އިންޓެލް ރިޕޯޓްގައި ޝެއިޚް ނިޝާނާ ދެކޮޅަށް ހައްސާސް މައުލޫމާތު އެބަހުރި: ކޯޓް
އިންޓެލް ރިޕޯޓްގައި ޝެއިޚް ނިޝާނާ ދެކޮޅަށް ހައްސާސް މައުލޫމާތު އެބަހުރި: ކޯޓް

ޔޯގާ ދުވަހުގެ އިވެންޓް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ ޝައިޚް އާދަމް ނިޝާނާ ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓްގައި ހައްސާސް މައުލޫމާތުތަކެއް ހިމެނޭ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.

ނިޝާން ހައްޔަރުކުރިތާ މިއަދަށް 42 ދުވަސް ވެފައި ވަނިކޮށް ބަންދަށް އިތުރު ތިން ދުވަސް ދީ ކޯޓުން ނެރުނު އަމުރުގައި ގާޒީ މުހައްމަދު މިސްބާހް ވިދާޅުވެފައިވާ ގޮތުގައި އާންމު އުސޫލަކީ ހެއްކެއްގެ ގޮތުގައި އިންޓެލިޖެންސް ރިޕޯޓް ބަލައިނުގަތުން ކަމަށް ވިޔަސް މި މައްސަލާގައި އެއަށް ރިއާޔަތްކުރަން ޖެހެނީ ނިޝާންގެ ބަންދު އިތުރު ކުރުމަށް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެދިފައި ވާތީ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނަނީ އެ ގާނޫނުގެ ދަށުން ތުހުމަތުކުރާ މައްސަލަތަކުގައި އިންޓެލިޖެންސް މައުލޫމާތަކީ ހެއްކެއްގެ ދަރަޖައިގެ، ސާބިތުކުރުމުގެ ވަސީލަތެއް ކަމުގައި ބަލަންޖެހޭނެ ކަމަށެވެ.

އަމުރުގައިވާ ގޮތުން ނިޝާންގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލައިގެ ބާވަތްތަކުގެ ތެރޭގައި ޓެރަރިޒަމްގެ އިތުރުން ބިރު ދެއްކުން، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން، މާރާމާރީ، މުދަލަށް ގެއްލުން ދިނުން އަދި ހުއްދަނޫން ތަނަކަށް ވަނުން ހިމެނެ އެވެ. އަމުރުގައި ބުނެފައިވަނީ ނިޝާންގެ މައްޗަށް ތުހުމަތުކުރާ ކުށް ކުރިކަށް ބެލެވޭ މިންވަރުގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.

ތަހުގީގަށް ގިނަ ދުވަސްތަކެއް ވެފައި ވާއިރު ކޯޓުގައި ފުލުހުން މިއަދު ބުނީ ތަހުގީގުގެ މުއްދަތު އިތުރު ކުރުމުގެ ހުއްދައަށް މި މައްސަލާގައި އެދެން ނިންމާފައިވާ ކަމަށެވެ.

ނިޝާނާ ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ އެހެން ހެކިތަކާ ބެހޭ ގޮތުން ކޯޓުން ބުނެފައިވަނީ ސްނެޕްޝޮޓްތަކުން، ޔޯގާ އިވެންޓް ހިނގަމުން ދަނިކޮށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހިން ހިންގި މީހުންނާ ދަނޑު ބޭރުގައި ނިޝާން ފެނެ އެވެ. އަދި އެ މީހުންނާ މުހާތަބުކުރާތީ ވެސް ފެންނަ ކަމަށާއި އެތަނުގައި ވާހަކަދެއްކި މީހުން "ނިޒާމް އާންމު" އަށް ބެލުމެއް ނެތި ކަން ކުރުމަށް ގޮވި ކަމަށާއި އެކަމުގެ ސަބަބުން ހަމަނުޖެހުން އުފެދުމަށް ސީދާ ގޮތުން މަގު ފަހިވި ކަމަށް ބެލެވޭ ކަމަށް ވެސް އަމުރުގައިވެ އެވެ. އަދި މިއީ ގިނަ ބަޔަކު ހިމެނޭ އަދި ދުރާލައި ރޭވިގެން ހިންގި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުރިން ނިންމި ނިންމުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ އެ ނިންމުން ރަނގަޅު ކަމަށް ވެސް ނިންމައިފަ އެވެ

ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ޝައިޚް ފަޒްލޫން މުހައްމަދު މީގެ ކުރިން ވަނީ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލައިފަ އެވެ.