ނިއުކްލިއާ މުސީބާތެއްގެ ހަގީގީ ނުރައްކާ ބޮޑުވެއްޖެ
ނިއުކްލިއާ މުސީބާތެއްގެ ހަގީގީ ނުރައްކާ ބޮޑުވެއްޖެ

ޔޫކްރޭންގެ ޒަޕަރޯޖިއާގައި މިހާރު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން، ނިއުކްލިއާ މުސީބާތެއް ކުރިމަތިވުމުގެ ހަގީގީ ނުރައްކާ ވަރަށް ބޮޑުވެއްޖެ ކަމަށް، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއީއޭ) އިން އިއްޔެ އިންޒާރުކޮށްފި އެވެ.

ނިއުކްލިއާ މުސީބާތެއްގެ ހަގީގީ ނުރައްކާ ބޮޑުވެއްޖެ
ނިއުކްލިއާ މުސީބާތެއްގެ ހަގީގީ ނުރައްކާ ބޮޑުވެއްޖެ

އެހެންކަމުން، ޒަޕަރޯޖިއާގައި ހުންނަ ނިއުކްލިއާ އިންޖީނުގެ ކައިރީގައި ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު މިހާރު ބަދަލުކުރަމުންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް، އައިއޭއީއޭގެ ވެރިޔާ ރަފައޭލް މައިރާނޯ ގްރޮއްސީ އިއްޔެ ވަނީ ގޮވާލައްވައިފަ އެވެ. ޔޫރަޕްގައި ހުންނަ އެންމެ ބިޔަ ނިއުކްލިއާ އިންޖީނުގެ ހުންނަ ސަރަހައްދަށް އިއްޔެ ވެސް ރަޝިޔާ އިން ބޮން އެޅިކަމަށް ޔޫކްރޭނުން ބުނެ އެވެ.

ނިއުކްލިއާ މުސީބާތެއްގެ ހަގީގީ ނުރައްކާ ބޮޑުވެއްޖެ
ނިއުކްލިއާ މުސީބާތެއްގެ ހަގީގީ ނުރައްކާ ބޮޑުވެއްޖެ

ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި ރަޝިޔާ ސިފައިން ވައިގެ މަގުން ދިން ހަމަލާތަކުގައި އެ އިންޖީނުގެ ބައެއް ތަންތަނަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. މިދިޔަ މާރިޗް މަހުން ފެށިގެން އެ އިންޖީނުގެ ހުންނަނީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގަ އެވެ.

ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އެތަން ހުއްޓަސް، އެ އިންޖީނުގޭގައި މަސައްކަތްކުރަނީ ކުރިން ވެސް އެތަނުގެ މުވައްޒަފުންގެ ގޮތުގައި ތިބި ޔޫކްރޭންގެ ރައްޔިތުންނެވެ. އެހެން ނަމަވެސް އެ އިންޖީނުގެ ހިފައިގެން ތިބި ރަޝިޔާ ސިފައިން، އެ އިންޖީނުގެއާ ކައިރީގައި ތިބެގެން، ޒަޕަރޯޖިއާގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ރޮކެޓް ހަމަލާތައް ދެމުންދާ ކަމަށް ޔޫކްރޭން ސަރުކާރުން ބުނެ އެވެ.

މިދިޔަ ހުކުރު ދުވަހު ޒަޕަރޯޖިއާގައި ހިނގި ކުރިމަތިލުންތަކުގެ ސަބަބުން، އެ ސަހަރުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ސިއްހަތަށް ގެއްލުމެއް ލިބޭފަދަ ހާދިސާއެއް ހިނގުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް އައިއޭއީއޭ އިން ބުނެ އެވެ. އަދި އެ ސަހަރުގައި ހުރި ނިއުކްލިއާ އިންޖީނުގެއަށް ހަމަލާއެއް އަމާޒުވެ ރޭޑިއޯއެކްޓިވް މާއްދާއެއް ބޭރަށް ފޭދިއްޖެ ހާލަތެއްގައި، ޔޫކްރޭނަށާއި ޔޫކްރޭންގެ އަވައްޓެރި ގައުމުތަކަށް ނުރައްކާވާ ފަދަ ސިއްހީ އަދި ތިމާވެށީގެ މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އައިއޭއީއޭގެ ވެރިޔާ ރަފައޭލް މައިރާނޯ ގްރޮއްސީ ވިދާޅުވީ ނިއުކްލިއާ އިންޖީނުގެ ހުރި ސަރަހައްދުން އެހެން ސަރަހައްދުތަކަށް އަދި އެހެން ސަރަހައްދުތަކުން ނިއުކްލިއާ އިންޖީނުގެ ހުރި ސަރަހައްދަށް ހަމަލާ ދިނުމަކީ ބަޑިބޭހާ ކުޅުން ފަދަ ކަމެއް ކަމަށެވެ. އަދި އެ ގޮތަށް ބަދަލުކުރާ ހަމަލާތަކުގެ ސަބަބުން، އަންދާޒާ ވެސް ނުކުރެވޭ ފަދަ ނުރައްކާތެރި ނަތީޖާއެއް ކުރިމަތިވެ، ބޮޑު މުސީބާތެއް ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަޕަރޯޖިއާގައި ހުންނަ ނިއުކްލިއާ އިންޖީނުގެ ހިންގާ ކުންފުނިން ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު ރަޝިޔާ ސިފައިން ދިން މިސައިލް ހަމަލާގައި، އިންޖީނުގެ އަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ކަރަންޓު ބޭރުކުރާ އެއް ޔުނިޓް ބަންދުކުރަން ޖެހުނެވެ. އަދި ރޭޑިއޯއެކްޓިވް މާއްދާއެއް ފޭދުމުގެ ބިރު އެބަ އޮތް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ނަމަވެސް ރަޝިޔާ އިން ބުނާ ގޮތުގައި، ނިއުކްލިއާ އިންޖީނުގެ އަށް ގެއްލުން ލިބުނީ ޔޫކްރޭން ސިފައިން ދިން މިސައިލް ހަމަލާއަކުންނެވެ. އަދި ޔޫކްރޭން ސިފައިން ހަމަލާ ދިނީ، ނިއުކްލިއާ އިންޖީނުގެ ބަލަހައްޓަމުން ގެންދާ ރަޝިޔާ ސިފައިންނަށް އަމާޒުކޮށް ކަމަށް ވެސް ރަޝިޔާ އިން ބުންޏެވެ.