07 އޯގަސްޓް 2022 - 06:44

ބުދަ ދުވަހާ ގުޅޭ
ޖެހިގެންއައި ދުވަހު ތައުފީގު އައީ މަލްސާ ގޮވައިގެންނެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނުލާހިކު ރަނގަޅަށް ވާހަކަދެކެވި، އެއްބަސްވެވިފައި އޮތް ކަމެއް ތައުފީގު ހަނދާންނެތުނީ ކީއްވެގެން ހެއްޔެވެ؟ ނަސީބަކުން މަލްސާއަކީ ކާކުކަމެއް އުސައިދަކަށް ނާންގައެވެ. އެކަމަކު އުސައިދަކީ ކާކުކަން މަލްސާއަށް އެނގެއެވެ. މަލްސާގެ މޫނުމަތިން އަހަންނަށް ފެނުނީ މައިވަންތަ ލޯތްބެވެ. އުސައިދަށް މައިސާ ބެލީ ދަރިއަކަށް މަންމައަކު ބަލާހެންނެވެ. އަހަންނަކަށް އެ މަންޒަރު ބަލާކަށް ފަސޭހައެއް ނުވިއެވެ. ދަރިފުޅަށް މަންމަ އެންމެ ބޭނުން ޖެހުނު ވަގުތު އެ ނަޒަރުން މަލްސާ ނުބެލީ ކީއްވެގެން ހެއްޔެވެ؟ ހިތާއި ގެއިން ވެސް އެ ކުއްޖާ ނެރެ އެއްލައިލީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ކެތްކޮށްލައިގެން އިނީއެވެ. ޔަގީނުން ވެސް އުސައިދަކަށް އަހަރެންގެ ނަފުރަތެއް ނުދައްކަމެވެ. އެ ކަމާ އަހަރެން ކުރިމަތިލީ ރޭގަނޑު ކުދިން ނިންދަވައިފައި ފޯނުންނެވެ.
"މަލްސާ ގޮވައިގެންނޭ މި ދަނީ ބުނެލާފަ ދޯ އަންނަންވާނީ؟" އަހަރެން ބުނީމެވެ. "ކުޑަމިނުން އެ ވަރު ކޮށްލަންވާނެ. އެއީ ރީތި ގޮތަކީ. ކުއްލިއަކަށް އުސައިދުގެ ކުރިމައްޗަށް ތިހެން އައިމަ.."
"އަހަރެން ގަބޫލުކުރަން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް،" ތައުފީގު އެއްބަސްވިއެވެ. "އެ ކަން ރަނގަޅެއް ވެސް ނުކުރާނަން. އެކަމަކު އެ ސޮރަކަށް ނޭނގޭނެ އެއީ މަންމަކަމެއް. ނުވެސް ބުނަން. މިހާރު ހައިބާއަށް ބުނެވިދާނެ، ބުނެލާފަދޯއޭ މަލްސާ ގެންނަންވާނީ. އަޅެ ބުނި ނަމަ ހައިބާ ހުއްދަ ދޭނަންތަ؟"
ތައުފީގު ބުނީ ދޮގެއް ނޫނެވެ. އަހަރެން ހުއްދައެއް ނުދިނީމުހެވެ.
"ހައިބާއަށް އެންމެ ރަނގަޅުތަ ހަފުތާއަކު އެއްފަހަރު މަލްސާ ގެނަޔަސް؟" ތައުފީގު ހުއްދައަށް އެދުނެވެ. "އެ ސޮރަކަށް ނާންގާނަމޭ! މަލްސާ އެބަ ބޭނުންވޭ އެ ސޮރު ދެކިލަން. މަންމައަކު ދަރިފުޅު ދެކިލަން އެދުނީމަ އަހަރެން ކިހިނެއް ނޫނެކޭ ބުނާނީ؟ ގާނޫނީ ގޮތުން ހައިބާއަށް މިހާރު ހުރިހާ ހައްގެއްދީފަ އޮތަސް، އަހަންނަށް ވެސް ކޮންމެވެސް ހައްގެއް އޮންނަންވާނެ. އަހަރެން ދުވަހަކު ވެސް އެ ސޮރަށް ދެރަކަމެއް ނުކުރަން. ރަނގަޅު މަންމައަކު ހޯދައިދިނިން. ހުރިހާ ހަރަދެއް ދިނިން. ބަރާބަރަށް ހާލުބަލަން. ބައްދަލުކުރަން ވެސް އަންނަން."
