ވިޖޭ އާއި އަނަންޔާގެ "އާފަތު" ނެރެފި
ވިޖޭ އާއި އަނަންޔާގެ "އާފަތު" ނެރެފި

ތެލޫގޫ ފިލްމުތަކުން މަގްބޫލުވި ވިޖޭ ދެރަވަކޮންޑާގެ ފުރަތަމަ ބޮލީވުޑް ފިލްމު، "ލައިގާ" ގެ ލަވައެއް ކަމަށްވާ "އާފަތު" ނެރެފި އެވެ.

ރަޝްމީ ވިރާގް ލިޔެ، ތަނިޝްކް އާއި ޒަހްރާ ހާން ކިޔާފައިވާ އެ ލަވައަކީ ތަނިޝްކް ބަގްޗީ ކޮމްޕޯސްކޮށްފައިވާ ލަވައެކެވެ. އިއްޔެ ލަވަ ރިލީޒްކުރިތާ މާގިނަ އިރުތަކެއް ނުވެ، މިލިއަން ވިއުސް ލިބިފައިވާ ލަވައިގައި ފެންނަނީ ވިޖޭ އާއި އަނަންޔާ، ގޮނޑުދޮށުގައި ނަށާ މަންޒަރެވެ.

މީގެ ކުރިން ނެރެފައިވާ "އަކްޑި ޕަކްޑި" ލަވައަށް ޕޮޒިޓިވް ފީޑްބެކެއް ލިބިފައިވެ އެވެ.

ކަރަން ޖޯހަރު ކޯ ޕްރޮޑިއުސްކުރާ އެ ފިލްމުގައި ވިޖޭ ފެންނާނީ ބޮކްސިން ތަޅާ މީހެއްގެ ރޯލުންނެވެ. ފިލްމުގައި ރަމްޔާ ކްރިޝްނާ އާއި ރޯނިތު ރޯއީ ކަހަލަ ތަރިން ވެސް ފެންނާނެ އެވެ.

މިމަހުގެ 25 ގައި ރިލީޒްކުރާ އެ ފިލްމު ފަސް ބަހަކުން ނެރޭނެ އެވެ. އެއީ ހިންދީ އާއި ތެލޫގޫ އާއި ތަމަޅަ އަދި މަލަޔާލަމްގެ އިތުރުން ކަންނަޑާ ބަހެވެ.

އެކި ތަންތަނުގައި ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ވަރަށް ވަރުގަދަކޮށް ކުރިއަށް އެބަ ގެންދެ އެވެ.