އެމެޒޯން އިން ވައިގެ ތެރޭގައި ގުދަނެއް ހަދަނީ
އެމެޒޯން އިން ވައިގެ ތެރޭގައި ގުދަނެއް ހަދަނީ

ވައިގެ ތެރޭގައި ބާއްވައި އަދި އޭގައި ހުންނަ މުދާ ޑްރޯން ބޭނުންކޮށްގެން އުފުލޭ ގޮތަށް ގުދަނެއް އުފެއްދުމުގެ މަސައްކަތް އެމެޒޯން އިން ފަށައިފި އެވެ.

މި ގުދަން ހެދުމަށް ޕޭޓަންޓް ރެޖިސްޓްރީކުރުމަށް، އޮންލައިން ވިޔަފާރީގައި މަޝްހޫރު އެމެޒޯން އިން މިހާރު ވަނީ ހުށަހަޅައިފަ އެވެ. އޭގައިވާ ގޮތުން މި ގުދަން ވައިގެ ތެރޭގައި ހިފަހައްޓާނީ އެއާޝިޕެއް ބޭނުންކޮށްގެންނެވެ. އަދި އެމެޒޯން އިން އެ ދުވަސްވަރަކު އެންމެ ގިނައިން ވިޔަފާރިވާ ދިމާލަކަށް ގުދަން ގެންދާނެ އެވެ.

އެ ކުންފުނިން ވަނީ 45،000 ފޫޓު މަތީގައި ބާއްވާ މި ގުދަނަށް މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދަކަށް ވެސް ޕޭޓަންޓް ހޯދުމަށް ހުށަހަޅައިފަ އެވެ. ބީބީސީގައި ބުނެފައި ވަނީ މި ގުދަނުގެ ސަބަބުން ކަސްޓަމަރުންނަށް މިހާރަށް ވުރެ އެތައް ގުނައެއް އަވަހަށް މުދާ ރައްދުކޮށްދެވޭނެ ކަމަށް އެމެޒޯން އިން ގަބޫލުކުރެ އެވެ.

ވައިގެ ތެރޭގައި ގުދަން ހަދައި އެތަނުން މުދާ ފޮނުވަން ފަށަން އެމެޒޯން އިން މަސައްކަތް ފަށާފައި ވާއިރު އެ ކުންފުނިން ވަނީ ޑްރޯންގައި މުދާ ޑެލިވަކޮށްދިނުމުގެ ޚިދުމަތް ވެސް ތަޖުރިބާކޮށްފަ އެވެ. އެގޮތުން އޯޑަރު ދިންތާ އެންމެ 13 މިނެޓް ތެރޭ ޑްރޯން މެދުވެރިކޮށް ފުރަތަމަ ޑެލިވަރީ ފުރިހަމަކުރި އެވެ.

ނަމަވެސް ޑްރޯން މެދުވެރިކޮށް މުދާ އުފުލައިދިނުމުގެ ހިދުމަތް އަދި އޮތީ ޓެސްޓްކުރުމުގެ މަރުހަލާގެ ތެރޭގައި ވަރަށް ޕްރައިވެޓް ގޮތެއްގަ އެވެ. އެކަމަކު ދުނިޔޭގެ އެކި ހިސާބުތަކުގައި، އޯޑަރު ދޭތާ 30 މިނެޓް ތެރޭ މުދާ ރައްދުކޮށްދެވޭނެ ފެންވަރަށް ޑްރޯން ޑެލިވަރީގެ ހިދުމަތް ފުޅާކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާ ބެހޭ ގޮތުން އެމެޒޯން އިން އަދި ވާހަކައެއް ނުދައްކަ އެވެ.