ހިތަދޫ ފުއްޓަރު ފަރާތުން އަނެއްކާ ވެސް ސީލްއެއް ފެނިއްޖެ
ހިތަދޫ ފުއްޓަރު ފަރާތުން އަނެއްކާ ވެސް ސީލްއެއް ފެނިއްޖެ

އައްޑޫ ހިތަދޫ ބޭރުމަތި އަވަށު ފުއްޓަރު ފަރާތުން އަނެއްކާ ވެސް ސީލްއެއް ފެނިއްޖެ އެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން ވެސް ހިތަދޫ ކަނބިހާ ބީޗު ސަރަހައްދުގެ މޫދުން ވެސް ސީލެއް ފެނުނެވެ. އެކަމަކު މިފަހަރު މި ފެނުނީ ހަމަ އެ ސީލް ކަމެއް ނޭނގެ އެވެ.

ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނީ މި ފަހަރު ފެނުނު ސީލްގެ ދިގުމިނުގައި ވެސް އަށް ފޫޓު ހުންނާނެ ކަމަށެވެ. އެއީ ކުރިން ފެނުނު ސީލް ކަމަށް ނުބެލެވޭ ކަމަށް އޭނާ ބުންޏެެވެ.

މީގެ ބައިގަޑިއިރެއްހާ އިރު ކުރިން ހިތަދޫ ގޮނޑުދޮށުން ފެނުނު އެ ސީލް ބެލުމަށް އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވަމުންދާ ކަމަށް އޭނާ ބުނެ އެވެ. އެ ސީލް ފެނިގެން ފުލުހުންނަށް ރިޕޯޓްކުރި ނަމަވެސް މިހާތަނަށް އަދި ފުލުހުން އެ ސަރަހައްދަކަށް ނުދެ އެވެ.

ހިތަދޫން މީގެ ކުރިން ފެނުނު ސީލް، ފުލުހުންގެ ވަނީ ފަޅުތެރެއިން ބޭރުކޮށްފަ އެވެ.

މި ދެ ސީލް ފެނުމުގެ ކުރިން، އައްޑޫން ސީލްއެއް ފެނުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މީގެ 20 އަހަރު ކުރިން 2002ގަ އެވެ. މިގޮތަށް ބެހިގެން އަންނަ ސީލް ފަދަ ޖަނާވާރުތަކަކީ އިންސާނުންނަށް ނުރައްކާތެރި އެއްޗެހި ނޫން ކަމަށާއި ހިފުމާއި ގޯނާ ކުރުން ފަދަ ކަންކަން ނުކުރަން އީޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.