ސަލްމާނާއި ކަރަން އަކްޝޭ ލައްވާ ފިލްމެއް ކުޅުވަނީ
ސަލްމާނާއި ކަރަން އަކްޝޭ ލައްވާ ފިލްމެއް ކުޅުވަނީ

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސަލްމާން ޚާނާއި އަކްޝޭ ކުމާރު އަދި ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ގުޅިގެން ފިލްމެއް އުފައްދަން އުޅޭކަން އިއުލާންކޮށްފި އެވެ. އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ މި ފިލްމު އުފައްދާކަން އިއުލާންކުރީ ސަލްމާން ކުރި ޓުވީޓެއްގަ އެވެ.

އޭނާ ބުނި ގޮތުގައި ކަރަން ޖޯހަރާއި އޭނާ ކޯ-ޕްރޮޑިއުސްކުރާ މި ފިލްމުގައި ބަތަލުގެ ބައި ކުޅޭނީ އަކްޝޭ ކުމާރެވެ.

ކަރަން ވެސް ހަމަ މި މޭރުމުން ޓުވީޓްކޮށްފައިވެ އެވެ. ކަރަން ވެސް ބުނީ ސަލްމާނާއި އޭނާ ބައިވެރިވެގެން ޕްރޮޑިއުސްކުރާ ފިލްމެއް ފެށޭތީ ވަރަށް އުފާވާ ކަމަށެވެ. އަދި އަކްޝޭ ކުމާރު ލީޑް ރޯލު ކުޅޭ މި ފިލްމު ޑައިރެކްޓްކުރާނީ އަނުރާގް ސިންގް ކަމަށް ވެސް ކަރަން ބުންޏެވެ.

އަކްޝޭ އަކީ މިހާރު ފިލްމު ކުޅޭ އެކްޓަރުންގެ ތެރެއިން ތިން ޚާނުން ފިޔަވައި ދެން އެންމެ ކާމިޔާބު އެކްޓަރެވެ. މިދިޔަ އަހަރު ނުކުތް އޭނާގެ ހުރިހާ ފިލްމުތަކެއް ވެސް ވަނީ ކާމިޔާބުވެފަ އެވެ.

ގިނަ ބަޔަކު ހީކުރީ އަކްޝޭއާ އެކު މިފިލްމުގައި ސަލްމާން ވެސް ބައިވެރިވާނެ ކަމަށެވެ. އެ ދެ ތަރިން އެކުގައި ކުޅުނު "މުޖްސޭ ޝާދީ ކަރޯގޭ" އަށް ފަހު މި ދެ އެކްޓަރުންގެ ފިލްމަކަށް ފޭނުން އިންތިޒާރުކުރާތާ ވަރަށް ދުވަސް ވެއްޖެ އެވެ. ނަމަވެސް ފިލްމު އިއުލާންކުރިއިރު ސަލްމާންގެ ބައިވެރިވުން މި ފިލްމުގައި އޮތީ ހަމައެކަނި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ކަން ވަނީ ޔަގީން ވެފަ އެވެ.