04 އޯގަސްޓް 2022 - 18:27

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ޕީީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ދޭން ނިންމާފައި ވަނީ އެ ޕާޓީގެ ގަވާއިދާ އެއްގޮތަށް ކަމަށާއި ޕްރައިމަރީއެއް ބޭއްވިޔަސް އެމަނިކުފާނާ ވާދަކުރައްވާނެ ކެންޑިޑޭޓަކު ނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ރިޔާސީ ޓިކެޓް ޔާމީނަށް ދޭން ނިންމި މައްސަލައާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ޔާމީނަށް ޓިކެޓް ދިނީ ޕީޕީއެމްގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެސްގެން ކަމަށެވެ.
ޕްރައިމަރީއަކާ ނުލާ ޔާމީނަށް ޓިކެޓް ދޭން ނިންމެވީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޝުޖާއު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އެ ފުރުސަތު، ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރައްވާ ޕާޓީގެ ބޭފުޅުންނަށް ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނާނެ ޕްރައިމަރީގެ ހާލަތާއި އެ ހުރިހާ ހާލަތެއް ވެސް. އަޅުގަނޑުމެން ޕާޓީގެ އެ މާއްދާއަށް އަކުރެއް އިތުރުކުރީ އެ ފުރުސަތު ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރި ފަރާތެއް އެ ފުރުސަތު ބޭނުންވާ ނަމަ، [ޕްރައިމަރީއަކާ ނުލާ] ދެވޭ ގޮތަށް. މާއްދާއެއް އިތުރުވީ. އެހެންވީމަ އެ މާއްދާ އިތުރުވީމަ ޔާމީނަށް އެ ފުރުސަތު ލިބިގެންދަނީ،" ޝުޖާއު ވިދާޅުވި އެވެ.
މިހާތަނަށް ޕީޕީއެމްގެ ޓިކެޓްގައި ރައީސްކަން ކުރެއްވި ހަމައެކަނި ބޭފުޅަކީ ޔާމީނެވެ.
އަސާސީ ގަވާއިދަށް އެ އިސްލާހު ގެނައީ ޔާމީނަށް ޓިކެޓް ދިނުމަށްތޯ ސުވާލުކުރުމުން ޝުޖާއު ވިދާޅުވީ ޔާމީނަށް 2023 ގެ ޓިކެޓް ދެއްވުމަށް އެ ޕާޓީގެ ޖޮއިންޓް ސެނެޓުން މާކުރިން ނިންމަވާފައިވާ ކަމަށެވެ. އެކަން ފަހުން އުސޫލުގައި ހިމެނުއްވީ ކަމަށް ޝުޖާއު ވިދަޅުވި އެވެ.
"އަޅުގަނޑުމެން މާކުރިން އަޅުގަނޑުމެންގެ ޕާޓީގެ ރިޔާސީ ޓިކެޓް ޔާމީނަށް ދޭން ނިންމައިފީމޭ. އެއީ އަޅުގަނޑުމެން ޖޮއިންޓް ސެނެޓުން ނިންމާފައި އޮތް ނިންމުމެއް. އަސާސީ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން އިސްލާހު ގެނައީ. އެއީ އަޅުގަނޑުމެން އެތެރޭގެ ކަމެކޭ. އެއީ މިވަގުތު އަޅުގަނޑުމެން ގަބޫލުކުރާ އެންމެ ޑިމޮކްރަޓިކް ހަމަ،" އޭނާ ވިދާޅުވި އެވެ.
އެ ނިންމެވުން ދިފާއުކުރައްވާ ޝުޖާއު ވިދާޅުވީ އެ ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީގެ ކޮމިޓީތަކާއި ކައުންސިލުން ވެސް ގަބޫލުކުރަނީ ގައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކުރެވޭނެ ހަމައެކަނި ސިޔާސީ ލީޑަރަކީ ޔާމީން ކަމަށެވެ.
"އަޅުގަނޑުމެން ޕާޓީގެ ޓިކެޓް ދީފައި މިވަނީ ޕާޓީގެ ހަމަތަކާއި އެ އޮންނަ އިޖުރާއަތުގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.
އެހެން ޕާޓީތަކުން އެ ޕާޓީގެ ރިޔާސީ ޓިކެޓްގެ މައްސަލައާ ގުޅިގެން ފާޑުކިޔާތީ ޝުޖާއު ވިދާޅުވީ އެކި ޕާޓީތަކުގައި އޮންނަ އެކި ގޮތް ކަމަށެވެ.
އިދިކޮޅު ރިޔާސީ ޓިކެޓް ޔާމީން ގަބޫލުކުރައްވާފައިވާއިރު އެމަނިކުފާނަށް ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކުރަނީ މިމަހުގެ 19 ގައި ބާއްވާ އިދިކޮޅު ބޮޑު ޖަލްސާގަ އެވެ.
"ހަވާލޭ ވަތަން" ގެ ނަމުގައި ބާއްވާ އެ ޖަލްސާ އޮންނަނީ ކާނިވާ ސަރަހައްދުގަ އެވެ. ރަށްރަށުގައި ތިބި ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ވެސް ޖަލްސާގައި ބައިވެރިވުމަށް އެދޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓް، ޔާމީނަށް ދޭން ނިންމިއިރު އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން އެމަނިކުފާނަށް ދައުވާކުރާ ތިން މައްސަލައެއް ކޯޓުގައި އެބަ އޮތެވެ. އެއިން އެއްވެސް މައްސަލައެއް ސާބިތުވެއްޖެ ނަމަ، އެމަނިކުފާނަށް ވެރިކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.