08 އޯގަސްޓް 2022 - 13:34

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ތަހުގީގު ފަށާފައި ވަނިކޮށް، ގުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި އިބްރާހިމް ރާފިއު ރާއްޖެ އިން ބޭރަށް ފުރައިފި އެވެ.
އޭނާގެ ގާތް ބައެއް މީހުން އެ ކަން "މިހާރު" އަށް ކަށަވަރުކޮށްދިނެވެ.
މި ހަފުތާގައި އޭނާ ފުރީ، އެނގިފައިވާ ގޮތުގައި، އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި އޭނާއަށް ތުހުމަތުކޮށް، ތަހުގީގުކުރާ ކަން އިސްލާމިކް މިނިސްޓްރީ އަށް ވެސް އަންގާފައި ވަނިކޮށެވެ. އެ މައްސަލާގައި އެނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ގުރުއާން މުދައްރިސެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ރާފިއު އަކީ އެމްޑީޕީގެ ޖަލްސާތައް ފެށުމަށް އާންމު ގޮތެއްގައި ގުރުއާން ކިޔަވާ މީހާ އެވެ. ރާފިއުއަކީ ވަރަށް ކުރިއްސުރެ ކުދިންނަށް ގުރުއާން ކިޔަވައިދޭ މުދައްރިސެއްގެ އިތުރުން ކުރިން ރ. މީދޫގެ ކަތީބުގެ މަގާމު ވެސް ފުރާފައިވާ މީހެކެވެ.
ރާފިއުގެ ވީޑީއޯ ލީކުކޮށްލީ އޭނާ ރާއްޖެ އިން ބޭރަށް ފުރި ފަހުން މިއަދުގެ ވަގުތެއްގަ އެވެ. ގިނަ ބަޔަކާ އެކު އާލަމްގީރު ހުތުރު އަމަލު ހިންގާ ކޮޓަރިއަށް ރާފިއު ވަދެ، އަލަމްގީރާ ވާހަކަ ދައްކަން އިންނަ މަންޒަރު އެ ވީޑިއޯގައި ފެނެ އެވެ.
އެތަނުގައި ކެމެރާ ހުރިތޯ ވެސް ރާފިއު ސުވާލުކުރެ އެވެ. ފަހުން، އާލަމްގީރުގެ ސުވާލުތަކަށް ޖަވާބު ދެމުން އަންހެނުން މަރުވެފައިވާ ކަމަށް ވެސް ރާފިއު ބުނެ އެވެ.
ރާފިއު ރާއްޖެ އިން ބޭރަށް ފުރާފައިވާ އިރު، ފުލުހުން މި ފަހުން ވަނީ ވިޑިއޯތަކުން ފެންނަ ގިނަ ބައެއްގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ. އަމުރު ނެރުނު އިރު ރާފިއު ހިމެނޭހެން މައްސަލައިގައި ތުހުމަތުވާ ދެތިން މީހަކު ވަނީ ބޭރަށް ފުރައިފަ އެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފުލުހުންނަށް ވީޑިއޯ ލިބުނު އަދަދު 50 އާ ގާތްކުރެ އެވެ.
ފުލުހުން އަންނަނީ އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކުގައި ހިމެނޭ މީހުން ދެނެގަނެ، ސަރުކާރުގެ އެކި މަގާމުތަކުގައި އުޅޭ ނަމަ މުއައްސަސާތަކަށް ތަހުގީގު ހިނގާ ކަން އަންގަމުންނެވެ. މިހާތަނަށް ޓީޗަރުންނާއި ސަރުކާރުގެ އެކި އޮފީސްތަކުގެ ހިމެނޭ މީހުންނާއި ކުރިން ހުޅުމާލޭގެ މިސްކިތެއްގެ މުދިމަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ އިސްވެރިއަކު ވެސް ވަނީ އެ މައްސަލަތަކުގައި ސަސްޕެންޑްކޮށްފަ އެވެ. މީގެ ތެރެއިން ބައެއް މީހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އާލްމްގީރު ހިމެނޭހެން އެ މައްސަލައިގައި މިހާތަނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހަކު ހައްޔަރުކޮށްފަ އެވެ. ބައެއް މީހުންގެ ބަންދުގެ މުއްދަތު ވަނީ ދެ ވަނަ ފަހަރަށް އިތުރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރަނީ މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުންނެވެ. މި މައްސަލަތަކުގައި ތަފާތު ކުރުމެއް އަދި ނުފޫޒެއް ނޯންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.