ފުރަތަމަ ފަހަރަށް އަހަރުމެން ދެބަސްވާންޖެހުނެވެ. އޭގެ ނަތީޖާ ހިތިވާނެކަން އެނގިހުރެއެވެ.
"ތައުފީގަށް ކިތަންމެ ޝުކުރެއް އަދާކުރިޔަސް އަހަރެންގެ ދަރަންޏެއް ނުފިލާނެ،" ޝުކުރުވެރިކަމާ އެކުގައި އަހަރެން ބުނީމެވެ. "އެހެންވީމަ ބޭނުން ކޮންމެ ގަޑިއަކު އެ ސޮރާ ބައްދަލުކުރަން ތައުފީގަށް ހުއްދަ އޮންނަނީ ވެސް. އެކަމަކު އުސައިދަށް އަށާރަ ފުރެންދެން އޭނަގެ މަންމައަކީ އަހަރެން. އެ ހައްގު މަލްސާއަކަށް ނުދޭނަން. އަށާރަ ފުރޭ ދުވަހު، ކޯޓަށް ދިޔުމުގެ އިރުކޮޅެއް ކުރިން އުސައިދަށް ހަގީގަތް އެނގޭނެ. އަހަރެން ބުނާނަން އަހަންނަކީ އުސައިދުގެ މަންމައެއް ނޫނޭ. ތައުފީގު ޖެހޭނީ މަލްސާއަށް ވިސްނައިދޭން."
އަހަރެން ދިނީ ތައުފީގަށް އަހަން ފަސޭހަ ޖަވާބެއް ނޫނެވެ. ތައުފީގަކީ އަހަރެން ނަމަ އަހަންނަކަށް ވެސް އެ ޖަވާބެއް ކަމަކުނުދާނެއެވެ. އެހެނަސް، އުސޫލު ވާނީ އުސޫލަށެވެ.
"ހައިބާ ތިހެން ކަންތައްކުރާނެކަން ކުރިން އެނގުނު ނަމަ އުސައިދެއް ނުދިނީމުސް." ތައުފީގު ބުންޏެވެ.
"ތައުފީގު ވެސް ތިހެން ކަންތައްކުރާނެކަން ކުރިން އެނގުނު ނަމަ، އުސައިދެއް ނުގެނައިމުސް،" ތައުފީގު މިނެދިން ނާޅިން އަހަރެން ވެސް މިނެލީމެވެ. "ބޭނުންތަ އަހަރުމެންގެ އެކުވެރިކަން ބާއްވަން؟"
ޖަވާބެއްނުދީ ފޯނު ބާއްވައިގެން ތައުފީގަށް ދެވުނީ ހަރުކަށި ޖަވާބެކެވެ. އެހެނަސް އަހަރެން އާ ގަވައިދެއް ނަހަދަމެވެ. އާ ވާހަކައެއް ވެސް ނުދައްކަމެވެ. ތައުފީގު ރުޅިއަންނަންވީ ސަބަބެއް ނެތެވެ. އުސައިދު ބޮޑުވަމުންއައީ ރަނގަޅު މާހައުލެއްގައެވެ. މައިންބަފައިންގެ ލޯބި، އުނިނުވާ ވަރަށް އޭނައަށް ދިނީމެވެ. ދެ ދައްތައިންގެ ލޯބި ވެސް ދިނީމެވެ. އުސައިދަކީ ކިޔަމަންތެރި، ބަސްއަހާ ކުއްޖެކެވެ. ރުޅިއައުމާއި ބޮޑާހޭކުމަކީ އުސައިދު ދަންނަކަމެއް ނޫނެވެ. އެކަމަކު، ތައުފީގާއި އަހަރެން ދެބަސްވި ހާދިސާއަށް ފަހު، އެއްދުވަހަކު އުސައިދު ގެއަށް އައި އިރު ހުރީ ފުސްމޫނު ހަދައިފައެވެ. އޭރު އުސައިދު އުޅުނީ ގުރޭޑު ދޭއްގައެވެ.
