަރުކޮށްފި
ކުންފުނިތަކުގެ ނަމުގައި ފޭކް ބުކިން ހެދި ދެ މީހަކު ހައްޔަރުކޮށްފި

އެކި ކުންފުނިތަކުގެ ނަމުގައި ފޭކް ބުކިން ހައްދައިގެން ގެސްޓް ހައުސްތަކަށް ޗެކިންވި ދެ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގދ. ފަރެސްމާތޮޑާގެ އުމުރުން 20 އަހަރުގެ ފިރިހެނަކާއި ހަމަ އެ ރަށުގެ 22 އަހަރުގެ ފިރިހެނެކެވެ.

މަކަރާއި ހީލަތް ހެދުމާއި ފޯޖަރީގެ ކުށުގެ ތުހުމަތުގައި އެ ދެ މީހުން ބަންދުކޮށްފައި ވަނީ ފަސް ދުވަހަށެވެ.

އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ ފޭކް ޑޮކިއުމަންޓްތަކެއް ހަދައިގެން ކުންފުންޏެއްގެ ނަމުގައި ހޮޓެލަކަށް ޗެކިންވެގެން އުޅެނިކޮށެވެ.

އެ މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، ބަންދުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް އަމުރުގައިވެ އެވެ.