ހައިވަކަރު އަހުމަދުފުޅު އަވަހާރަވެއްޖެ
ހައިވަކަރު އަހުމަދުފުޅު އަވަހާރަވެއްޖެ

ރާއްޖޭގެ ފުޓްބޯޅައިގެ އިހުގެ ތަރިއެއް ކަމަށްވާ އަދި ސިފައިންގޭގައި ހިދުމަތް ކުރައްވައި ފަހުން އަތޮޅުވެރިކަން ވެސް ކުރެއްވި މއ. ހައިވަކަރުގޭ އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.

ހައިވަކަރު އަހުމަދުފުޅު އަވަހާރަވެއްޖެ
ހައިވަކަރު އަހުމަދުފުޅު އަވަހާރަވެއްޖެ

އުމުރުން 89 އަހަރުގައި އޭނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުންނެވެ. އަހުމަދުފުޅުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

ހައިވަކަރު އަހުމަދުފުޅު އަވަހާރަވެއްޖެ
ހައިވަކަރު އަހުމަދުފުޅު އަވަހާރަވެއްޖެ

އަހުމަދުފުޅަކީ ރާއްޖޭގެ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އަދި އެންމެ ކާމިޔާބު އެއް ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ގެ ބައްޕަ އެވެ. އޭނާގެ އެހެން ބޭފުޅުންގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ޑީން އޮފް ސްޓޫޑަންޓްސް ލީލާ އަހުމަދާއި މަޝްހޫރު ފިލްމު ޑައިރެކްޓަރު މަހުދީ އަހުމަދާއި މެރެތަން ދުވުންތެރިޔާ އަހުމަދު މިސްތޯހް އާއި ތުމާ އަހުމަދު ހިމެނެ އެވެ.

އަހުމަދުފުޅުގެ އަނބިކަނބަލުންނަކީ ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ މަޝްހޫރު ހުށަހެޅުންތެރިޔާ ނަޖުމާ ހުސެއިނެވެ.

އަހުމަދުފުޅަކީ، މުހައްމަދު އަމީނުގެ ދައުރުގައި، ރާއްޖެ ގެނައި ފުރަތަމަ ފުޓްބޯޅަ ކޯޗު ސްރީ ލަންކާގެ މައިކަލް ޑި ސިލްވާގެ ތަމްރީނުތަކުގައި ބައިވެރިކުރަން މަޖީދިއްޔާ ސްކޫލުން ނެގި ދަރިވަރުންގެ ތެރެއިން އެކެކެވެ. އޭނާވީ ގޯލްކީޕަރަކަށެވެ.

"މަޖީދިއްޔާގައި އޮންނަނީ [ތިއަރީ] ކިޔަވައިދިނުމުގެ ކްލާސް. [ޕްރެކްޓިކަލް] ތަމްރީނުތައް ދެނީ ހެންވޭރު ދަނޑުގައި. ވިނަގަނޑުގައި ރިޔާ ފަތުރައިގެން އޭގެ މަތީގައި ގޮތްގޮތަށް ވެއްޓި، ބޯޅަ ހިފައި ހެދުމުގެ ތަމްރީނުތައް އޭނާ ދެމުން ދިޔައީ. ކުޅޭއިރު ވެއްޓި މަށައިގެން ހިނގައިދާނެތީ ރިޔާ ފަތުރާފައި އޮންނާނީ،" އަހުމަދުފުޅު 2019 ވަނަ އަހަރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެ ހަނދާންތައް އާކުރެއްވި އެވެ.

އަހުމަދުފުޅު ވަނީ އޭރު އަލަށް އުފެދުނު މައްޗަންގޮޅީ ކްލަބަށް ކުޅުއްވަައިފަ އެވެ. އެ ކްލަބާ އެކު ގައުމީ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރައްވައި އެއް ވަނަ ކީޕަރުގެ މަގާމު ހޯއްދެވި އެވެ. އަދި އެއް ގޮތުން ބަލާއިރު ރާއްޖޭގައި އެކުލަވައިލި ފުރަތަމަ ގައުމީ ޓީމު، ހުރިހާ ކްލަބަކުން ހޮވި މޮޅު ކުޅުންތެރިން ހިމެނޭ އެއް ވަނަ 11 ޓީމަށް ވެސް ކުޅުއްވި އެވެ.

އޭނާ ގައުމީ ހިދުމަތުގެ ތެރެއަށް ވެންނެވީ 1953 ވަނަ އަހަރު ސިފައިންގެއާ ގުޅިވަޑައިގެންނެވެ. ހައިވަކަރު އަހުމަދުފުޅު ވަނީ ސިފައިންގެ ކްލަބަށް ފުޓްބޯޅައިގެ އިތުރުން ރަގްބީ ވެސް ކުޅުއްވައިފަ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް 1978 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވިއިރު އަރިހުގައި ހުންނެވި ސިފައިންގެ ބޭކަލަކީ ވެސް އަހުމަދުފުޅެވެ. މައުމޫންގެ ރައީސްކަން ފެށުމާ އެކު، އޭނާ ސިފައިންގޭގެ ހިދުމަތުން ބަދަލުކުރެއްވި އެވެ. އަހުމަދުފުޅު ސިފައިންގެ ދޫކުރެއްވީ 24 އަހަރު ހިދުމަތްކުރެއްވުމަށް ފަހު، އެވެ. އޭރު ހުންނެވީ ސިފައިންގޭގެ އޭރުގެ އެންމެ މަތީ ރޭންކުކަމަށްވާ ކެޕްޓަނެއްގެ މަގާމުގަ އެވެ.

މައުމޫނުގެ ވެރިކަމުގައި އޭނާ ބޮޑަށް ހިދުމަތް ކުރެއްވީ އެޓޯލްސް މިނިސްޓްރީގަ އެވެ. ޅ. އަތޮޅާއި މުލަކު އަތޮޅާއި އައްޑު އަތޮޅުގެ އަތޮޅުވެރިކަން ވަރަށް ގިނަ ދުވަހު ކުރެއްވި އެވެ. ފަހުން އިންފޮމޭޝަން މިނިސްޓްރީގައި ވެސް މަސައްކަތްކުރެއްވި އެވެ.

އަހުމަދުފުޅު ވަނީ ދައުލަތަށް 58 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.