"ތުއްތި ކައިރީގަ ވާހަކައެއް އަހަން؟" ކާން އިނދެފައި ލަޔާން ގާތުގައި އުސައިދު އިނގެރޭސިބަހުން އެހިއެވެ. "އަހަންނަކީ މަގުމަތިން ހޮވައިގެން ގެނައި ކުއްޖެއްތަ؟"
ލަޔާނަކީ އަހަރެންގެ ދޮށީ ދަރިފުޅެވެ. އޭރު ލަޔާނަށް ސަތާރަ އަހަރެވެ. ބުނާނެ އެއްޗެއް ވެސް އޭނައަކަށް ނޭނގުނެވެ. އުސައިދުގެ އަސްލު މަންމަގެ ވާހަކައަކީ، ގޭގައި ދެއްކުން މަނާކޮށްފައި އޮންނަ ވާހަކައެކެވެ. އަހަންނަކީ އުސައިދުގެ އަސްލު މަންމަ ނޫންކަން ދޮށީ ދެބައިންނަށް އެނގޭނެއެވެ. އަހަންނަށް އިވުނީ ލަޔާން ވަރަށް ބާރަށް އަހަންނަށް ގޮވައިލި އަޑެވެ. ގޮވައިލި ރާގުން އަހަރެން ދުވެފައި ނުކުތީމެވެ.
"ބަލާބަލަ ކޮއްކޮ ދައްކާ ވާހަކައެއް." ލަޔާން ބުންޏެވެ.
އެ ހިސާބުން އުސައިދު ތެދުވެގެން ގޮސް ލަޔާންގެ ފުރަގަހަށް ވަދެ ފިލިއެވެ. އޭނަ ހުރީ ބިރުގެންފައެވެ. ވީ ގޮތް އެހުމުން ޖަވާބުދިނީ ލަޔާންއެވެ.
"ކޮއްކޮ ބުނީ ކޮއްކޮއަކީ މަގުމަތިން ހޮވައިގެން ގެނައި ކުއްޖެއްހޯ؟" ދެލޯ ބޮޑުކޮށްލައިފައި ލަޔާން ބުންޏެވެ.
އަހަންނަށް ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ވަގުތުން އަރިއަޅައިލިއެވެ. މޭޒުގައި ނުހިފޭއްޓުނު ނަމަ އަހަރެން ވެއްޓުނީހެވެ. ނޭވާލާން އަހަންނަށް އުނދަގޫވިއެވެ. ފުރަތަމައިނުން ވެސް ހިތަށްއެރީ މިހެންނެވެ. އެ ވާހަކަ ބުނާނީ ތައުފީގެވެ. ކުރިން ދުވަހަކު ވެސް އުސައިދު އެ ކަހަލަ ސުވާލެއް ނުކޮށްފައި، ތައުފީގާ މައްސަލަޖެހޭ އިރަށް އުސައިދަށް އެ ކަން އެނގެންވީ ކީއްވެގެން ހެއްޔެވެ؟ އުސައިދާ ސުވާލުކުރަން ހިތަށްއެރިއެވެ. އެ ކަން ކުރާނެ ހިތްވަރެއް ނުލިބުނެވެ. އެ ވަގުތު އަލްވާން ގެއަކު ނެތެވެ. އަހަރެން ކޮޓަރިއަށް ވަދެފައި އަލްވާނަށް ގުޅީމެވެ. އޭރު ވެސް އަހަރެންގެ ނޭވާ ހަމައަކަށްނޭޅެއެވެ.
"ދެން ކިހިނެއް ހަދާނީ؟" އަހަރެން ބުނީމެވެ.
"ދެން ކިހިނެއް ހަދާނީ؟" އަލްވާން ވެސް ކުރީ ހަމަ އެ ސުވާލެވެ. "މި އަންނަނީ ގެއަށް."
