07 އޯގަސްޓް 2022 - 06:41

ބޮލީވުޑްގެ ޒުވާން ތަރި، ޖާންވީ ކަޕޫރު ހުރީ ސިންގަލްކޮށް ކަމަށާއި ދިރިއުޅުން ވަރަށް އެކަނިވެރި ކަމަށް އޭނާ ބުނެފި އެވެ.

"ކޮފީ ވިތު ކަރަން" ގައި ބައިވެރިވެ ޖާންވީ ވަނީ އޭނާ ހުރީ ސިންގަލްކޮށްކަން ކަށަވަރުކޮށްދީފަ އެވެ.
އަދި އޭނާއަށް ވަރަށް އެކަނިވެރިކަން އިހުސާސްކުރެވޭ ކަމަށް ވެސް ބުންޏެވެ.
އެކަމަކު އޭނާ ބުނީ އަމިއްލަ ހާލައިގެން ނޫޅެވޭ މީހުންނާ އޭނާ ގުޅުން ބާއްވަން ބޭނުން ނުވާ ކަމަށެވެ.
ބައިވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ޖާންވީ ބުނީ އޭނާއަށް ރަނގަޅުވުމެވެ. އަދި އޭނާއަށް ހިނުތުންވުން ގެނެސްދޭ ބައިވެރިއެއްގެ ގޮތުގައި ދެމި ހުރުމެވެ. އެގޮތަށް އަމަލުކޮށްފި ނަމަ، އޭނާ ވެސް ރަނގަޅުވާނެ ކަމަށާއި އަބަދުވެސް އެމީހަކާ އެކު ދެމި ހުންނާނެ ކަމަށް ބުންޏެވެ.
ފިލްމީ ދާއިރާއަށް ނިކުތުމުގެ ކުރިން ޖާންވީ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެ ދާއިރާއާ ގުޅުމެއް އޮތް ބަޔަކަށް ނޫނެވެ. އެކަމަކު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވެ އެ ފިލްމުގެ ލީޑު ބަތަލު، އިޝާން ކައްޓާރުއާ އޭނާ ރައްޓެހިވެގެން އުޅުނެވެ.
ޖާންވީ ބުނެފައިވާ ގޮތުގައި އިޝާންއާ އޭނާ އަދިވެސް ގުޅުން އޮވެ އެވެ. އެކަމަކު ބިޒީވެގެން ދެމީހުން ދިމާނުވިޔަސް އަދިވެސް ދިމާވެއްޖެ ނަމަ، އެމީހުން ވާހަކަ ދައްކާ ކަމަށް ޖާންވީ ބުނެ އެވެ.
ފިލްމީ ދާއިރާއިން ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ ޖާންވީގެ ކުރިއަށް އޮތް "ގުޑް ލަކް ޖެރީ" އާއި "މިސްޓާ އެންޑް މިސިސް މާހީ" އެބަ އޮތެވެ.