ފައިލު ނަންބަރު 001
ފައިލު ނަންބަރު 001

އިންސާނުންގެ ބާރުގެ ދަށަށް ޖިންނިން ގެނައުމަކީ، ރާޤީންނަށް ވަރަށް ފަސޭހަ ކަމެކެވެ. އެ ކަމަށްޓަކައި، ވަރަށް ގިނަ އެއްޗެހި ހިތުންދަސްކުރަން ޖެހެއެވެ. ޢަމަލީ ގޮތުން ތަޖުރިބާ ހޯދަން ޖެހެއެވެ. ރުޤްޔާ ނުވަތަ ހުއްދަ ފަންޑިތަ ހަދަން ދަސްކުރުމުގެ ޝައުޤުވެރިކަން އަހަރެންގެ ހިތުގައި އުފެދުނެވެ. ޢާއިލާއަށް ކުރިމަތިވި ކަމަކާ ގުޅިގެންނެވެ. އަހަރެންގެ ގުރޫޕުގައި އިތުރު ދެ މީހުން އުޅެއެވެ. އިހުސާނާއި ހަބީބެވެ. ރުޤްޔާކުރަން އެ ދެ މީހުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޖިންނީގެ ދުއްތުރާލުން އެތަކެއް ފަހަރަކު މީހުން ސަލާމަތްކޮށްދިނުމުގައި އެ މީހުން ވަނީ ކާމިޔާބު ހޯދައިފައެވެ. ރުޤްޔާ ދަސްކުރަމުންދިޔަ ނަމަވެސް، އަހަރެން ހުރީ އެ ކަން ފަށަން ތައްޔާރުވެގެނެއް ނޫނެވެ. ހުރިހާ އެއްޗެއް އެއްކޮށް ހިތުންދަސް ނުވާތީއެވެ.

"އޭ! ވެއްޖެ ވަރަށް ސިންޕަލް ކަމެއް ކޮށްލަދޭން،" އެއްދުވަހަކު ހަބީބު އައިސް ބުންޏެވެ. "މަ އެބަ ޖެހޭ މިއަދު ވިއެޓުނާމަށް ފުރަން. ފެންފުޅިއެއް ރެޑީކޮށްލަބަލަ! ކަލެއަށް ވެސް މިހާރު އެ ވަރު ކަމެއް ވާނެއްނު."

އަހަރެން އެއްބަސްވީމެވެ. އެ ދަނޑިވަޅުގައި އިހުސާން ހުރީ ބެންކޮކުގައެވެ. ފެންފުޅިއެއް ތައްޔާރުކުރުމަކީ، ފުޅީގައި ހުންނަ ފެނަށް ކިޔެވުމެވެ. ކީރިތި ޤުރުއާނުގެ ވަކި އާޔަތްތަކެއް ކިޔަވައިފައި އެ ފެން ބޯންދިނުމުން، ޖިންނި ފަރާތުގެ އެއްވެސް ކަމެއް އެ މީހެއްގެ ހަށިގަނޑުގައި ހުރި ނަމަ އެނގޭނެއެވެ. އެ މީހަކަށް އުނދަގޫތަކެއް ވާން ފަށާނެއެވެ. އޭގެ ފުޅިއެއް އޭރު ވެސް ހުއްޓެވެ.

"މިހާރު ވެސް އެބަހުރި ފުޅިއެއް،" އަހަރެން ބުނީމެވެ. "ކުރީ ފަހަރަކު ސިހުރު ބާތިލުކުރަން ކިޔެވި ފުޅި ހުންނާނެއްނު."

ހަބީބަކީ ބިރު ކުޑަ، ރުޤްޔާއަށް ކުޅަދާނަ މީހެކެވެ. ޖިންނިޔާ ހަނގުރާމަކުރަމުން ގޮސް، މޮޔަވެފައި އޮންނަ މީހާޔާ އެކުގައި އެނދަށް ލޮޅުންއެރިޔަސް، ކޮޓަރީގެ ކުޑަދޮރު އަމިއްލައަށް ހުޅުވިލެއްޕުނަސް ކުޑަ ވެސް ޖެހިލުމެއް ނުވާނެއެވެ.

