ގައުމީ ޔުނިވާސިޓީގެ އާ ދެ ކޯހަކަށް ފުރުސަަތު ހުޅުވާލައިފި
ގައުމީ ޔުނިވާސިޓީގެ އާ ދެ ކޯހަކަށް ފުރުސަަތު ހުޅުވާލައިފި

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި އާ ދެ ކޯހެއް ތައާރަފްކޮށް އެ ދެ ކޯހަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޔުނިވާސިޓީން ތައާރަފްކޮށްފައިވާ ދެ ކޯހަކީ ބެޗްލާ އޮފް ސައިންސް އަދި ބެޗްލާ އޮފް އާޓްސް އިން އިންޓީރިއާ ޑިޒައިނިންނެވެ. މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފި އެވެ.

އަލަށް ތައާރަފްކުރި ދެ ކޯހުން ވެސް ދީފައިވަނީ ޖުމްލަ 60 ފުރުސަތެވެ. އެގޮތުން ސައިންސް ކޯހުގައި ބަޔޮލޮޖީ، ކެމިސްޓްރީ އަދި ފިޒިކްސްގެ މާއްދާތަކުން ހާއްސަވުމަށް ދީފައިވަނީ 30 ފުރުސަތެެވެ. އެއީ ކޮންމެ މާއްދާއަކަށް 10 ފުރުސަތެެވެ.

މި ކޯސްތަކުގެ މުއްދަތަކީ ތިން އަހަރެވެ.

މި މަހުގެ އިންޓޭކުގައި އެމްއެންޔޫ އިން 96 ކޯހެއް ފަށަން ވަނީ ހަމަޖައްސައިފަ އެވެ. އެއީ ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް އާ ހަމައަށެވެ. އެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ވަނީ މިިދިޔަ މަހުގެ ނިޔަލަށް ހަމަވެފަ އެވެ.

ކޯސްތަކުން 5000އަށްވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށް ވެސް އެމްއެންޔޫ އިން ބުންޏެވެ.