03 ޖެނުއަރީ 2017 - 11:10

ހަތް ރަށެއްގެ މަގު ހެދުމުގެ މަޝްރޫއުތަކާ ގުޅިގެން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގަވާއިދާ ޚިލާފަށް ހައުސިން މިނިސްޓްރީން ދޫކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ހައުސިން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ގަވާއިދާ ޚިލާފަށް ފައިސާ ދީފައިވަނީ ހއ. ދިއްދޫ، ހދ. ހަނިމާދޫ، ތ. ވިލުފުށި، ހދ. ކުޅުދުއްފުށި، ދ. ކުޑަހުުވަދޫ، ގއ. ވިލިނގިލި އަދި ގދ. ތިނަދޫ މަގު ހެދުމުގެ މަޝްރޫއާ ގުޅިގެންނެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ ހަތް ރަށުގެ ވެސް މަގު ހެދުމުގެ މަޝްރޫއާ ހަވާލުވި އެމްއާރުޑީސީ އަށް އެޑްވާންސަށް 120 މިލިއަން ރުފިޔާ ހައުސިން މިނިސްޓްރީން ދިން އިރު އެއީ މުޅި މަޝްރޫއުގެ ޖުމްލަ އަގުގެ 25 އިންސައްތަ އެވެ. އެކަމަކު މާލިއްޔަތު ގަވާއިދު ބުނާ ގޮތުން މަޝްރޫއެއްގެ އެޑްވާންސް ފައިސާގެ ގޮތުގައި އެންމެ ގިނަވެގެން ދެވޭނީ އެ މަޝްރޫއެއްގެ އަގުގެ 15 އިންސައްތަ އެވެ.
މާލިއްޔަތު ގަވާއިދާ ޚިލާފަށް، އެ މަޝްރޫއުގެ އަގުގެ 25 އިންސައްތަ އެމްއާރުޑީސީ އަށް ދިނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓް އޮފީހާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ހައުސިން މިނިސްޓްރީން ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ސިޓީއެއްގައި އޮތަސް އެއީ ތެދު މައުލޫމާތެއް ނޫން ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން އެ މަޝްރޫއުގެ އެޑްވާންސް ފައިސާގެ ގޮތުގައި ސަރުކާރުން ދިން 120 މިލިއަން ރުފިޔާއާ އެއްވަރުގެ އަދަދެއް އެޑްވާންސް ޕޭމަންޓް ގެރެންޓީގެ ގޮތުގައި އެމްއާރުޑީސީން ސަރުކާރަށް ދޭން ޖެހޭ އިރު އެޑްވާންސް ޕޭމަންޓް ގެރެންޓީގެ ގޮތުގައި ލިބިފައިވަނީ ލިބެންޖެހޭ މިންވަރަށް ވުރެ 33 މިލިއަން ރުފިޔާ މަދުން ކަމަށް ރިޕޯޓުގައިވެ އެވެ. އަދި އެ ފައިސާއަކީ އެމްއާރުޑީސީން ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ކަމަށްވިޔަސް އެ ފައިސާ ވެސް ސަރުކާރަށް ދެއްކީ އެ މަޝްރޫއުގެ ސަބް ކޮންޓްރެކްޓަރު ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ މަޝްރޫއުގެ ޕާފޯމަންސް ގެރެންޓީގެ ގޮތުގައި މަޝްރޫއުގެ އަގުގެ 10 އިންސައްތަ އެމްއާރުޑީސީ އިން ހޯދަން ޖެހޭއިރު އެ ފައިސާ ވެސް ހޯދާފައި ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން އެ މަޝްރޫއުގެ ތެރޭގައި ހިމެނުނު ދިއްދޫ މަގު ހެދުމުގެ މަޝްރޫއަކީ 2014 ގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައި ނެތް މަޝްރޫއަކަށް ވިއިރު ވެސް އެ މަޝްރޫއަށް ބަޖެޓުން ޚަރަދު ކުރި މައްސަލަ އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ގއ. މާމެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރި އެމްޓީ ހޯގާޑް ކުންފުންޏަށް ދައްކަންޖެހޭ 16 މިލިއަން ރުފިޔާ ސަރުކާރުން ނުދެއްކުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމަށް 490،000 ރުފިޔާ ދެއްކި ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެގޮތަށް ދިމާވީ ހައުސިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު އިދާރީ ގޮތުން ހަމަޖައްސަންޖެހޭ ކަންކަން ހަމަނުޖެހި ގިނަ ދުވަސްވުމުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ދަރުބާރުގެ ކުއްޔަށް ދީގެން ލިބެންޖެހޭ 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ހުރުމާއި ހައުސިން މިނިސްޓްރީގެ ތިޖޫރީގެ ލިޔުންތައް ބަލަހައްޓާފައި ނުވާތީ ތިޖޫރީގައި ހުންނަންޖެހޭ ސައްހަ އަދަދު ކަށަވަރު ނުވާ މައްސަލަ އާއި ސިވިލް ސާވިސް ގަވާއިދާ ޚިލާފަށް ހައުސިން މިނިސްޓްރީގައި މުވައްޒަފަކު ގެންގުޅުނު މައްސަލަ އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައިވެ އެވެ.