ރެނާޓޯ ސަންޗޭސް ފަސް އަހަރުގެ ކޮންޓްރެކްޓުގައި ޕީއެސްޖީ އަށް
ރެނާޓޯ ސަންޗޭސް ފަސް އަހަރުގެ ކޮންޓްރެކްޓުގައި ޕީއެސްޖީ އަށް

ޕެރިސް (އޮގަސްޓް 5) - ޕޯޗުގަލްގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ސޮއިކޮށްފި އެވެ.

ލިލް އަށް ކުޅެމުން އައި މިޑްފީލްޑަރުގެ ސޮއި، ޖޫން 2027 ގެ ނިޔަލަށް ޕީއެސްޖީ އިން ހޯދީ 10 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ލިލް ގައި ކުޅުނު ދުވަސްވަރު ސަންޗޭސް ވަނީ ޕީއެސްޖީގެ މިހާރުގެ ކޯޗު ކްރިސްޓޮފް ގަލްޓިއާ އާއެކު މަސައްކަތް ކޮށްފަ އެވެ. ފޯމު ދަށްވުމުގެ ސަބަބުން ބެޔާން އިން އޭނާ ބޭނުން ނުވުމުން ލިލް އަށް ގެނައީ ގަލްޓިއާ އެވެ. ލިލްގައި ގަލްޓިއާގެ އިރުޝާދުގެ ދަށުން އޭނާ ވަނީ ފްރެންޗް ލީގު ކާމިޔާބު ކޮށްފަ އެވެ.

މި މަހު 25 އަހަރު ފުރޭ ސަންޗޭސް ވަނީ ލިލް އަށް ކުޅެދިން ތިން ސީޒަނުގައި 97 މެޗު ކުޅެ ހަތް ގޯލު ޖަހައިދީފަ އެވެ. އޭނާ ލިލް އަށް ބަދަލުވީ 2019 ވަނަ އަހަރު ޖަރުމަނުގެ ބަޔާން މިއުނިކުންނެވެ. ބަޔާންގައި އުޅުނު ދުވަސްވަރު އޭނާ ވަނީ ލޯނު އުސޫލުން ޕްރިމިއާ ލީގުގައި ސްވަންސީ ސިޓީ އަށް ކުޅެފަ އެވެ.

ބެންފީކާގެ އެކަޑަމީ ގްރެޖުއޭޓް ސަންޗޭސް ހޯދަން އިޓަލީގެ ޗެމްޕިއަން އޭސީ މިލާނުން ވެސް މަސައްކަތް ކުރި އެވެ. އޭނާ ވަނީ ބެންފީކާގައި ސީނިއާ ކެރިއަރު ފެށުމަށް ފަހު، އޭނާ ވަނީ ޕޯޗުގަލް ލީގުގެ ރެކޯޑް އަގަކަށް 2016 ގައި ޖަރުމަނުގެ ބެޔާން މިއުނިކަށް ބަދަލު ވެފަ އެވެ.

ބެންފީކާގައި އޭނާ ކުޅުނު ފުރަތަމަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާ އެކު، 2016 ވަނަ އަހަރު އޭނާ އަށް ޕޯޗުގަލްގެ ސީނިއާ ގައުމީ ޓީމުން ވެސް ޖާގަ ލިބުނެވެ. އެ ފަހަރު ޕޯޗުގަލް އިން ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި އިރު އޭނާ ވަނީ ޓީމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

ޕީއެސްޖީ އިން ވަނީ ސަންޗޭސްގެ އިތުރުން އާރުބީ ލައިޕްޒިގަށް ކުޅޭ ފްރާންސް ޑިފެންޑަރު ނޯޑީ މުކިއެލޭ އާއި ސްޕޯޓިން އަށް ކުޅޭ ޕޯޗުގަލްގެ ޒުވާން ވާތުބެކް ނޫނޯ މެންޑޭޒްގެ އިތުރުން ޕޯޓޯ އަށް ކުޅޭ ޒުވާން މިޑްފީލްޑަރު ވިޓީނިއާގެ ސޮއި ވެސް ހޯދައިފަ އެވެ. އަދި ރެއިމްސް އަށް ކުޅޭ ފްރާންސްގެ ޒުވާން ސްޓްރައިކަރު ހޫގޯ އެކިޓިކޭ ވެސް ލޯނު އުސޫލުން މި ސީޒަނުގައި ޕީއެސްޖީ އިން ފެންނާނެ އެވެ.