އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ޓަޗްލެސް ލިފްޓް ބޭނުންކުރަން ފަށައިފި
އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ޓަޗްލެސް ލިފްޓް ބޭނުންކުރަން ފަށައިފި

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ޓަޗްލެސް ލިފްޓް ބޭނުން ކުރަން ފަށައިފި އެވެ.

ރާއްޖެ އަށް އަލަށް ތައާރަފްކޮށް، އެސްޓީއޯ އިން އެ ލިފްޓް ބޭނުން ކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެއީ ލިފްޓް އުފެއްދުމުގައި ޓެކްނޮލޮޖީގެ ގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފިންލެންޑްގެ "ކޯނޭ" ބްރޭންޑްގެ ލިފްޓެކެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ބައެއް އެއާޕޯޓުތަކުގެ ލިފްޓް އަދި އެސްކެލޭޓަރު ފަދަ ތަކެއްޗަކީ ވެސް "ކޯނޭ" ބްރޭންޑުގެ އުފެއްދުންތަކެވެ.

"މިއީ ލިފްޓް އުފެއްދުމުގެ އެންމެ ހައި ޓެކްނޮލޮޖީގައި އުފައްދާފައިވާ ލިފްޓެއް. އަތްލުމުގެ ބަދަލުގައި ލިފްޓުގެ ކީޕެޑްގައި އިންނަ ފްލޯ ނަންބަރަށް އިނގިލި ދިއްކޮށްލުމުން ބޭނުންވާ ފްލޯއަކަށް ދެވޭނެ،" އެސްޓީއޯގެ މީޑިއާ އޮފިޝަލް އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއީ ކަރަންޓު ކެނޑޭ ހާލަތުގައި ވެސް "ސަޑެން ލޭންޑިން" ނުވަތަ ކުއްލިއަކަށް ވެއްޓޭ ފަދަ ލިފްޓެއް ނޫން ކަމަށާއި ލިފްޓް އޮޕެރޭޓް ކުރާނީ ވަރަށް "ސްމޫތުކޮށް" ކަމަށެވެ.

ޓަޗްލެސް ލިފްޓް ބޭނުންކުރުމުގެ މައިގަނޑު މަގްސަދަކީ ކޮވިޑަށް ފަހު ތަންތަނުގައި އަތްލުން މަދުކޮށް، ރައްކާތެރިކަމާއެކު ލިފްޓް ބޭނުން ކުރުމެވެ.

އަބްދުﷲ ވިދާޅުވީ، "ކޯނޭ" ބްރޭންޑްގެ ޓަޗްލެސް ލިފްޓް މިހާރު އެސްޓީއޯ އިން ލިބޭނެ ކަމަށާއި ކުރިއާލައި އޯޑަރު ކުރުމުން އެ އިމާރާތަކާ އެންމެ ގުޅޭ ގޮތަށް، ބޭނުންވާ ސައިޒަކުން ލިފްޓް ތައްޔާރުކޮށް، ރާއްޖެ އެތެރެކޮށްދޭނެ ކަމަށެވެ.