08 އޯގަސްޓް 2022 - 11:44

މާލޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށްް އެދި މިހާތަނަށް 9،000 އެއްހާ ފޯމު ހުށަހަޅާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ ޖޫން މަހުގެ ފަހުކޮޅު ސަރުކާރުން ހުޅުވާލި އެ މަޝްރޫއުގައި ހިމެނެނީ ހުޅުމާލޭގައި ތަރައްގީކުރާ 4،000 ފްލެޓާއި ހުޅުމާލެއިން 1،000 އަދި ގުޅީފަޅުން ހިއްކާ ބިމުން 2،000 ގޯއްޗެވެ.
ޕްލޭނިން މިނިސްޓްރީގެ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 8،977 ފޯމު ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ޕޯޓަލް ހަދާފައިވާ ގޮތުން، ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ޖުމްލަ އަދަދު އެކަނި އެނގޭތީ ވަކިވަކިން ހުށަހެޅި އަދަދު ނޭނގޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރުގެ ފުުރަތަމަ ބޯހިޔާވަހިކަމުގެ އެ މަޝްރޫއުއަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 26 އެވެ.
ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން ގޯތި ދޫކުރާނީ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގައި ރަޖިސްޓްރީނުވާ މީހުންނަށެވެ. ފްލެޓް ދޫކުރާނީ މާލޭ މީހުންނާއި މާލޭގައި މަދުވެގެން 15 އަހަރު އުޅެފައިވާ ރަށްރަށުގެ މީހުންނަށެވެ.