07 އޯގަސްޓް 2022 - 06:42

އެމެރިކާގެ މެއިންގައި ދިރިއުޅޭ ގޭގެ ކުލި ބޮޑުވެ ނުދެއްކޭވަރު ވުމުން ދެމަފިރިއަކު ގެއިން ނުކުމެ ޓެންޓެއްގައި އުޅެން ފަށައިފި އެވެ.

ލޯރެން އަދި ބެންޖީ ބާރޭ އެ މީހުންގެ އެޕާޓްމަންޓް ދޫކޮށްލައި ޓެންޓެއްގައި އުޅެންފެށީ މީގެ ތިން މަސް ކުރިންނެވެ.

ބެންޖީ މަސައްކަތް ކުރަމުން ދިޔައީ ކެފޭއެއްގަ އެވެ. އަދި ލޯރެން މަސައްކަތް ކުރަމުން ދިޔައީ ސެލޫނެއްގައި ރިސެޕްޝަނިސްޓެއްގެ ގޮތުގަ އެވެ. ދެމީހުންގެ މުސާރަ އެއްކޮށްލުމުން ކޮންމެ މަހަކު ދެމީހުންނަށް 2،400 ވަރަކަށް އެމެރިކާ ޑޮލަރު ލިބެ އެވެ.
ނަމަވެސް އިގްތިސާދީ ހާލަތު ގޯސްވެ މީގެ ހަތް މަސް ކުރިން ބެންޖީގެ ވަޒީފާ ގެއްލުން ބަރޯސާ ވާން ޖެހުނީ ލޯރެންގެ ވަޒީފާ އަށެވެ. ލޯރެން އަށް މަހަކު ލިބެނީ 1،400 އެއްހާ ޑޮލަރެވެ. އެއީ އެމީހުން ދިރިއުޅޭ ގޭގެ ކުއްޔަށް ވެސް ދައްކަން ޖެހޭ އަދަދެވެ.
ދެން ކުއްޔަށް އުޅެވޭ ގޮތް ނުވެގެން ގެއިން ނުކުމެ ޓެންޓެއްގައި އުޅެން ފެށީ އެވެ. ދެމީހުން ޓެންޓުގައި ދިރިއުޅެން ޖެހެނީ ވަރަށް ހާލުގަ އެވެ. ޖަންގައްޔާއި ޕާކުތަކުގައި ދެމީހުން ޓެންޓު ޖަހައިގެން އުޅޭ އިރު އެއް ތަނެއްގައި މާ ގިނަ ދުވަހަކު ނޫޅެވެ އެވެ.
"14 ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެއް އެއް ތަނެއްގައި ތިބެއްޖެ ނަމަ ފުލުހުން އައިސް ގެންދާނެ. އެހެންވީމާ އަވަސް އަވަހަށް އެބަޖެހޭ ބަދަލުވާން ވެސް،" ލޯރެން ކިޔައިދިނެވެ.
މިހާރު ދެމީހުންގެ އިތުރު ކަންބޮޑުވުމެއް އެބައޮތެވެ. އެއީ ފިނި މޫސުން ކައިރި ވުމެވެ. ފިނި މޫސުން އަންނަ އިރު ޓެންޓުގައި ތިބޭ ނަމަ ހޫނު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ލޯރެން ކިޔައިދިނެވެ.
އެހެންވެ ދެމީހުން މިވަގުތު އެންމެ ބޮޑު އުއްމީދެއް ކުރަމުން އަންނަނީ އަގުހެޔޮ ބޯހިޔާވަހި ކަމެއް ލިބޭނެ ގޮތަކަށެވެ.