ފޯނު ޖަހައިގެން ދުއްވައިގަތީ ސަލާން ޖަހަން އުޅެނީކަމަށް ހަދާފައި: ނަޝީދު
ފޯނު ޖަހައިގެން ދުއްވައިގަތީ ސަލާން ޖަހަން އުޅެނީކަމަށް ހަދާފައި: ނަޝީދު

އިނގިރޭސިވިލާތުގައި ދަރިކަނބަލުންނާ އެކު މެންދުރުގެ ފަރިއްކޮޅުގައި އިއްޔެ އިންނަވަނިކޮށް ފޯނު ޖަހައިގަތީ ސަލާން ޖަހަން އުޅެނީ ކަމަށް ހަދާފައި ގާތްވި މީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފޯނު ޖަހައިގެން ދުއްވައިގަތީ ސަލާން ޖަހަން އުޅެނީކަމަށް ހަދާފައި: ނަޝީދު
ފޯނު ޖަހައިގެން ދުއްވައިގަތީ ސަލާން ޖަހަން އުޅެނީކަމަށް ހަދާފައި: ނަޝީދު

ނަޝީދު "މިހާރު" އަށް ވިދާޅުވީ ދަރިކަނބަލުން މީރާ ލައިލާ ނަޝީދާ އެކު ރެސްޓޯރަންޓަށް ވަޑައިގަތީ މޫސުން ރަނގަޅު ދުވަހަކަށް ވުމާ އެކު މީރާގެ ލަންޗް ބްރޭކަށް ކަމަށެވެ. އެމަނިކުފާނާ އެކު ޔޫކޭ އަށް ދިޔަ އެމްއެންޑީއެފްގެ ސެކިއުރިޓީ ވެސް އެތަނުގައި އިން ކަމަށް ވިދާޅުވި އެވެ.

އެކަމަކު ތަންކޮޅެއް ދުރު މޭޒެއްގައި ސެކިއުރިޓީ އިނީ، ނަޝީދު ވިދާޅުވި ގޮތުގައި، ދަރިކަނބަލުންނާ އެކު ވާހަކަ ދައްކަވަން އެކަނި އިންނަވަން ބޭނުންފުޅުވެގެން އެކަމަށް އެދިވަޑައިގަތުމުންނެވެ.

ނަޝީދު ވިދާޅުވީ މޭޒު ކައިރިއަށް ގާތްވީ ސަލާން ޖަހަން އެ ސަރަހައްދުގައި އުޅުނު މީހެއް ކަަމަށެވެ. އޭނާއަށް ދޭން ލާރިއެއް ނަގަން އުޅެނިކޮށް ފެނުނީ ފޯނު ނަގައިގެން ދުއްވައިގަތް ތަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ފޯނު ނަގައިގެން އޭނާ ދުއްވައިގަތީމަ [ދަރިކަނބަލުން ވިދާޅުވީ] ބައްޕަ އޭނަ ދުއްވައިގެންފިއޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މީހާ ސަލާން ޖަހަން މޭޒުކައިރިއަށް ގާތްވެ އުޅުނު ގޮތާއި ފޯނު ޖަހައިގެން ދުއްވައިގަތުމަކީ ފިލްމުތަކުން ވެސް ފެނިވަޑައިގަންނަވާ ފަދަ މަންޒަރެކެވެ.

ނަޝީދު ޔޫކޭއަށް ވަޑައިގަތީ މިދިޔަ މަހުގެ 22 އިން 28 އަށް ސީޝެލްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެވެ. ރަސްމީ ދަތުރުތަކުގައި ސެކިއުރިޓީން އެމަނިކުފާނާ އެކު ދަތުރުކުރެ އެވެ. ތަކުރާރުކޮށް މަރުގެ އިންޒާރު ދީފައިވާތީ ތްރެޓް ލެވެލް ބޮޑުކަމުން 24 ގަޑިއިރު އެމްއެންޑީއެފުން ރައްކާތެރިކަން ފޯރުކޮށްދޭ ނަޝީދުގެ ފޯނު ޔޫކޭގައި ޖަހައިގަތް އިރު ސެކިއުރިޓީން ކޮބައިތޯ ދަނީ ސުވާލު އުފައްދަމުންނެވެ.

"ސެކިއުރިޓީގެ ކުށެއް މީގައި ނެތް. ދަރިފުޅާ އެކު ޕްރައިވެޓް ކޮންވަޒޭޝަނެއް ވީމަ އަޅުގަނޑު އެދިގެން ތަންކޮޅެއް ދުރުގައި ގާޑު އިނީ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު މިއަދު ވަނީ އެހެން ފޯނަކުން އެޕްލިކޭޝަންތައް ބޭނުންކުރައްވަން ފައްޓަވައިފަ އެވެ.

އެންމެ މަތީ ފެންވަރުގެ ރައްކާތެރިކަން އެމަނިކުފާނަށް ދޭން ފެށީ، ބޮމެއް ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނު ހަމަލާއަށް ފަހު އެވެ. މި މައްސަލައިގައި މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241) އިން ހެދި އިންކުއަރީއަށް ފަހު، އެމަނިކުފާނުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން އޮތީ ކަމާގުޅޭ އިދާރާތަކަށް ލަފާ ވެސް އަރުވައިފަ އެވެ.

ރާއްޖެ އިން ބޭރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅުތަކުގައި ވެސް ސެކިއުރިޓީން ނަޝީދާ އެކު ވަޑައިގަންނަވަ އެވެ. އެކަމަކު ނުރަސްމީ ދަތުރުތަކުގައި ސެކިއުރިޓީ ހަމަޖައްސައިދޭގޮތަށް އޮންނަނީ އެމަނިކުފާނުގެ އޮފީހުން އެކަމަށް އެދިވަޑައިގެންފި ނަމަ އެވެ.

ބޭރުގައި އުޅުއްވާ އިރު އެމްއެންޑީއެފުން ރާއްޖޭގައި ދެމުން އަންނަ ސެކިއުރިޓީއާ މާބޮޑަށް ވެސް ތަފާތުވާނެ އެވެ. އެއީ ގައުމުން ބޭރުގައި ނަމަ ލިބޭ ބާރުތައް ވަރަށް ބޮޑަށް ހަނިވާނެތީ އެވެ. އެމްއެންޑީއެފުން ސެކިއުރިޓީ ދިނުމުގެ އެސްއޯޕީގައި ވެސް އެގޮތަށް އޮންނަ ކަން ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ އަންގައިފަ އެވެ.