ވަރަށް އަވަހަށް އަލްވާން އައެވެ. އޭރު ވެސް ގޭތެރެ އޮތީ ހިމޭންވެފައެވެ. އަލްވާން އައި ގޮތަށް ކޮޓަރިއަށް ވަނެވެ. އަހަރެން އޮތީ މޫނުގައި ބާލީސްއަޅައިގެން ރޯށެވެ. ހިތްބިރުގަންނަނީއެވެ. އުސައިދު ހިނގައިދާނެހެން ހީވަނީއެވެ. އަލްވާން އައިސް އަހަންނަށް ހިތްވަރުދިނެވެ. އެތައް އިރަކު ވިސްނައިދީގެން އަހަރެން ހުއްޓުވިއެވެ.
"ކާކުބާ އެ ވާހަކަދެއްކީ؟" އަލްވާން އެހިއެވެ. "ގައިމު މީގެ ކުރިން ދުވަހަކު ވެސް އުސައިދު އެހެނެއް..."
"ތީތާ! ތީތާ އަހަރެން މި ބުނާ ވާހަކައަކީ،" އަހަރެން ބުނީމެވެ. "ނުވާނެ ތައުފީގު ނޫން އެހެން މީހަކަށް. އޭނަ ހީކުރަނީ އެ ފާޑަށް ކަންތައްކޮށްގެން އުސައިދު ގެންދެވިދާނޭ. ލާހިކު ކުޅަދާނައެއް ނޫން. ހިނގާ އުސައިދު ގޮވައިގެން އަހަރުމެން އެހެން ތާކަށް ދަމާ."
އަހަރެން އެ ވަގުތު ބޭނުންވީ ތައުފީގަށް ފިލާށެވެ. އުސައިދު ގެންދިޔުމަށް އަހަންނަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. އަހަންނަކީ އުސައިދުގެ ގާނޫނީ މަންމައެވެ. އަހަރެން ހިތުން ވިސްނިޔަސް އަލްވާން ވިސްނީ ސިކުނޑިންނެވެ.
"ހައިބާ! ތިހެން ޓަސްލާފަ ކިހިނެއް ފުރާނީ؟" އަލްވާން ވަރަށް އޯގާތެރިކަމާ އެކު އަހަންނަށް ވިސްނައިދިނެވެ. "ތިން ކުދިން. އަހަރުމެން ދެ މީހުން. ޓިކެޓާ، ހުރުމާ، ކެއުމާ.. ވަރަށް ޚަރަދުހިނގާނެ. އަދި ޔަގީނެއް ނޫނެއްނު ތައުފީގު އެ ކަން ކުރި ކަމެއް ވެސް. ފުރަތަމަ ހިނގާބަލަ އުސައިދު ގާތު އަހަމާ!"
އަހަރެން ހިތަށްއެރިއެވެ. އެއީ ވެސް ތެދެކެވެ. އެކަމަކު އުސައިދު ބުނާނެ ހެއްޔެވެ؟ އަހަރުމެން ދެ މީހުން އުސައިދު ގެނެސް، ވަރަށް މަޑުމައިތިރިކަމާ އެކުގައި ސުވާލުކުރީމެވެ. ޖަވާބުދޭން ކީއްކުރަން ހެއްޔެވެ؟ އަހަރުމެންނާ ހަތަރުކަޅި ހަމަކުރަން ވެސް އުސައިދަކަށް ނުކެރުނެވެ. އޭނަގެ ހިތުގައި އޭރު އެނބުރެނީ ކޮން ޝުއޫރެއްކަމެއް އަހަރުމެންނަކަށް ނޭނގެއެވެ. ބިރުގަތީކަމަށް ވެދާނެއެވެ. ހިތްހަމަނުޖެހުނީކަމަށް ވެސް ވެދާނެއެވެ. ދެރަވީކަމަށް ވެސް ވެދާނެއެވެ.
"އައި ހޭޓް ޔޫ!" އުސައިދު ބުނި ހަމަ އެކަނި އެއްޗަކީ އެއީއެވެ.
