07 އޯގަސްޓް 2022 - 19:04

ހ. ޝީރީންވިލާގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފި އެވެ.
އެ މަރާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި މިއަދު ހަވީރު ބެއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ ތަގުގީގުގެ އިސްވެރިޔާ ޗީފް ސުޕްރިޓެންޑެންޓް ހަސަން ޝިފާއު ވިދާޅުވީ 22 އަހަރުގެ ޒުވާނާ މަރުވި ސަބަބު ބެލުމަށް ޕޯސްޓްމޯޓަމް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ފުލުހުން ވަނީ ޝިއާއު އަށް ދީފައިވާ ލާއިންސާނީ އަނިޔާތަކުގެ ތަފްސީން މިވަގުތު ނުދޭން ނިންމައިފަ އެވެ.
"މައްސަލައިގައި އަނިޔާ ލިބުނު ފަރާތަށް ވަރަށް އިހާނެތި އަނިޔާތަކެއް ދީފައިވާއިރު، އެ އަނިޔާތަކާ ގުޅޭ ތަފްސީލުތައް ހާމަކުރަން އަޅުގަނޑު މި ވަގުތުގައި ގަސްތެއް ނުކުރަން. ސަބަބަކީ، އެ ކަމަކީ ނިޔާވި ފަރާތުގެ އާއިލާއަށް ވަރަށް ފުން އަސަރުތަކެއް ކުރާނެ ކަމަކަށް ވެފައި އަދި އާއިލާގެ ފަރާތުން އަޅުގަނޑުމެންނަށް އެ ރިކުއެސްޓް އެގޮތަށް ކޮށްފައި އޮތީމަ މި ވަގުތުގައި އާއިލާގެ އެދުމަށް އިހުތިރާމްކުރުމުގެ ގޮތުން،" ޝިފާއު ވިދާޅުވި އެވެ.
ގެއެއްގެ ތެރޭގައި އަންހެނަކު މަރާލައިގެން ފުލުހުންނަށް ރިޕޯޓުކުރީ ރޭ 11:30 ހާއިރެވެ. އެ އެޕާޓްމަންޓަށް ގާތްގަނޑަކަށް ފަސް މިނެޓުގެ ތެރޭގައި ފުލުހުން އެޓެންޑުވެ، މައްސަލައިގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގެ، އަލީ ޝާހިލް، 22، ވަނީ ސީނުން ހައްޔަރުކޮށްފަ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން ފުލުހުންނަށް ބެލެވެނީ ޝިއާއުއަށް ހަމަލާދީފައިވަނީ ރޭ 9:00 ގެ ފަހުންނެވެ. އެކަމަކު، އެ މައުލޫމާތުތައް ކަށަވަރުވާނީ ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބުމުންނެވެ.
ޝިފާއު ވިދާޅުވީ ޝިއާއުއަށް ހަމަލާދިން ކަމަށް ބެލެވޭ ހަތިޔާރުތަކެއް ވެސް އެ ސީން އިން ހޯދާފައިވާ ކަމަށެވެ. އަދި ވެސް އެ ތަނުގައި ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.