07 އޯގަސްޓް 2022 - 00:59

މާލޭގެ ގެއެއްގެ ތެރޭގައި ޒަހަމްތަކާ އެކު، މަރާލައިފައި އޮތް އަންހެނަކު ފެނިއްޖެ އެވެ.
ފުލުހުންގެ މީިޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު މަރާލައިފައި އޮތްކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަަށެވެ.
އެނގިފައިވާ ގޮތުގައި އަންހެންމީހާގެ ހަށިގަނޑު ފެނުނީ ހ. ޝީރީންވިލާ އިންނެވެ.
އެނގިފައިވާ ގޮތުގައި އަންހެން މީހާ އަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އޭނާގެ ކަރު ވެސް ވަނީ ބުރިކޮށްލައިފަ އެވެ. އެކަމަކު ފުލުހުން އެކަން އަދި ޔަގީންކޮށެއް ނުދެ އެވެ.
އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު ސީންއިން ފުލުހުުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ޕީޕީއީގައި ފުލުހުން މިހާރު އަންނަނީ އެ ގޭތެރޭގައި ހަރަކާތްތެރިވަމުންނެވެ. މި މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވާ މީހާ، މިހާރު ވަނީ އެ ގޭތެރެއިން ނެރެގެން، ފުލުހުންގެ ކާރެއްގައި ފުލުސް އޮފީހަށް ގެންގޮސްފަ އެވެ. އަންހެން މީހާގެ ހަށިގަނޑު އަދިވެސް އޮތީ ގޭތެރޭގަ އެވެ.
އަންހެން މީހާ އަކީ ކާކު ކަމެއް، އަދި ހައްޔަރު ކުރީ ވެސް ކާކު ކަމެއް ފުލުހުން އަދި ނުބުނެ އެވެ. އަދި ލިބިފައި ހުރީ ކޮންކޮން ޒަހަމްތަކެއް ކަން ވެސް ފުލުހުން އަދި ނުބުނެ އެވެ.
އެ ސަރަހައްދަށް ނޫސްވެރިން ދިޔައިރު، ހާދިސާ ހިނގައިގެން އުޅޭ ގެއާ މާ ދުރުން ފުލުހުން ވަނީ މަގުތައް ބަންދުކޮށްފަ އެވެ.