އެހެން ބުނެފައި އުސައިދު ކޮޓަރި ނުކުމެގެން ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އަހަރެންގެ މެޔަށް ތޫނު ތަދެއްއެރިއެވެ. އުސައިދަކީ އަހަރެންގެ ނޭވާއެވެ. އެންމެ ލޯބިވާ "ދަރިއެވެ." އޭނައަށް ޓަކައި އަހަރެން ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ބައެއް ފަހަރު، އުސައިދުގެ އުމުރަށް ވުރެ ދޮށީ ވާހަކަ އޭނަ ދައްކައެވެ. އަހަރުމެން ހައިރާންކޮށްލައެވެ. އުފާވެއެވެ. އެކަމަކު، ހިތުގަޖެހޭ ކަހަލަ އެއްޗެއް ބުނި ފަހަރު ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އެ ތަނަށް ލަޔާން ވަނެވެ. އޭނަ ވެސް ހުރީ ރޮވިފައެވެ.
"ކޮއްކޮ ކައިރީގަ ކާކު އެ ވާހަކަދެއްކީ؟" ލަޔާންގެ ސުވާލަކީ ވެސް އެއީއެވެ.
އަހަރުމެން ތިން މީހުން އެ ކަމުގައި މަޝްވަރާކުރީމެވެ. ތިން މީހުންނޭ ބުންޏަސް އަހަރެން އެ ތަނުގައި އިންކަން އެކަންޏެވެ. ވާހަކަދައްކާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. ކަންވެ ނިމިއްޖެއެވެ. ކުރިޔަށް އޮތް ތަނުގައި، ހުރިހައި ކަމެއް ބަދަލުވާނެއެވެ. އުސައިދު ގާތުގައި އެ ވާހަކަދެއްކީ ކާކުކަން އެނގުމަކުން، ވާނެ އެއްވެސް ފައިދާއެއް ވެސް ނެތެވެ. އެހެންވިޔަސް، އަހަރުމެން އެނގެން ބޭނުންވިއެވެ. އަލްވާން ވަރަށް މޮޅު ހިޔާލެއްދިނެވެ.
"ލަޔާނަށް އެ ކަން ކުރެވޭނީ،" އަލްވާން ބުންޏެވެ. "އަހަރުމެން އަހައިގެން ނުބުނި. ލަޔާނަށް އެނގޭނެ ކޮއްކޮ ރުއްސައިގެން ބުނުވަން. ތި ދެބެން ނުލާހިކު ގުޅެއެއްނު. އަހައިގެން އޮޅުންފިލުވަބަލަ!"
"އެއީ ކާކުކަން އެނގިއްޖެއްޔާ ދެން ވާނީ ކިހިނެއް؟" ލަޔާން ސުވާލުކުރިއެވެ.
"ވާނެ ކަމެއް ނެތް،" ރޮމުން އަހަރެން ބުނީމެވެ. "ހައްތާ ވެސް ނުވާނެ ކަންތައް ހުރީ. އެއީ ތައުފީގު ކުރި ކަމެއްކަމަށް ވެއްޖެއްޔާ، ދެން ތައުފީގަކަށް މި ގެއަކަށް ނުވަދެވޭނެ. އުސައިދަކާ ވާހަކައެއް ވެސް ނުދެއްކޭނެ. ހުރިހާ ކަމެއް ނިމުނީ."
އެއީ އަހަންނަށް ވެސް ވަރަށް ހިތްދަތި ހުކުމެކެވެ. އެހެން ވިޔަސް ހެވޭ ހިތަށްއެރިއެވެ. އެ ހިސާބުން ތަހުގީގު ފެށުނެވެ. އަހަރުމެން ތިބީ ލަޔާނަށް ދޫކޮށްލައިގެންނެވެ. ފުރަތަމަ ދުވަސް ދިޔައެވެ. ދޭއް، ތިނެއް، ހަތަރު ދުވަސް ފާއިތުވިއެވެ. ފަސްވަނަ ދުވަހު އުސައިދު ޖަވާބުދިނެވެ. ޖަވާބު ހިފައިގެން ލަޔާން ދުވެފައި އައެވެ.
"އަހަންނަށް އެނގިއްޖެ ބުނީ ކާކުކަން." ލަޔާން ބުންޏެވެ.
"ކާކު؟" އަހަރެން އެހީމެވެ.
ނުނިމޭ