04 އޯގަސްޓް 2022 - 15:50

އިންޑިއާގެ މުމްބާއީގައި ހުންނަ ޖަވާހަރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭއެންޕީޓީ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.
އެމަނިކުފާނު އިންޑިއާ އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި، އެ ގައުމުގެ އެންމެ ރަނގަޅަށް އޮޕަރޭޓުކުރާ ޕޯޓަށް ވަޑައިގަތުމުން ޖޭއެންޕީޓީގެ ޗެއާމަން ސަންޖޭ ސެތީ ވަނީ އެ ޕޯޓުގެ ތާރީހާއި ހުރި ވަސީލަތްތަކާއި މަސައްކަތްތައް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ދެއްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އެ ޕޯޓަށް ޒިޔާރަތްކުރެއްވީ، މާލޭގެ ވިޔަފާރި ބަނދަރުގެ މަސައްކަތް ކުރިޔަށް އޮތުމުން އިންޑިއާގައި އެ ކަންކަން ކުރިޔަށް ދާ ގޮތް ބައްލަވައި މައުލޫމާތު ހޯއްދެވުމަށް ކަމަށެވެ.
ޖޭއެންޕީޓީއަކީ އިންޑިއާގެ ޕްރިމިއާ ކޮންޓެއިނަރު ހޭންޑްލިން ޕޯޓެކެވެ. އިންޑިއާގެ މައި ޕޯޓުތަކަށް ބަލާއިރު، އެ އެ ޕޯޓްތަކަށް ބާލާ ކޮންޓެއިނާ ކާގޯގެ 50 ޕަސެންޓު ހިއްސާކުރަނީ ޖޭއެންޕީޓީންނެވެ. ދުނިޔޭގެ ކޮންޓެއިނާ ޕޯޓްތަކުގެ ތެރެއިން އެންމެ ރަނގަޅު 100 ބަނދަރުގެ ތެރޭގައިހިމެނޭ ޖޭއެންޕީޓީ، ދުނިޔޭގެ 200 އަށްވުރެ ގިނަ ބަނދަރަށް މުދާ އުފުލަ އެވެ.
މާލޭގައި ހުންނަ ރާއްޖޭގެ މައި ޕޯޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމެވެ. ސަރުކާރުން ނިންމާފައި ވަނީ އެ ޕޯޓް ގުޅިފަޅަށް ބަދަލުކޮށް އިތުރަށް ތަރައްގީ ކުރުމަށެވެ.