މެންޗެސްޓާ ޔުނައިޓެޑުން ޑިފެންޑަރުންތަކެއް ދޫކޮށްލަނީ
މެންޗެސްޓާ ޔުނައިޓެޑުން ޑިފެންޑަރުންތަކެއް ދޫކޮށްލަނީ

މެންޗެސްޓާ (އޮގަސްޓް 4) - މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންސަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ކޯޗު ޓެން ހަގް ގެ ޕްލޭނުގައި ނުހިމެނޭ ކުޅުންތެރިން ވިއްކާލަން ތައްތާރު ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ސްޕެއިންގެ ސެވިއްޔާ އިން އަންނަނީ ލޯނު އުސޫލުން ޔުނައިޓެޑްގެ ވާތު ބެކް އެލެކްސް ޓެލެސް ގެންދަން މަޝްވަރާ ކުރަމުންނެވެ. އަދި ޔުނައިޓެޑްގެ ޑިފެންޑަރު އެރިކް ބެއިލީ ގެންދަން ވެސް އެޓީމުން ޝައުގުވެރި ވެ އެވެ. މީގެ އިތުރުން އިޓަލީގެ އޭއެސް ރޯމާ އިން ވެސް ބެއިލީ އަށް ޝައުގުވެރި ވެއެވެ.

އެކްސެލް ޓުއަންޒޭބޭ އާއި އާރޮން ވަން ބިސާކާ އަދި ފިލް ޖޯންސް އާއި ޒުވާން ފުލްބެކް ބްރެންޑަން ވިލިއަމްސް އަށް ވެސް ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.

ޓެލެސް ކުޅޭ މަގާމަށް ޓެން ހަގް ވަނީ ނެދަލެންޑްސް ލީގުގައި ކުޅުނު ޓީރެލް މަލަސިއާ ގެނެސްފަ އެވެ. ޕްރީ ސީޒަން ޓުއާގައި ސެންޓަ ބެކާއި މިޑްފީލްޑަށް ކުޅުވި ޓެލެސްގެ ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު އެބަ އޮތެވެ.

އައިވަރީ ކޯސްޓުގެ ޑިފެންޑަރު ބެއިލީ ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ޔުނައިޓެޑާ އެކު ކޮންޓްރެކްޓް އާކޮށްފަ އެވެ. އޭނާގެ ކޮންޓްރެކްޓުގައި ވެސް އިތުރު ދެ އަހަރު އެބަ އޮތެވެ. ނަމަވެސް ޔުނައިޓެޑުން އާޖެންޓީނާގެ ސެންޓަ ބެކް ލިސަންޑްރޯ މާޓިނޭޒްގެ ސޮއި ހޯދުމާ އެކު، ބެއިލީ އަށް ކުޅެން ލިބޭ ފުރުސަތު މަދު ވާނެ ކަމަށް ބެލެވެ އެވެ.

ޕްރީ ސީޒަނުގައި ޓެން ހަގް ވަނީ ސެންޓަ ބެކުންގެ މަގާމަށް ކެޕްޓަން ހެރީ މެގުއާ އަދި ވިކްޓާ ލިންޑަލޯފް އެކުގައު ކުޅުވުމުގެ އިތުރުން، މާޓިނޭޒް އާއި ރަފައެލް ވަރާން އެކުގައި ޓެސްޓްކޮށްފަ އެވެ.

ޔުނައިޓެޑުން އަންނަނީ ކުޅުންތެރިން ވިއްކައިގެން، މަހުގެ ބާކީ ބައިގައި އެ ޓީމުގެ ޓްރާޏްސްފާ ބަޖެޓު އިތުރުކުރަން މަސައްކަތް ކުރަމުންނެވެ. ބާސެލޯނާގެ މިޑްފީލްޑަރު ފްރޭންކީ ޑިޔޮން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު، ކަނާތު ބެކަކާއި ފޯވާޑެއްގެ އިތުރުން ބެކަޕް ގޯލްކީޕަރެއް ގެންނަން މަސައްކަތް ކުރާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.