"ރަނގަޅުވާނެ،" ހަބީބު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އެ ސޮރު މާ ބޮޑަށް ބިރުގަނެ، ނުނިދެނީޔޯ! ކޮންމެ ކަމެއް ވެސް އޭނަޔަށް ވަނީ ބިރަކަށް. ސައިކަލަށް އަރައިފިއްޔާ ހީވަނީ އެކްސިޑެންޓެއް ވެދާނެހެން. ހަދާ އިމާރާތެއްގެ ދަށުން ދަންޏާ ހީވަނީ މަތިން އެއްޗެއް ވެއްޓިދާނެހެން. އެ ހިސާބަށް ދިޔައިމަ ކޮން ނިންޖެއް އަންނާނީ؟ އޭނައަށް ހީވޭ ފަންކާ ވެސް ބޮލަށް ވެއްޓިދާނެހެން. ހާޝިމް އޭނައަށް ކިޔާނީ. އެ ސޮރު އައިމަ އޭނައަށް ފުޅި ހަވާލުކުރޭ! އޭރުން އެ ނިމުނީ."

އަހަރެން އެއްބަސްވީމެވެ. ހަބީބު ފަދަ ރައްޓެއްސަކަށް އެ ވަރު ކަމެއް އަހަރެން ނުކޮށްދޭންވީ ސަބަބެއް ނެތެވެ. ހަބީބު ފުރީ އަހަންނަށް ފޯނު ނަންބަރެއް ދީފައެވެ. އެ ދުވަހުގެ ރޭ، ހަބީބު ދިން ނަންބަރުން މީހަކު ގުޅިއެވެ.

"އެނގިއްޖެ ދޯ!" ހާޝިމް ގުޅައިފައި ބުންޏެވެ. "މީ ހާޝިމް. ހަބީބު ބުނި ފެންފުޅި ބަލާ...."

"އާނއާނ!" އަހަރެން ޖަވާބު ދިނީމެވެ. "ރެޑީގައި ހުރީ."

ގެ ހުރި ތަން އަހަރެން ކިޔައިދިނީމެވެ. ހާޝިމް އައެވެ. އެއީ، ވަރަށް ނަލަކޮށް ހެދުން އަޅައިފައި ހުރި، ހިމަތޮޅި ޒުވާނެކެވެ. އޭނަ ހުރީ ވަރަށް ހިނިއައިސްފައެވެ. އަހަރެން ފެން ފުޅި ދިނީމެވެ. އެ ހިސާބުން އަހަރެންގެ މަސައްކަތް ނިމުނީކަމަށް ހީކުރީމެވެ. އަހަރެން ވަނީ ފެންވަރާށެވެ. ފެންވަރަން ހުރިއިރު ހިތަށްއެރިއެވެ. ކަމެއް ދިމާވެއްޖެއްޔާ ހާޝިމް ގުޅާނީ އަހަންނަށެވެ. އެހެން ވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

"ކޮން ކަމެއް ދިމާވާނީ؟" ހިތާހިތުން ބުނެލީމެވެ. "ހާސްކަނޑާލާ!"

ޖެހިގެން އައި ދުވަހު ވެސް ހާޝިމްގެ ޚަބަރެއް ނުވެއެވެ. އަހަރެންގެ ހިތް ކުޑަކޮށް ނުތަނަވަސް ވިއެވެ. އެއްވެސް ޚަބަރެއް ނުވީމައެވެ. ގޭގެ އެންމެން ލަންކާއަށް ފުރިއެވެ. އަހަންނާ ގެ ހަވާލުކޮށްފައެވެ. އޮފީހުން ޗުއްޓީ ނުލިބުމުން އަހަންނަކަށް އެ ދަތުރަކު ބައިވެރިއެއް ނުވެވުނެވެ. ފެން ފުޅި ދިންތާ ތިން ވަނަ ރޭ ހާޝިމްގެ ނަންބަރުން ކޯލެއް އައެވެ. އަހަރެން ފޯނު ނެގީމެވެ.

"ހަލޯ!" ވާހަކަދެއްކީ ވަރަށް ހާސްވެފައި ހުރި އަންހެނެކެވެ. "މުނާޒުތޯ؟"

އެ އަޑު ކަންފަތުގައި ޖެހުމާ އެކު ވެސް އަހަރެންގެ ހިތަށްއެރިއެވެ. ލިބެން އުޅެނީ ރަނގަޅު ޚަބަރެއް ނޫނެވެ.

