07 އޯގަސްޓް 2022 - 13:54

ރޭ މާލޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދުގެ މަރުގެ މައްސަލާގައި ހައްޔަރުކުރި އަލީ ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ހ. ޝީރީންވިލާގެ އެޕާޓްމެންޓެއްގެ ތެރޭގައި ކަރާއި އަތާއި ފައި ބުރިކޮށް، މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއުގެ މަރުގެ މައްސަލާގައި ޝާހިލް ހައްޔަރުކުރީ އެގެއިންނެވެ.
ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އަޑުއެހުމުގަ އެވެ. އެ އަޑުއެހުން ސިއްރުކުރީ ފުލުހުން އެދިގެންނެވެ.
ޝާހިލް ރޭ ހައްޔަރުކޮށް، ގެންދިޔައީ ވެސް ހެޒްމެތު ސޫޓް ލައްވައިގެންނެވެ. ބެލެވޭ ގޮތުގައި އެއީ އޭނާގެ ގައިގައި ލޭ ހުރުމުން ހެކި ރައްކާތެރި ކުރުމަށެވެ.
މަޝްހޫރު ސްކޭޓަރު ޝާހިލް އާއި ޝިއާއު އެކުގައި އުޅުނު އެޕާޓްމެންޓް ތެރެއިން ހަޅޭކާއި ޒުވާބުގެ އަޑު އާންމުންނަށް ކުރިން އިވިފައިވެ އެވެ. އެހެން ނަމަވެސް މަރާލި ސަބަބާއި މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.