އިންޑިއާ ކަނޑުގެ ގައުމުތަކަށް ފައިދާ ބޮޑީ އެވޭލާ ދަތުރުފަތުރުގެ ނިޒާމުން: ނަޝީދު
އިންޑިއާ ކަނޑުގެ ގައުމުތަކަށް ފައިދާ ބޮޑީ އެވޭލާ ދަތުރުފަތުރުގެ ނިޒާމުން: ނަޝީދު

އިންޑިއާ ކަނޑުގެ ގައުމުތަކަށް ފައިދާ ބޮޑުވެފައި ރައްކާތެރީ އިހުޒަމާނުގައި ކަނޑުމަގުން ވިޔަފާރިކުރުމަށް ބޭނުންކުރި މަގުތައް އަލުން ބޭނުންކުރަން ފަށައި އެކަން ފުޅާކޮށްގެން ކަމަށާއި ޗައިނާގެ ރޯޑް އެންޑް ބެލްޓް އިނިޝިއޭޓިވް އަކީ ކުރިމަގު ކަމަށް ބަލައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ "ދަ ހިންދޫ" އަށް ކުރީގެ ރައީސް ނަޝީދު ލިޔުއްވި އާޓިކަލްއެއްގައި ވިދާޅުވީ ޗައިނާ އިން އޭޝިއާ، ހުޅަނގު އޭޝިއާ، އެފްރިކާ އަދި ޔޫރަޕް ވިޔަފާރީގެ ގޮތުން ގުޅުވާލުމަށް ކުރާ މަސައްކަތުގައި ކަނޑުގެ އައްސޭރީގެ ގައުމުތަކުގައި ހަދަމުން އަންނަ ބޮޑެތި ބަނދަރުތައް ފަދަ އިންފްރާސްޓްރަކްޗާތަކުގެ ސަބަބުން އެ ގައުމުތައް ދަރަނިވަމުންދާ ކަމަށެވެ.

ޗައިނާއިން ލަންކާގައި ހެދި އަދި ފައިސާ ނުދެއްކިގެން މިހާރު ޗައިނާގެ ކުންފުންޏަކަށް 99 އަހަރަށް ދޫކޮށްފައިވާ ހަމްބަންޓޯޓާ ބަނދަރަށް ޗައިނާގެ އަސްކަރީ އުޅަނދެއް ވަންނަން އުޅޭތީ އެކަމުގެ ކަންބޮޑުވުން އިންޑިއާއިން ފާޅުކޮށްފައި ވަނިކޮށް ނަޝީދު ލިޔުއްވާފައިވާ ގޮތުގައި އެއީ ލަންކާއިން ޗައިނާއަށް ދައްކަންޖެހޭ ދަރަނީގެ ބަދަލުގައި ޗައިނާއަށް ދީފައި އޮތް ތަނެކެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މިދިޔަ 1000 އަހަރު ތެރޭ ދުނިޔޭގެ އެކި ބާރުތަކުން ވަނީ އިންޑިއާ ކަނޑުގެ ވިޔަފާރީގެ މަގުތައް ކޮންޓްރޯލްކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް އެކަން ނިމެނީ އިންޑިއާ ކަނޑުގައި ވިޔަފާރިކުރާ އާއިލާތަކާ ހިސާބުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"...އެއީ އެރެބިއަން ގަލްފް، އިރުމަތީ އެފްރިކާ، ބޭ އޮފް ބެންގަލް، އިންޑިއަން ޕެނިންސިއުލާ، ސްރީ ލަންކާ، ދިވެހިރާއްޖެ އަދި ކުދި އެހެން ގައުމުތަކުގައި ތަނަވަސް އާއިލާތަކެވެ." ނަޝީދު ލިޔުއްވާފައިވެ އެވެ.

ޗައިނާގެ މަޝްރޫއުތަކަކީ ދަރަނީގެ މަޅިއެއް ކަމަށް އަބަދުވެސް ވިދާޅުވާ ނަޝީދު ލިޔުއްވާފައިވާ ގޮތުގައި ވިޔަފާރީގެ އެވޭލާ މި މަގުތަކުގެ ވެރިންނަކީ އެތައް ސަތޭކަ އަހަރެއް ވަންދެން ވެސް އިންޑިއާ ކަނޑުގެ ދަތުރުވެރިންނެވެ. އަދި މި ސަރަހައްދަށް ނިސްބަތްވާ ގައުމުތަކުގެ އެތައް އާއިލާއެއް ދަތުރުފަތުރާއި ކައިވެންޏާއި ލޯބީގެ ގޮތުން ގުޅުވާލަދިން ކަމަށް ވިދާޅުވި އެވެ.