"މީ ހާޝިމްގެ މަންމަ!" ރޮއިގެންފައި އޭނާ ބުންޏެވެ. "ވަރަށް ސަކަރާތްވެގެން މި އުޅެނީ. ނިކަން އަވަހަށް އައިސްބަލަ!"

އަހަންނަކީ ރުޤްޔާ ދަސްކުރާ މީހެކެވެ. ގޭގެއަށް ގޮސް ޖިންނި ފެއްސުމަކީ އަހަރެން ދުވަހަކު ވެސް ކުރި ކަމެއް ނޫނެވެ. ވަރަށް ރަނގަޅަށް ދަސްނުވަނީސް އެ ކަން ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. ދެން ހަދާނެ ގޮތަކާ މެދު ވިސްނައިލީމެވެ.

"ކިހިނެއްވީ؟" އަހަރެން ސުވާލުކުރީމެވެ. "އިހަށް ހަމަޖެހިލައިގެން ވީ ގޮތް ކިޔައިދީބަލަ!"

"ހާޝިމް އެ ފެން ބުއީ މިރޭ. ބުއިތަނާ ފާޑެއްގެ ގޮތެއް ވާން ފަށައިފި،" ގޮތް ހުސްވެފައި ހުރި މަންމަ ބުންޏެވެ. "މިހާރު އެބަ އޮތް ގޮނޑިއަކަށް ދެމިފައި. ލޮލުން އެބަ ފެން ފައިބާ. ދޭތެރެއަކުން ފުންމައިގެން ތެދުވެ އެބަ ހިނގަން ފަށާ. މަށާ ދިމާއަށް ކަޅިއަޅައިގެން ވެސް އެބަ ހުރޭ އެތައް އިރަކު. ބައެއް ފަހަރަށް، ފާޑެއްގެ ގުދެއް ނެރިލައިގެން އެބަ އިނދޭ ދަތްޕިލަ ޖައްސައިލަޖައްސައިލާ. ދެން ފަށަނީ ހަޅޭއްލަވަން. އެ ފެން ފުޅިއެއް ބުއި ފަހުން ހައްތާ ގޯސްމިވީ. އައިސްބަލަ ނިކަން އަވަހަށް."

ވަރަށް ކުޑަކަމަށް އަހަރެން ހީކުރި ކަންތައް މަޑުމަޑުން ބޮޑުވާތަން އަހަންނަށް ފެންނަން ފެށިއެވެ. އެހެންނަމަވެސް، އެ ގެއަށް ދިޔުމަކީ ބުއްދިވެރިކަމެއް ކަމަކަށް އަހަންނަކަށް ނުފެނުނެވެ.

"މިހާރު އަހަރެން ތި ކޮޅަށް ދިޔުން ރަނގަޅެއް ނުވާނެ. މަ މި ބުނާ ގޮތް ހަދާ!" އަހަންނަށް ފެނުނު އެންމެ ރަނގަޅު ލަފާ ދިނީމެވެ. "މަންމަ ދައްކާ ވާހަކަ ހާޝިމަށް އޮޅުންފިލާވަރު ވީމަ ބުނޭ މި ގެއަށް އައިސް މަށާ ބައްދަލުކުރާށޭ. އޭނައަށް މި ގެ އެނގޭނެ."

"އެއީ ކީއްވެ؟" މަންމަ ސުވާލުތައް ކުރިމަތިކުރަން ފެށިއެވެ. "ކީއްވެ މި ކޮޅަށް އައުން ރަނގަޅު ނުވާނީ؟ ކީއްކުރަން ހާޝިމް ތި ކޮޅަށް ފޮނުވަނީ؟ އޭނައަށް ކީއްކުރަން ތި އުޅެނީ؟ މިހާރު ވެސް އޭނަ އެ އޮތީ ގޮނޑިއަކަށް ދެމިފައި. އޭނައަކަށް ނޭނގޭ ވާއެއްނުވާއެއް. ކިހިނެއް ތި ކޮޅަށް ފޮނުވާނީ ވެސް؟"

