04 އޯގަސްޓް 2022 - 09:22

އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ގެ ހެޓްރިކާ އެކު 6-0 ގެ ބޮޑު ތަފާތަކުން ބިސްބުރު ސްޕޯޓްސް ކުލަބް ބަލިކޮށް، ޓެންޓް ސްޕޯޓްސް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭ ގެ ތިން ވަނައަށް ޖެހިލައިފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ޝަފްލޭ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އޭނާގެ ހަތަރު ލަނޑު ވެސް ޖެހީ މެޗުގެ ދެވަނަ ހާފުގަ އެވެ.
ޓެންޓް ސްޕޯޓްސް އިން ފުރަތަމަ ހާފް ނިންމާލީ 12 ވަނަ މިނިޓުގައި ރުކްޝާން މުހައްމަދު މުޖުބުލް ރަހްމާން ޖެހި ލަނޑުން އެއް ލަނޑުގެ ލީޑަކާ އެކު އެވެ. ނަމަވެސް ފަހު ހާފުގެ ހަތަރުވަނަ މިނިޓުގައި ލީޑް ފުޅާ ކޮށްދިނީ ޝަފްލޭ އެވެ.
މެޗުގެ 55 ވަނަ މިނިޓުގައި މުހައްމަދު އިޔާން ހަސަން އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައި ވަނިކޮށް، 61 ވަނަ މިނިޓާއި 67 ވަނަ މިނިޓުގައި ލަނޑު ޖަހައި ޝަފްލޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. އަދި އޭނާގެ ހަތަރުވަނަ ލަނޑު ޖެހީ 75 ވަނަ މިނިޓުގަ އެވެ.
މިއީ ޓެންޓް ސްޕޯޓްސް އާއި ބިސްބުރު ސްޕޯޓްސް ވެސް ދެވަނަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ޓެންޓް ސްޕޯޓްސް ވަނީ މި މޮޅާ އެކު ގުރޫޕުގެ ތިން ވަނައަށް ޖެހިލައި، ސެމީ ފައިނަލުން ޖާގަ ހޯދުމުގެ އުއްމީދު ދަމަހައްޓައިފަ އެވެ. ނަމަވެސް ބިސްބުރު ސްޕޯޓްސް އަށް ވަނީ ސެމީގެ ދޮރު ބަންދުވެފަ އެވެ.
މި ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ބުރު ސްޕޯޓްސް ކުލަބް ވަނީ ސެމީގެ ޖާގަ ހޯދައިފަ އެވެ. އަދި ދެ ވަނައިގައި އޮތީ ކުޅުނު ހަ މެޗުން 12 ޕޮއިންޓް ހޯދާފައިވާ ކުޑަހެންވޭރު ޔުނައިޓެޑެވެ. ކުޑަހެންވޭރު ޔުނައިޓެޑް ވަނީ އިއްޔެ ހަވީރު ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
ޓެންޓް ސްޕޯޓްސް ތިންވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ކްލަބް ޕީކޭ އަށް ވެސް ވަނީ ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބެނީ ޓެންޓް ސްޕޯޓްސް އަށެވެ.
ފަސްވަނައިގައި އޮތް ޖޭޖޭ ސްޕޯޓްސް އާއި ހަވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބަށް ވެސް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައި ވާއިރު، ބިސްބުރު ސްޕޯޓްސް އޮތީ ހަތް ވަނައިގަ އެވެ. ބިސްބުރު ސްޕޯޓްސް އަށް ވަނީ މިހާތަނަށް ކުޅުނު ހަ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އޮތް ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބެވެ.
ޓެންޓް ސްޕޯޓްސް އާއި ޕީކޭ އަށް ވެސް ގުރޫޕް ސްޓޭޖުގައި ބާކީ އޮތީ ދެ މެޗެވެ. ޓެންޓް ސްޕޯޓްސް އެންމެ އަވަހަށް ނުކުންނާނީ ކެޕިޓަލް ސިޓީއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ނުކުންނާނީ ޖޭޖޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
ކުލަބް ޕީކޭ އެންމެ އަވަހަށް ކުޅޭ މެޗުގައި ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި އެ ޓީމުގެ ފަހު މެޗުގައި ކުޅޭނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ.
ދެ ވަނަ ޑިވިޝަނުގައި ޖުލައި 26 ގައި ޓާފް ދަނޑުގައި ކުޅެން އޮތް ގުރޫޕް އޭގެ ދެ މެޗު ވަނީ މެޗު އޮފިޝަލުންގެ ދަތިތަކާ ހުރެ ފަސްކުރަން ޖެހިފަ އެވެ. އެއީ ކްލަބް ޕީކޭ އާއި ސިފައިންގެ ކުލަބް ކުޅެން އޮތް މެޗާއި، ޓެންޓް އަދި ޖޭޖޭ ބައްދަލުކުރަން އޮތް މެޗެވެ. ދެ މެޗު ވެސް ކުޅެން އަލުން ތާވަލް ކޮށްފައި ވަނީ އޮގަސްޓް 10 ވާ ބުދަ ދުވަހަށެވެ.
އެއަށް ފަހު މޫސުން ގޯސްވުމުގެ ސަބަބުން ވަނީ ގުރޫޕް ބީގެ މެޗެއް ވެސް ފަސްކޮށްފަ އެވެ. އެއީ ހޯމަ ދުވަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބް ޓާފް ދަނޑުގައި ކުޅެން އޮތް މެޗެވެ. އެ މެޗު ކުޅެން ތާވަލުކުރެވިފައި ވަނީ އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހަށެވެ.
10 އޮގަސްޓް/ 16:00 (ޓާފް ދަނޑު): ކްލަބް ޕީކޭ - ދިވެހި ސިފައިންގެ ކުލަބް
10 އޮގަސްޓް/ 21:00 (ގަލޮޅު ދަނޑު): ޓެންޓް ސްޕޯޓްސް ކުލަބް - ޖޭޖޭ ސްޕޯޓްސް ކުލަބް
11 އޮގަސްޓް/ 16:00 (ގަލޮޅު ދަނޑު): ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް - މަހިބަދޫ ސްޕޯޓްސް ކުލަބް