03 ޖެނުއަރީ 2017 - 14:39

އައިޖީއެމްއެޗްގެ އައިސީޔޫގެ ޖާގަ ބޮޑުކޮށް ހިދުމަތް ދޭން ފަށައިފި އެވެ.
އެެ ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރު އަހްމަދު މައުސޫމް މިއަދު ވިދާޅުވީ އައިސީޔޫ އަށް ނުވަ އެނދު މިހާރު އިތުރު ކޮށްފައިވާ ކަމަށެވެ. ކުރީގެ ހަ އެނދާ އެކު އެ ތަނުގައި މިހާރު ޖުމްލަ 15 އެނދު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވި ގޮތުގައި އައިސީޔޫގެ ޖާގަ އިތުރުކޮށް ހިދުމަތް ދޭން ފެށި އިރު އެތަނުގައި މިހާރު ބޭނުން ކުރަނީ މުޅިން އާ ވަސީލްތަކެވެ.
"ކުރީގެ އައިސީޔޫ ތަޅާލައި ޖާގަ ބޮޑުކޮށް، އާ އިކުއިޕްމަންޓްތައް ވެސް ގެނެސްފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިޖީއެމްއެޗްގެ މަރާމާތުގެ ތެރޭގައި ހިމަނައިގެން އައިސީޔޫ ބޮޑުކޮށް އެ ތަނަށް ސާމާނު ހޯދާފައި ވަނީ ސަރުކާރުގެ ބަޖެޓުން ކަމަށެވެ. އައިސީޔޫ ތަރައްގީކުރަން ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައިޖީއެމްއެޗް މަރާމާތުކޮށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ހަމަ އެއާއެކު ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން އެ ތަނުގައި ވަރަށް ގިނަ އާ ހިދުމަތްތަކެއް ވެސް ވަނީ ފަށައިފަ އެވެ.