ރުޤްޔާ އާއި، ސިހުރާއި، ޖިންނި ޝައިތާނުންގެ ކަންކަމަކީ، ވިސްނައިދޭން އެހާ ފަސޭހަ ކަންކަމެއް ނޫނެވެ. ޖިންނީގެ ވާހަކަ ކީރިތި ޤުރުއާންގައި އައިސްފައިވާތީ ވަރަށް ގިނަ މީހުން ޖިންނި ގަބޫލުކުރެއެވެ. ގަބޫލުކުރަން އުނދަގުލީ އެ ސޮރުމެންގެ މިޒާޖާއި، ކުޅަދާނަކަމާއި، މައިތިރި ކުރެވޭނެ ގޮތްގޮތެވެ. ފޯނުން އެ ހުރިހައި ވާހަކައެއް އަހަންނަކަށް ކިޔައެއް ނުދެވޭނެއެވެ.

"މި ކިޔާ އެއްޗެއް އަޑުއަހާބަލަ!" އަހަރެން އެދުނީމެވެ. "މިހާރުތާ އޭނައަށް ވާނުވާ ނޭނގެނީ. މީހަކު ކަމެއް ނުކުރިޔަސް ހާޝިމް އިރުކޮޅަކުން ހަމައަކަށް އެޅޭނެ. މަންމަ ދައްކާ ވާހަކަ އޭނައަށް ރަނގަޅަށް އޮޅުންފިލާނެ. އެ ހިސާބަށް ދިޔާމައޭ ބުނަންވީ މަށާ ބައްދަލުކުރާށޭ."

"ވާނުވާ އެނގޭ ހިސާބަށް ނުގޮއްސިއްޔާޔޯ؟" ކަންބޮޑުވެފައިވާ މަންމަ ބުންޏެވެ.

"ގަޑިއެއްހާއިރު ތެރޭގައި އޭނަ ހަމައަކަށް ނޭޅުނަސް މަށަށް ގުޅާ!" އަހަރެން ހަމަޖެހިލައިފައި ބުނީމެވެ.

ހާޝިމްގެ މަންމަ ފޯނު ބޭއްވިއެވެ. އަހަރެންގެ އަޑުން ހަމަޖެހޭ ގޮތް ދެއްކިޔަސް، އަހަރެން ހުރީ ހާސްވެފައެވެ. އެ ގެއަށް ދާންޖެހިއްޖެއްޔާ ދެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އަމުރަށް ޖިންނި ކިޔަމަން ނުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެ ޖިންނިއަކީ މާރިދެއް ނުވަތަ އިފުރީތެއްކަމަށް ވެއްޖެއްޔާ ވިސްނުން ތޫނުވާނެއެވެ. ގަދަފަދަ ވާނެއެވެ. އިންތިހާއަށް ޖެއްސުން ކުރާނެއެވެ. އެ ހުރިހާ ކަމެއް އަހަންނަށް އެނގެއެވެ. އިހުސާނަށް ގުޅަން އުޅެ އެ ކަމެއް ނުވިއެވެ. ހަބީބަކާ ވެސް ނުގުޅުނެވެ. އަހަރެން ފޯނު ނިއްވައިލައިފިއްޔާ ހާޝިމްގެ މަންމައަކަށް އަހަންނަކާ ނުގުޅޭނެއެވެ. އެހެންނަމަވެސް، އެއީ ޙައްލެއް ނޫނެވެ. އަހަރެންގެ އެހީ އެންމެ ބޭނުންވާ ދަނޑިވަޅު އަހަންނަކަށް ނުފިލޭނެއެވެ. ފޯނު ރަނގަބީލުވާން ފެށިއެވެ. އެ ފަހަރު ވެސް އަރާފައި އޮތީ ހާޝިމްގެ ނަންބަރެވެ. ހަދާނެ ގޮތަކާ މެދު ވިސްނަން ހުއްޓައި ފޯނު ކެނޑުނެވެ. އަނެއްކާ ގުޅިއެވެ.

"ހަލޯ!" އަހަރެން ފޯނު ނެގީމެވެ.

