ޝުމްބާގެ ޝަރީއަތް ކުރިއަކަށް ނުގެންދޭ، އަމަލުކުރަނީ ވަރަށް ބޭއިންސާފުން: އާއިލާ
ޝުމްބާގެ ޝަރީއަތް ކުރިއަކަށް ނުގެންދޭ، އަމަލުކުރަނީ ވަރަށް ބޭއިންސާފުން: އާއިލާ

މީގެ އަހަރެއްހާ ދުވަސް ކުރިން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ ގޮންގު) ގެ ޝަރީއަތް ކުރިއަށް ނުގެންގޮސް، އޭނާއާ ދޭތެރޭ ބޭއިންސާފުން އަމަލުކުރަމުން ދާ ކަމަށް ބުނެ އާއިލާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮތް ޝުމްބާ ހައްޔަރުކުރީ އޮކްޓޫބަރު 2015 ގައި ސްރީ ލަންކާ އިންނެވެ. އޭނާގެ މައްޗަށް ކުރަނީ ބިރު ދެއްކުމުގެ ދައުވާ އެވެ.

އެއީ، ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒާހިދު ޒަމީރަށް އެކި ފަހަރު މަތިން ފޯނުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރު ދިން މައްސަލައެއްގަ އެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުގައި އޭނާގެ ޝަރީއަތް ފަށާފައިވީ ނަމަވެސް އެންމެ ފަހުން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވީ މިިދޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ފަހުކޮޅު ޝެޑިއުލްކުރި ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެ އެވެ.

ޝުމްބާގެ މަންމަ ޒައީމާ އަބްދުއްރަހުމާން ބުނީ ދަރިފުޅުގެ ޝަރީއަތް އަވަސްކޮށްދޭން ކޯޓުތަކާއި ހިއުމަން ރައިޓްސް ކޮމިޝަނުގައި ވެސް އެކި ފަހަރު މަތިން އެދިފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ދަރިފުޅަށް 18 އަހަރު ފުރުނުތަނާ ޖަލަށް ގެންގޮސް އެކަނިމާއެކަނި ގޮޅިއަކަށް ލާފައި އެ އޮންނަނީ. ފޯނު ކޯލަކަށް ނޫން ގޮތަކަށް ބޭރަކަށް ނުނެރޭ. ކަންފަތުގެ މައްސަލައެއް ޖެހި ބޮޑު އޮޕަރޭޝަނެއް ކުރި ކަމެއް ވެސް ނާންގާ،" ޒައީމާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޖަލުގައި، ޝުމްބާގެ ގައިގައި ތަޅައި އަނިޔާކޮށްގެން ފަރުވާ ވެސް ދޭން ޖެހުނެވެ. އެ މައްސަލަ އެޗްއާރުސީއެމަށް ވެސް ހުށަހެޅި ކަމަށް ޒައީމާ ބުންޏެވެ.

ޝުމްބާގެ މައްޗަށް ކޮށްފައިވާ ކުށް ސާބިތު ނުވާއިރު ވެސް، ހުކުމްކޮށް ޖަލަށް ލާފައި ހުރި މީހެއްގެ އުސޫލުން އޭނާއާ ދޭތެރޭ އަމަލުކުރަމުން ދާ ކަމަށް އާއިލާ އިން ބުންޏެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ، ޝުމްބާ އަށް އަނިޔާކުރާ ކަމަށް އާއިލާ އިން ކުރާ ތުހުމަތުތަކަށް އެތަނުގެ ކޮމެންޓެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.

ބިރު ދެއްކުމުގެ ދައުވާގެ އިތުރުން ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުގައި ބޮމެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހޯދަން އިއުލާން ކުރި މީހުންގެ ތެރޭގައި ވެސް ޝުމްބާ ހިމެނެ އެވެ. އެކަމަކު އެ މައްސަލާގައި އޭނާގެ މައްޗަށް މިހާތަނަށް ދައުވާކޮށްފައެއް ނުވެ އެވެ.