އިބްނު ބަތޫތާ އާއި ސްރީ ލަންކާއަށް އޮންނަ ލޯތްބާ އެކު މިހާރު ވިދާޅުވަމުން ގެންދަވަނީ އިބްނު ބަތޫތާ ސްރީ ލަންކާއާ ބެހޭ ގޮތުން ދައްކާވާފައިވާ ވާހަކަތައް ހިމެނޭ "ދަ ރިހްލާ" ފޮތް ކަމަށާއި އެ ފޮތުގައި އިންޑިއާ ކަނޑުގެ އެވޭލާ ދަތުރުފަތުރުގެ ވާހަކަ ތަފްސީލްކޮށް އެބަހުރި ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އޭރު ދަތުރުކުރި އުޅަނދުފަހަރުގެ މައުލޫމާތާއި ވިޔަފާރިވެރި އާއިލާތަކުގެ ވާހަކަ ވެސް އެ ފޮތުގައި އެބަހުއްޓެވެ.

ސަރަހައްދުގައި ޕޯޗްގީޒުގެ ބާރު ހިންގުމުގެ ނަތީޖާއެއްގެ ގޮތުން، ސަރަހައްދުގައި އުޅަނދު ބަނުމަށް ބޮޑެތި ކުރިއެރުންތައް އައި ކަމަށާއި ހަމަ އެއާ އެކު ސަރަހައްދީ ގައުމުތަކުގެ ވިޔަފާރިތައް ވެސް ބީވެގެން ދާން ފެށި ކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ. އަދި ހޮޅިންނާއި އީސްޓް އިންޑިއާ ކޮމްޕެނީ އަދި ފަހުން ބްރިޓިޝް އެމްޕަޔާ އިން ބަނދަރުމަތީ ސިޓީތައް ހިފައި އިސްތިއުމާރުކުރިކަން ފާހަގަކުރައްވާފައިވެ އެވެ.

ޗައިނާއިން ވިޔަފާރީގެ މަގުތަކުގެ ކޮންޓްރޯލް ހޯދަން ކުރާ މަސައްކަތް އަދި ކާމިޔާބު ނުވާ ކަމަށާއި މި މަސައްކަތުގައި ޗައިނާއިން އިންވެސްޓްކުރި ބައެއް ގައުމުތައް ބަނގުރޫޓުވެ އަދި ބައެއް ގައުމުތަކުން އެ ހާލަތަށް ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ސްރީ ލަންކާ ވަނީ ބަނގުރޫޓުވެފަ އެވެ. އިރުމަތީ އެފްރިކާގެ ބަނދަރުމަތީ ގައުމުތަކުގެ ހާލަތު ގޯހެވެ. ޕާކިސްތާނު އޮތީ ބަނގުރޫޓުވުމުގެ މަގުމަތީގަ އެވެ." ނަޝީދު ލިޔުއްވާފައިވެ އެވެ.

އިގްތިސާދީ ހަރަކާތްތައް ހިންގާ ބަނދަރުތައް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތުގައި ގައުމުތައް ވަނީ ދަރަނިވެރިފަ އެވެ. އަދި މަންފާއެއް ނުލިބޭ އިންފްރާސްޓްރަކްޗާތަކުން އިގްތިސާދު ހަލާކުވެ ރައްޔިތުންގެ ދިރިއުޅުން ހަލާކުވަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދަރަނި ދައްކަން ލުއި ގޮތްތައް ހަމަޖައްސައި، އިންޑިއާ ކަނޑުގެ ބަނދަރުމަތީ ސިޓީތަކުން ހަމަ މިފަދަ ބިޔަ މަޝްރޫތުތަކައިގެން ކުރިއަށް ދިއުމަކީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ ތަސައްވުރު ކަމަށް ވެގެން ނުވާނެ އެވެ."

އިންޑިއާ ކަނޑުގެ ގައުމުތަކުގައި ގައުމީ އަދި ޕްރައިވެޓް ޝިޕިންލައިންތައް ބައިވަރު އެބަހުރި ކަމަށާއި ވިޔަފާރިކުރާނެ މުދާ ވެސް އެހާ ގިނަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ޝިޕިން އިންޑަސްޓްރީގައި ލިބިފައިވާ ކުރިއެރުމާ އެކު އެވޭލާ ދަތުރުފަތުރުގެ ގުޅުން އަލުން އިޔާދަކުރުމަކީ މި ސަރަހައްދަށް އެންމެ ފައިދާ ބޮޑު އަދި ރައްކާތެރި ގޮތް ކަމަށް ނަޝީދުގެ ލިޔުއްވުން ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.