08 އޯގަސްޓް 2022 - 07:00

ތެލޫގޫ ހިޓް ފިލްމު، "އަރްޖުން ރެއްޑީ" ގެ ހިންދީ ރިމޭކް، "ކަބީރު ސިންގް" ގެ ކާމިޔާބަށް ފަހު، އަނެއްކާ ވެސް މަލަޔާލަމް ފިލްމު، "މުމްބާއީ ޕޮލިސް" ގެ ހިންދީ ރިމެކޭއް ޝާހިދު ކަޕޫރަށް ލިބިއްޖެ އެވެ.
ޝާހިދު، މިފަހުން ފެންނަނީ ރިމޭކުތަކުންނެވެ. ކަބީރު ސިންގަށް ފަހު އޭނާ ފެނުނީ، "ޖޯޒީ" އިންނެވެ. އެކަމަކު އެ ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ނުލިބުނެވެ އެވެ.
ޝާހިދު މިހާރު މަސައްކަތްކުރަމުން އަންނަ އަލީ އައްބާސް ޒަފަރުގެ ކުރިއަށް އޮތް ފްރެންޗް ފިލްމު "ނުއިޓް ބަލަންޗޭ" ގެ ރިމޭކުގެ މަސައްކަތުގަ އެވެ.
އެ ފިލްމުގެ މަސައްކަތުގައި އުޅެމުން އޭނާ އަންނަނީ ކުރިއަށް އޮތް ފިލްމަށް ތައްޔާރުވަމުން ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މަލަޔާލަމް ފިލްމު "މުމްބާއީ ޕޮލިސް" ގެ ހިންދީ ރިމޭކު ކުޅުމާ ގުޅޭގޮތުން އޭނާ ދަނީ މަޝްވަރާކުރަމުންނެވެ.
މުމްބާއީ ޕޮލިސްއަކީ 2013 ގައި ރިލީޒްކުރި ސައިކޮލޮޖިކަލް ތުރިއްލާ އެކެވެ. ފިލްމުގެ ލީޑު ރޯލު ކުޅުނީ މަލަޔާލަމް އާއި ތެލޫގޫ އަދި ތަމަޅަ ފިލްމުތަކުގައި ވެސް މަޝްހޫރު ޕްރިތުވިރާޖް ސުކްމަރަން އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމުގެ ހިންދީ ރިމޭކްގެ މަސައްކަތްކުރަނީ ޕްރޮޑަކްޝަން ހައުސް، ރޯއީ ކަޕުރް ފިލްމްސް އިންނެވެ. އެ ފިލްމު ޑައިރެކްޓްކުރާނީ އޮރިޖިނަލް ފިލްމު ވެސް ޑައިރެކްޓްކުރި، ރޯޝަން އަންދުރޫ އެވެ.
މިހާރު ކުރިއަށް ދަނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކަމަށްވެ އެވެ.
އެ ފިލްމުގައި ޝާހިދުއާ އެކު ލީޑު ބަތަލާގެ ގޮތުގައި ފެންނަނީ ދެކުނު ފިލްމުތަކުން ފެންނަ ތަރިއެއް ކަމަށް ރިޕޯޓްކުރެ އެވެ.