އެފްއޭ ކަޕް މި މަހު 12 ގައި ފަށަނީ
އެފްއޭ ކަޕް މި މަހު 12 ގައި ފަށަނީ

ހަތަރު އަހަރަށް ފަހު ފުރިހަމަ ކަމާއެކު އެފްއޭ ކަޕް ބޭއްވުމުގެ ނިޔަތުގައި، މި މަހުގެ 12 ވަނަ ދުވަހު މުބާރާތް ފަށަން އެފްއޭއެމުން ތައްޔާރު ވެއްޖެ އެވެ.

އެންމެ ފަހުން އެފްއޭ ކަޕް ފުރިހަމަކަމާ އެކު ބާއްވާފައި ވަނީ 2017 ވަނަ އަހަރެވެ. އެއަހަރުގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އެއަށް ފަހު ތަފާތު ސަބަބުތަކާ ހުރެ ޖެހިގެން އައި ދެ އަހަރު ވެސް މުބާރާތް ނުބާއްވަ އެވެ.

މެދުކެނޑުމަކަށް ފަހު 2020 ވަނަ އަހަރު މުބާރާތް ކުރިއަށް ގެންދަން ނިންމި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން މުބާރާތް ކެންސަލް ކުރަން ޖެހުނީ ކުޅުން ފަށައިގެން، ޓީމުތައް ސެމީ ފައިނަލަށް ހޮވިފައި ވަނިކޮށެވެ.

މިއަހަރުގެ އެފްއޭ ކަޕުގައި، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަށް ޓީމުގެ އިތުރުން ދެން ވާދަކުރަނީ، ދެވަނަ ޑިވިޝަނުގައި ކުޅޭ ބިސްބުރު ސްޕޯޓްސް ކުލަބެވެ. ބިސްބުރުގެ އިތުރުން ދެ ޓީމެއް އެފްއޭ ކަޕުގައި ވާދަކުރަން ޝައުގުވެރިކަން ފާޅު ކުރި ނަމަވެސް ފަހުން އެ ނިންމުން އަނބުރާ ގެންދިޔައީ ކަމަށް އެފްއޭއެމުން މައުލޫމާތު ދެއެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބާއި ނިއު ސަސްޕެންޝަނުގައި އޮވެފައި އަލުން މިއަހަރު ފުޓުބޯޅައިގައި ހަރަކާތްތެރިވާން ފަށައި، ދެ ޓީމު ވެސް އެފްއޭ ކަޕުގައި ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރި އެވެ. ނަމަވެސް މިއަހަރުގެ އެފްއޭ ކަޕުގައި ވާދަކުރާ ޓީމުތަކުގެ ލިސްޓުގައި ދެ ޓީމު ވެސް ނުހިމެނެ އެވެ.

ނިއު އެންމެ ފަހުން އެފްއޭ ކަޕް ކާމިޔާބު ކުރުމުގެ އިތުރުން، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެސް މެއެވެ. ނިއު އިން ވަނީ 12 ފަހަރު އެފްއޭ ކަޕްގެ ތަށި އުފުލާލައިފަ އެވެ. އަދި ވިކްޓަރީ ވަނީ ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އެފްއޭ ކަޕުގެ ގުރުއަތު ލުމުގެ ރަސްމިއްޔާތު ވަނީ މިދިޔަ ބުދަ ދުބަހު އެފްއޭއެމް ހައުސްގައި ބާއްވައިފަ އެވެ.

މުބާރާތުގެ ޕްލޭއޮފުގައި އެންމެ ފުރަތަމަ މެޗުގައި މިމަހުގެ 12 ވާ ހުކުރު ދުވަހު ހަވީރު ވާދަކުރާނީ ބިސްބުރު ސްޕޯޓްސް ކުލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އެ މެޗުން މޮޅުވާ ޓީމެއް، ޕްރިމިއާ ލީގުގެ ބާކީ ހަތް ޓީމާ އެކު ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ.

ކުއާޓާގެ ފުރަތަމަ މެޗު ހުކުރު ދުވަހުގެ ރޭ ކުޅޭނެ އެވެ. އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ. ޔޫވީ ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވެގެން، 2016 ވަނަ އަހަރު އެފްއޭ ކަޕުގައި ވެސް ކުއާޓާ ފައިނަލުގައި ވަނީ މާޒިޔާއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިގެން، ޕެނަލްޓީގައި ކުރި ހޯދައި ސެމީ އިން ޖާގަ ހޯދީ ޔޫވީ އެވެ.

ކުއާޓާގެ ދެވަނަ މެޗުގައި އޮގަސްޓު 13 ވާ ހޮނިހިރު ދުވަހު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބް ބައްދަލު ކުރާނެ އެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ މާޒިޔާ އާއި ޔޫވީ ކުޅެ މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ކުއާޓާގެ ތިންވަނަ މެޗުގައި ކްލަބް ވެލެންސިއާ އާއި ދަ ގްރާންޑޭ ބައްދަލު ކުރާ އިރު، ކުއާޓާގެ ފަހު މެޗުގައި، ޕްލޭއޮފުން މޮޅުވާ ޓީމެއް (ސަސް ނުވަތަ ބިސްބުރު) ބައްދަލު ކުރާނީ ކްލަބް އީގަލްސް އާއެވެ.

ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 18 ވަނަ ދުވަހު އެވެ. އަދި ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު ތާވަލް ކޮށްފައި ވަނީ މިމަހުގެ 21 ވާ އާދިއްތަ ދުވަހަށެވެ.