އެމެރިކާގެ ޗުއިންގަމް ވަގަށް ނަސޭހަތް ދީފައި ޖަލު ހުކުމް ބާތިލްކޮށްފި
އެމެރިކާގެ ޗުއިންގަމް ވަގަށް ނަސޭހަތް ދީފައި ޖަލު ހުކުމް ބާތިލްކޮށްފި

އެމެރިކާގައި ޒުވާނަކު 35،000 ޑޮލަރު (539،700ރ.)ގެ ޗުއިންގަމް ވަގަށް ނެގި މައްސަލާގައި އިއްވި އަށް މަހުގެ ޖަލު ހުކުމް ބާތިލްކޮށްފި އެވެ.

އެމެރިކަން ފުޓްބޯޅާގައި ކުރިއަރަމުން ދަނިކޮށް މަސްތުވާތަކެތީގެ ތެރެއަށް ވަދެވި ކިޔެވުމާއި ކެރިއަރު ހުއްޓުމަކަށް އައިސްފައި ހުރި އެލީ ބެނޭކް، 20، އިތުރު ޒުވާނަކާ އެކު އެމެރިކާގެ އިލިނޯއި ސަރަހައްދުގައި ލޮރީއަކުން ޗުއިންގަމް ވަގަށް ނެގީ މަސްތުވާތަކެތި ގަނެފައި އެޔަށް ދައްކަންޖެހޭ ފައިސާ ނުދެއްކިގެން ކަމަށް ވަނީ ބުނެފަ އެވެ.

ބެނޭކް ވަނީ އޭނާ ވައްކަން ކުރި ކަމަށާއި ހައްޔަރުކުރި އިރު ވެސް އަތުގައި ޑްރަގްސް ހުރި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ. އޭނާގެ ދިފާއުގައި ވަކީލުން ވިދާޅުވީ ބެނޭކް އަކީ އުނގެނުނުމުގައި އުނިކަމެއް ހުންނަ ޒުވާނެއް ކަމަށާއި ފުޓްބޯޅައިން ކުރިއަށްދާން ފެށުމާ އެކު ސްކޫލަށް ދިއުން ހުއްޓާލައިގެން އުޅެނީ ވެސް އޭނާއަށް ނުކިޔެވޭތީ ކަމަށެވެ.

ދޮޅު އަހަރު ފަހުން ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް އިއްވި ޖަލު ހުކުމް ބާތިލްކުރަމުން ފަނޑިޔާރު ވަނީ ބެނޭކް އަކީ އެހީވާނެ އާއިލާއެއް އޮތް ޒުވާނެއްކަން އެނގޭ ކަމަށާއި ވައްކަމުގެ މައްސަލާގައި ބެނޭކް ހައްޔަރުކުރުމުން އާއިލާއަށް ބޮޑު ސިހުމެއް ލިބުނު ކަމަށެވެ.

"ޑްރަގާ ދުރަށް ދާން އެބަ ޖެހޭ. އެއީ އެއްވެސް މީހަކަށް ފައިދާއެއް ހުރި އެެއްޗެއް ނޫން. ތިޔައީ ފުޓްބޯޅައިން ރަނގަޅު ކެރިއަރެއް ބިނާކުރެވޭނެ ޒުވާނަކަށް ވުމުގެ ފުރުސަތު އެބަ އޮތް،" ފަނޑިޔާރު ވިދާޅުވި އެވެ.

ޖަލު ހުކުމް ބާތިލްކުރުމަށް ފަހު ފަނޑިޔާރު ވަނީ އުޖޫރައެއް ނުލިބޭ ގޮތަށް 140 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރުމަށް ހުކުމްކުރައްވައިފަ އެވެ. އަދި އޭނާ އުޅޭ ގޮތް 18 މަސް ދުވަހުގެ މުއްދަތަކަށް ބަލަން ވެސް ވަނީ އަންގަވައިފަ އެވެ.