އެމެރިކާއިން ރާއްޖެއަށް 99،000 ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކޮށްފި
އެމެރިކާއިން ރާއްޖެއަށް 99،000 ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން އެމެރިކާ އިން ރާއްޖެއަށް 99،000 އަކަށް ވުރެ ގިނަ ޑޯޒް ވެކްސިން ރާއްޖެއަށް މިއަދު ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމެރިކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ 99,450 ޑޯޒްގެ ކޮވިޑް ވެކްސިނެވެ. އޭގެ ތެރޭގައި ހިމެނެނީ ފައިޒާ އާއި މޮޑާނާ ވެކްސިންނެވެ.

ލައްކައަކާ ގާތް ކުރާ އަދަދަކަށް އެމެރިކާއިން ވެކްސިން ހަދިޔާކުރިއިރު މީގެ ދެ މަސް ކުރިން ވެސް އެމެރިކާ އިން ވަނީ ކޯވެކްސް ފެސިލިޓީގެ ދަށުން 100،620 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކޮށްފަ އެވެ. އެފަހަރު ވެކްސިން ހަދިޔާކުރީ ކޮވިޑުގެ އާ ވޭރިއަންޓުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒް ޖެހުމަށް ކަމަށް އެމެރިކާ އިން ބުނެފައިވެ އެވެ.

ކޮވިޑް ބަލިމަޑުކަން ރާއްޖެއަށް ފޯރުމާ އެކު އެމެރިކާ އިން ވަނީ ހަތް މިލިއަން ޑޮލަރުގެ އެހީގެ އިތުރުން 60 ވެންޓިލޭޓަރު ވެސް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެގައުމުން ވަނީ ކްލިނިކަލް ކެއާ ހިދުމަތް ވަރުގަދަކުރުމަށާއި ބަލީގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާދޭނެ ނިޒާމު ވަރުގަދަ ކުރުމަށް ވެސް އެހީވެފަ އެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ކޮވިޑް ވެކްސިން ލިބިފައިވާއިރު މިހާރު ކޮވިޑްގެ ކޭސްތައް ވެސް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފަ އެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި މުޅި ރާއްޖެއިން ފެނުނީ ކޮވިޑް 106 ކޭސް އެވެ. އަދި އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނީ އެންމެ ފަސް މީހުންނެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 84 ޕަސެންޓެވެ. ބޫސްޓާ ޑޯޒް ޖަހާފައި ވަނީ 36 ޕަސެންޓެވެ.