04 އޯގަސްޓް 2022 - 10:40

މާލެއަށް ރޭ ދަންވަރު ވައިގަދަވެ ހެންވޭރު ސަހަރާގެ ހުޅަނގުފަރާތުގައި ހުރި ބޮޑު ގަހެއް ވެއްޓި ޕާކުކޮށްފައި ހުރި ވެހިކަލްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއފުން ބުނި ގޮތުގައި ގަސް ވެއްޓިގެން ރިޕޯޓް ލިބުނީ ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ. އެ ވަގުތު ރެސްކިއު ޓީމު އެތަނަށް ގޮސް ވެހިކަލްތަކުގެ މަތިން ގަސް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ދުވަސްވީ ގަސް ވެއްޓި ދެ ގެއެއްގެ ފުރާޅަށާއި ޕާކުކޮށްފައި ހުރި ކާރުތަކަކާއި ސައިކަލްތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މޫސުން ގޯސް މި ދުވަސްވަރު ބައެއް ރަށްތަކަށް ވެސް އުދަ އެރުމާއި ވައިގަދަވެ ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިއަދު ވެސް މޫސުން ގޯސްކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. ހދ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރޭ ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ، ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަމަށް އެ އިދާރާ އިން ބުންޏެވެ.
އެ ސަރަހައްދުގެ މޫސުމް މިއަދު ވެސް ލަފާކޮށްފައި އޮތީ ގޯސްވާނެ ކަމަށެވެ.
ބޮޑު ޗުއްޓީއަށް ފަހު އަންނަ ހަފުތާގައި ސްކޫލްތައް ހުޅުވިޔަސް މޫސުން ގޯސްވެ ދަތުރުފަތުރަށް ހުރަސްއެޅިފައިވާތީ ބައެއް ދަރިވަރުން ވަނީ ރަށްރަށުގައި ތާށިވެފަ އެވެ. ބައެއް ސަރަހައްދުތަކުގައި ފެރީ ދަތުރުތައް ވަނީ މޫސުން ރަނގަޅުވަންދެން މެދުކަނޑާލައިފަ އެވެ. ފްލައިޓްތައް ފުލްކަމުން ޖާގަ ހޯދަން ވެސް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.