ރިޗާ އާއި އަލީގެ ކައިވެނި ސެޕްޓެމްބަރުގައި
ރިޗާ އާއި އަލީގެ ކައިވެނި ސެޕްޓެމްބަރުގައި

ހަތް އަހަރުވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ، އަލީ ފަޒަލް އާއި ރިޗާ ޗައްދާ ކައިވެނިކުރަން ތައްޔާރުވެއްޖެ އެވެ.

އަލީ އާއި ރިޗާ ދިމާވީ 2012 ވަނަ އަހަރު، "ފުކްރޭ" ގެ ސެޓުންނެވެ. އެމީހުން 2020 ގައި ކައިވެނި ކުރަން ތައްޔާރުވިޔަސް ކޮވިޑްގެ ބަލިމަޑުކަމާ ހެދި ކައިވެނި ފަސްކުރީ އެވެ.

އެކަމަކު އަންނަ މަހުގެ ފަހުކޮޅު ރިޗާ އާއި އަލީ ކައިވެނިކުރަން ނިންމާފައިވާ ކަމަށްވެ އެވެެ. ކައިވެންޏާ ގުޅޭ ދެ ހަފްލާ ބޭއްވުމަށް ނިންމާފައިވެ އެވެ. އޭގެ ތެރެއިން އެއް ހަފްލާ އޮތީ މުމްބާއީގަ އެވެ.

ސެޕްޓެމްބަރުގައި ކައިވެނިކުރަން އުޅޭކަން އަދި އިއުލާން ނުކުރިޔަސް މީގެ ކުރިން ރިޗާ ވަނީ 2020 ގައި އެމީހުން ކައިވެނިކުރަން ތައްޔާރުވި ކަމަށް ބުނެފަ އެވެ. އެކަމަކު މާޗުގައި ކައިވެނިކުރަން އުޅެނިކޮށް ކޮވިޑާ އެކު ލޮކްޑައުންކުރުމުން ކައިވެނި ފަސްކުރީ މިދިޔަ އަހަރުގެ ކުރީކޮޅަށެވެ. އެކަމަކު މިދިޔަ އަހަރުގެ ކުރީކޮޅު ވެސް ކޮވިޑްގެ ކޭސްތައް އިތުރުވެ ފިޔަވަޅުތައް ވަރުގަދަކުރުމުން އަނެއްކާ ވެސް އެމީހުންގެ ކައިވެނި ފަސްކުރަން ޖެހުނީ ކަމަށް ރިޗާ ބުނެ އެވެ.

އެ ގުޅުމާ ގުޅޭ ގޮތުން ރިޗާ ބުނީ، އޭނާއަށް އަލީ ކަމުގޮސްގެން އެ ވާހަކަ ހިއްސާކުރުމުން އަލީ އެކަމާ ގުޅިގެން އެއްޗެއް ބުނުމަށް ތިން މަސް ނެގި ކަމަށެވެ. ފަސް އަހަރުވަންދެން އެ ގުޅުން ވަރަށް ސިއްރުކޮށްގެން އުޅުނަސް ފަހުން އެކަން ރަސްމީކޮށް އިއުލާންކުރި އެވެ.

އަލީ، ރިޗާއަށް ޕްރޮޕޯސްކޮށްފައި ވަނީ 2019 ގައި ރާއްޖޭގަ އެވެ.