ވާހަކައެއްދެއްކުމުގެ ބަދަލުގައި ހާޝިމް ހޭން ފެށިއެވެ. އަހަރެން ހިތަށްއެރިއެވެ. މަންމަ ބިރުގަންނަވައިލަން ހާޝިމް ސަމާސާއެއް ކުރީބާއެވެ؟

"ކިހިނެއް ހަދަންވީ؟" ހާޝިމް ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ދާންވީ؟"

"ކިހިނެއް ހަދައިގެން ތި އުޅެނީ؟" އަހަރެން ސުވާލުކުރީމެވެ.

"މަށަކަށް ނޭނގެ ވީ ގޮތެއް،" ހާޝިމް ޖަވާބުދިނެވެ. "މަންމަ އެބަހުރި ރޯން. މަ ނުކުރަން އެއްވެސް ކަމެއް. ހަމަ ގޮނޑީގައި ޖައްސައިލައިގެން އޮތީ. އެކަމަކު، މަންމަ އެބަ ކިޔާ މަ ހަޅޭއްލެވީއޭ، ލޯ ބޮޑު ކުރީއޭ. އަދި ބުނި މަ ސޯފާ މައްޗަށް އަރާ ފުމެގަތްގަތީނުން ސޯފާގެ އެއްބައި ބިންދައިގެން ދިޔައީއޭ. އެއީ ތެދެއް. ސޯފާ ހަލާކުވެފައި އޮތީ. އެކަމަކު މަ ނުކުރަން އެއްވެސް ކަމެއް. މަ ސޯފާއަކަށް ނުވެސް އަރަން."

ހާޝިމް ކިޔައިދިނީ ކަން އޮންނަ ގޮތެވެ. ޖިންނި އަވަލަވައިފައި ހުންނަ މީހާއަށް ހީވާނީ އޭނަ އެއްވެސް ކަމެއް ނުކުރާހެންނެވެ. ހުރިހާ ކުޅިވަރެއް ފެންނާނީ ގާތުގައި ތިބޭ ބަޔަކަށެވެ. އެ ހުރިހާ ވާހަކައެއް އަހަރެން ކިޔައެއް ނުދެމެވެ.

"މިހާރު ކީއްތިކުރަނީ؟" އަހަރެން އެހީމެވެ.

"ހަމަ މި ތާ ޖައްސާލައިގެން އިނީ،" ހާޝިމްގެ އަޑުގައި އެއްވެސް ހާސްކަމެއް ނެތެވެ. "އެ ފެން ފުޅި ވަރަށް ފައްކާ. އެ ބުއި ފަހުން ދަންވަރަކު ނުވެސް ހޭލެވޭ. ވަރަށް އަރާމުކޮށް ނިދާލެވޭ މިހާރު."

ހާޝިމްގެ ހިތްބިރުގަތުން އިންތިހާއަށް ބޮޑުވުމުން ޢާއިލާއިން ބޭނުންވީ ސައިކިއޭޓްރިސްޓެއް ގާތަށް ހާޝިމް ގެންދާށެވެ. އެ ކަމާ ވެސް ހާޝިމް ބިރުގަތެވެ. އޭނަ ކިޔެވީ ރާއްޖެއިން ބޭރުންނެވެ. ކައިވެނިކޮށްގެން އުޅެނީ ދިވެއްސަކާއެވެ. ވަރަށް ފަރިތަކޮށް އަރަބި ބަހުން ވާހަކަދައްކައެވެ. އެކަމަކު، ސުންނީ ފިކުރުތަކުގެ ބަދަލުގައި ހާޝިމް ތަބާވަނީ ސޫފީ ފިކުރުތަކަށެވެ. ނަމާދުކުރުމަކީ، ހާޝިމްގެ ނަޒަރުގައި ކޮންމެހެން މަޖުބޫރުކަމެއް ނޫނެވެ.

"މިކޮޅަށް ޖައްސައިލެވިދާނެތަ؟" އަހަރެން އެދުނީމެވެ.

"އާނ! ކީއްވެނުދެވޭނީ؟" ހާޝިމް ބުނެލިއެވެ. "މިހާރު މަ ހަމަ މުޅިން އޯކޭއޭ."

ހާޝިމް އަންނަން އެއްބަސްވާނެ ކަމަކަށް އަހަރެން ހިއެއްނުކުރަމެވެ. (ނުނިމޭ)