03 ޖެނުއަރީ 2017 - 13:30

ނޭޕާލް ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު ކިރަން ޝެމްޝޮން ޓީސީ ސްޕޯޓްސް ކްލަބަށް ގެންނަން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ފާއިތުވި ދެ އަހަރު ޓީސީގެ ގޯލު ބެލެހެއްޓި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު އިމްރާން ވަނީ އެ ކްލަބް ދޫކޮށްލައިފަ އެވެ. އެކަމަކު އޭނާ ކުޅޭނެ ކްލަބެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
"އިންމަ ދޫކޮށްލީ އޭނާ ބޭނުންވުމުން. ކިރަން ގެންނަން އެއްބަސްވުމަކަށް އާދެވިއްޖެ. ސީޒަނަށް ޕްރެކްޓިސް ފަށާއިރު އޭނާ ޓީމާ ގުޅޭނެ.،" ޓިސީން ބުންޏެވެ.
ނޭޕާލު ގައުމީ ޓީމަށް 48 މެޗު ކުޅެދީފައިވާ ކިރަން އަކީ ފާއިތުވި ސާފް ޗެމްޕިއަންޝިޕް މުބާރާތްތަކުގެ އިތުރުން ނޭޕާލް ކުޅުނު އެހެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. ކިރަން އެންމެ މޮޅު ކުޅުމެއް ދެއްކި މެޗަކީ 2012 ވަނަ އަހަރުގެ ނެހްރޫ ކަޕްގައި އިންޑިއާ އާއި ނޭޕާލް 0-0 އިން އެއްވަރުވި މެޗުގަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.
އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ނޭޕާލް އަތުން 2-1 އިން ރާއްޖެ މޮޅުވި މެޗަށް ފަހު އޭރު ރާއްޖޭގެ ކޯޗު އިސްތަވާން އުރްބާނީ ވެސް ވަނީ ކިރަންގެ ކުޅުމަށް ތައުރީފް ކޮށްފަ އެވެ.
ގޯލްނޭޕާލުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީގެ ކުރިން ވެސް ކިރަން އަށް ރާއްޖޭގެ ބައެއް ކްލަބްތަކުން ހުށަހެޅުން ލިބުނު ނަމަވެސް އޭނާ އޭރު ރާއްޖެ އަންނަން ބޭނުންނުވީ އެވެ.
އުމުރުން 26 އަހަރުގެ ކިރަން ވަނީ ނޭޕާލްގެ ތުރީ ސްޓާ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި ބްރިޓިޝް ގުރްކާ ކަޕާއި ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުން ހިމެނެ އެވެ.
ފާއިތުވި ސީޒަނަކީ ވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ގިނަ ބިދޭސީ ކީޕަރުން ތަކެއް ފެނުނު އަހަރެކެވެ. އެއީ ބީޖީގެ ކީޕަރު ޕާކިސްތާންގެ ހަނިފް ސާގިބް، ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު ސީރިއާގެ މަހްމޫދު އަލް ޔޫސުފް، އީގަލްސް ކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ، ނިއު ރޭޑިއަންޓް ގޯލު ބެލެހެއްޓި ދެ ކީޕަރުން ކަމަށްވާ ގާނާގެ އަބޫ ސުލެއިމާން އަދި ޖަޕާންގެ ޖުން ކޯޗީ އާއި މާޒިޔާ އިން ގެނައި ލަންކާގެ މުހައްމަދު އިފްހާމް ހިމެނެ އެވެ.
މާޒިޔާ އިން ވެސް އަންނަނީ އެ ޓީމުގެ ގޯލަށް ކުރިން ކުޅުނު ކިރްގިސްތާންގެ ޕަވެލް މަޓިއަޝް ގެންނަން މަސައްކަތް ކުރަމުންނެވެ.
އަންނަ ސީޒަނުގައި ވެސް ޓީސީގެ ކޯޗަކަށް ހުންނާނީ ފާއިތުވި ތިން އަހަރު ވެސް އެ ޓީމުން ފެނުނު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.